އިންޑިއާގެ މިސްކިތްތަކުގައި ތާޅަފިލި (އަޑުގަދަކުރާ)އިން ބަންގި ގޮވުން ހުއްޓުވުމަށް ހައްދު ފަހަނަޅާފައިވާ ހިންދޫން ކުރަމުން ދާ މަސައްކަތަށް ބޮޑު ކާމިޔާބެއް ލިބިއްޖެއެވެ. އެއީ ބަންގި ދިނުމުގައި ތާޅަފިލި ބޭނުން ކުރުމަކީ މައިގަނޑު ހައްގެއް ނޫންކަމަށް އިލާހު އާބާދުގެ ހައިކޯޓުން ނިންމުމުންނެވެ.
ތާޅާފިލި ބޭނުން ކޮށްގެން ބަންގި ދިނުމުގެ ހުއްދައަށް އެދި އިލާހު އާބާދުގެ ހައިކޯޓަށް ހުށަހެޅި މައްސަލައި އަޑު އެހުން ނިންމަން އިއްވި ބަޔާނުގައި ބުނެފައި ވަނީ ބަންގި ގޮވަން ތާލަފިލި ބޭނުން ކުރުމުގެ ހުއްދަ ނުދެވޭނޭކަމަށާއި އެއީ މުހިއްމު ހައްގެއް ނޫންކަމަށެވެ.
މިސްކިތްތަކުގައި ތާޅަފިލި ބޭނުން ކުރުމަށް އެދި ކޯޓުގައި ވާހަކަދެއްކި ފަރާތްތަކުން އެދިފައި ވަނީ ތާޅަފިލިން ބަންގި ގޮވުމަކީ މުސްލިމުންނަށް ލިބިގެންވާ މުހިއްމު ހައްގެއް ކަމަށާއި އެ ހައްގު ނިގުޅައި ނުގަނެ މުސްލިމުންނަށް ދިނުމަށެވެ.
ހައިކޯޓުން މައްސަލަ ބެއްލެވި ދެ ފަނޑިޔާރުން ކަމަށްވާ ޖަސްޓިސް ވިވެކް ކުމާރު ބިރުލާއާއި ޖަސްޓިސް ވިކާސްގެ ނިޔާގައި ވަނީ މިސްކިތްތަކުގައި ބަންގި ދިނުމަށް ތާޅަފިލި ބޭނުން ކުރުމަކީ މުސްލިމުންގެ މައިގަނޑު ހައްގެއް ނޫންކަމަށެވެ. އަދި އެފަދަ ކަންތައްތަކުގެ ތެރެއަށް ފަނޑިޔާރުގެ ނުވެއްދުމަށް އެދުމާއެކު އެ މައްސަލަ ކޯޓުން ވަނީ ބޭރުކޮށްފައެވެ. ފަނޑިޔާރުން ވިދާޅުވި ގޮތުގައި އެއީ ކޯޓުން ބެލޭނެ މައްސަލައެއް ނޫންކަމަށެވެ.
އިލާހު އާބާދުގެ ހައިކޯޓުގެ އެނިޔާގެ ސަބަބުން އެހެން ވަރަށް ގިނަ ސްޓޭޓުތަކުގައި ވެސް ތާޅަފިލިން ބަންގި ގޮވުން މަނާކުރުމަށް މަގުފަހިވެގެންދާނެއެވެ.
ހައްދުފަހަނަޅާފައިވާ ހިންދޫންގެ ޖަމާއަތެއްކަމުގައިވާ އެމްއެންއެސްގެ ރައީސް ރާޖް ޓާކްރޭ ވަނީ މިސްކިތްތަކުން ބަންގި ދިނުމަށް ތާޅަފިލި ބޭނުން ނުކުރުމަށް އިންޒާރުދީފައެވެ. އަދި ތާޅަފިލި ބޭނުންކޮށްގެން ބަންގި ދޭނަމަ މިސްކިތްތަކުގެ ބޭރުގައި ތާޅަފިލި ހަރުކޮށްގެން ހިންދޫން އަޅުކަން ކުރަން ބޭނުންކުރާ ފަތިވަރު އަޑުގަދަކޮށްޖަހައި މުޒާހަރާ ކުރާނެކަމަށް ވެސް އޭނާ ބުނެފައެވެ.
ހައްދު ފަހަނަޅާފައިވާ ހިންދޫން ގިނަ ސްޓޭޓުތަކުގައި ތާޅަފިލިން އަޑުގަދަކޮށް ބަންގިވޮވުމާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ހިންގަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ