ފުވައްމުލަކު ނެރުކައިރިއަށް ޑައިވްކުރަނިކޮށް ގެއްލުނު މުހައްމަދު ސައީދު ހޯދުމުގެ މަސައްކަތް މެދުކަނޑާލައިފިއެވެ.

އމްއެންޑީއެފުން ބުނީ މެއި ދެ ވަނަ ދުވަހު ފުވައްމުލަކު ބޭރުން ޑައިވްކުރަނިކޮށް ގެއްލުނު މުހައްމަދު ސައީދު ހޯދުމަށް ކުރިއަށް ގެންދިޔަ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަން އެމްއެންޑީއެފް ކޯސްޓްގާޑުން މެދުކަނޑާލާފައިވާ ކަމަށެވެ.
ފުވައްމުލަކު “ޓައިގާ ޝާކް” ޑައިވިންގ ޕޮއިންޓަށް ޑައިވިނަށް ފޭބި ސައީދު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފެށީ މިދިޔަ ހޯމަދުވަހުގައެވެ. އޭނާ ފީނަން ފޭބި ކަމަށް ރިޕޯޓުކޮށްފައި ވަނީ އެދުވަހުގެ 14:30 ހާއިރުއެވެ.
އެމްއެންޑީއެފުން ބުނީސައީދު ހޯދުމަށް ކޯސްޓްގާޑުގެ ސިފައިން ހަތް ދުވަހުގެ ތެރޭގައި، ވައިގެ މަގުން 2960 އަކަ މޭލު، ކަނޑުގެ މަގުން (ސާރފޭސް ސާރޗު) 760 އަކަ މޭލު އަދި ކަނޑުގެ އަޑިން 1000 މީޓަރުގެ (ފުންމިން 85 މީޓަރު) ސަރަހައްދެއް ބަލާފައިކަމަށެވެ.
ސައީދު ހޯދުމުގެ މަސައްކަތް މެދުކަނޑާލާފައިވާއިރު އޭނާ އާ އެކު ޑައިވިނަށް ފޭބި މަހުމޫދު ފާއިޒްގެ ހާލު ގޯސްވެގެން ދ. ކަނޑިންމަ މޯލްޑިވްސްގައި ހުންނަ ޑީކޮމްޕްރެޝަން ޗެމްބަރގައި ފަރުވާ ދިނުމަށްފަހު ވަނީ އިތުރު ފަރުވާއަށް މާލެވެސް ގެނެސްފައެވެ.