ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާން މަގާމުން ދުރުކުރުމުގައި އެމެރިކާއިން ބޮޑު ދައުރެއް ކުޅެފައިވާ ކަމަށް ޕާކިސްތާނުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ޕީ.ޓީ.އައިގެ އިސްވެރިން ތަކެއް ބުނެފިއެވެ.
ޕީ.ޓީ.އައިގެ ގިނަ ވެރިންތަކެއް ވަނީ އެމެރިކާއަށް ނިސްބަތްވާ ޑިފެންސް އެނަލިސްޓެއް ކަމަށްވާ ރެބެކާ ގްރާންޓް، ފޮކްސް ނޫހަށް ދިން އިންޓަވިއުއެއް ޓްވިޓާގައި ޝެއާކޮށްފައެވެ. މި އިންޓަވިއުގައި ޢިމްރާން ޚާނާ ދެކޮޅަށް ކުރިޔަށް ގެންދިޔަ އިތުބާރު ނެތް ކަމުގެ ވޯޓްގައި އެމެރިކާއިން ބޮޑު ދައުރެއް ކުޅެފައިވާކަމަށް ރެބެކާ ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ ކުރީގެ ސަރުކާރުގެ އަމަލުތަކާ މެދު އެމެރިކާއިން ހިތްހަމަ ނުޖެހިފައިވާ ކަން ފާހަގަކޮށް ޕާކިސްތާނުގެ މިހާރުގެ ސަރުކާރަށް ދޭނެ ނަސޭހަތަކާމެދު ރެބެކާއާ ވަނީ ސުވާލު ކުރެވިފައެވެ. މި ސުވާލުގެ ޖަވާބުގައި “ޕާކިސްތާނުން ޔޫކްރޭނަށް އެހީވެ، ރަޝިއާއާ އެކު އެއްބަސްވުންތައް ހެދުން ހުއްޓާލާ، ޗައިނާ އާއި އެކު އޮންނަ ގުޅުން ކަނޑާ، އެމެރިކާ އާ ދެކޮޅަށް ހަދާފައިވާ އުސޫލުތައް ނައްތާލަން ޖެހޭނެ” ކަމަށް ރެބެކާ ވަނީ ބުނެފައެވެ.
ރެބެކާ ބުނި ގޮތުގައި ޢިމްރާން ޚާން ބޮޑު ވަޒީރުކަމުގެ މަގާމުން ވަކިކުރެވުނީ މި ނަސޭހަތްތައް އަޑު ނޭހުމުންނެވެ. ރެބެކާ ބުނި ގޮތުގައި އެމެރިކާ އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ނައްތާލައި، ރަޝިއާ އާއެކު އޮންނަ ގުޅުން ކަނޑަންވީ ވަގުތު ޕާކިސްތާނަށް ވަނީ ބޯމަތިވެފައެވެ.
ރެބެކާގެ މި އިންޓަވިއުގެ ވީޑިއޯއެއް ޓްވިޓާގައި ޝެއާކޮށް ޕީ.ޓީ.އައިގެ ލީޑަރެއް ކަމަށްވާ ޝިރީން މަޒަރީ ވަނީ އެމެރިކާއިން ޢިމްރާން ޚާން މަގާމުން ދުރުކުރުމުގައި ބޮޑުދައުރެއް އަދާކުރި ކަމާ މެދު އިތުރު ހެއްކެއް ރައްޔިތުންބޭނުންވޭތޯ ސުވާލު ކޮށްފައެވެ. ޝިރީން ބުނެފައިވާ ގޮތުގައިއެމެރިކާއިން ޢިމްރާން ޚާން މަގާމުން ވަކި ކުރީ އެމެރިކާގެ އަމުރުތަކަށް ބޯ ނުލެބުމުންނެވެ.
މީގެ އިތުރުން ޝިރީން ބުނެފައިވާ ގޮތުގައި މި އިންޓަވިއުއަކީ އިމްރާން ޚާން މަގާމުން ދުރުކުރުމުގައި އެމެރިކާއިން ބޮޑު ދައުރެއް އަދާ ކުރިކަމަށް އިއުތިރާފު ވުމެވެ.