ޓެރަރިޒަމް އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދު

Loading

Facebook
Twitter
WhatsApp

ހަރުކަށި ފިކުރު ފަތުރަން މަސައްކަތް ކުރާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއތައް ތާއީދުކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ޖަމާއަތުގެ ފިކުރު ތަކަށް ހިތްވަރުދޭކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ހޫދު ބަންދުކުރުމަށް އަމުރުކުރީ ބަންދު މުރާޖައާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ދައުލަތުން އެކަމަށް އެދުމުންނެވެ.

ދައުލަތުން ބުނެފައި ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި އެކައުންޓްތަކުން އައިއެސް ޖަމާއަތައް ތާއީދުކޮށް، އެ ޖަމާއަތުގެ ލިޔެކިއުންތަކާއި ފޮޓޯއާއި ވީޑިއޯ އިންޓަނެޓް މެދުވެރިކޮށް ފަތުރައި ޝާއިއުކޮށް އަދި ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރުދެމުންދާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް އެބަ އޮތް ކަމަށެވެ.

 ހޫދު ވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ތުހުމަތުތަކަށް އިންކާރުކޮށް ކޯޓުގައި ވާހަކަ ދައްކާފައެވެ.  އޭނާ ބުނެފައި ވަނީ ޓެރަރިޒަމްގެ އަމަލެއް އޭނާ ހިންގާފައި ނުވާނެ ކަމަށާއި އެފަދަ އަމަލެއްގައި އޭނާ ބައިވެރިވެފައި ވެސް ނުވާނެ ކަމަށެވެ.

ނަމަވެސް އޭނާ އަކީ މައުލޫމާތު ހޯދާ އެއްކުރާ މީހެއްކަމަށާ އައިއެސްއާ ގުޅުން ހުރި މައުލޫމާތުތައް އޭނާގެ ފޯނުގައި ހުރެދާނެކަމަށް އޭނާ ވަނީ ބުނެފައެވެ.

މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލައި ގާޒީ ދީބާނާޒް ފަހުމީ ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރައްވާފަ އެވެ.

ދައުލަތުން ބުނެފައި ވަނީ ހޫދު ޓެލެގްރާމް އަދި އެ ނޫންވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިން ޕްލެޓްފޯމްތަކުގައި ”ސްކާމިޝް“ އާއި ”ސްކާމިޝްކިޑް“ ފަދަ ނަންނަމުގައި އެކައުންޓްތައް ހަދައި ސޯޝަލް މީޑިއާ ގުރޫޕްތަކުގައި އައިއެސްއަށް ތާއީދުކޮށް އެކި ގައުމުތަކުގައި ހަރަކާތްތެރިވާ އެ ޖަމާއަތަށް ތާއީދު ކުރާ މީހުންނަށް އެ ޖަމާއަތުގެ ލިޔެކިޔުންތައް ދައުރުކޮށްދީ އަދި ބައެއް ތަންތަނަށާ މީހުންނަށް ހަމަލާ ދިނުމަށް ގޮވާލާ ހަދާކަމަށެވެ.

އެގޮތުން  ހުޅަނގުގެ ބައެއް ގައުމުތަކުގެ އިސްވެރިންގެ ފުރާނައަށް ނުރައްކާވާފަދަ ހަމަލާ ދިނުމަށް ގޮވާލާ އެފަދަ ކަންކަން ކުރުމަށް ހިތްވަރު ދެމުން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ހޫދު ހައްޔަރުކޮށްފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ޖެނުއަރީ މަހު ހަ ވަނަ ދުވަހުއެވެ.

ދައުލަތުން އޭނާގެ މައްޗަށް ފަސް ދައުވާ އެއް އުފުލާފައި ވެއެވެ.  މިދައުވާތައް ސާބިތު ވެއްޖެނަމަ އެންމެ ކުޑަވެގެންވެސް 34 އަހަރު އަހަރުގެ ޖަލު ހުކުމެއް ހޫދުއަށް އަންނާނެއެވެ.

ހޫދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް

  • އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ – 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް
  • އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ފެތުރުން – 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް
  • ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުން – 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް
  • ޓެރަރިސްޓް ޖަމާއަތަކަށް ތާޢީދުކުރުން – ތިން އަހަރާ ފަސް އަހަރާ ދެމެދުގެ ޖަލު ހުކުމެއް
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުން – އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެއް

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް