މާޗު މަހުގެ ތެރޭގައި އިޒުރޭލުން ފަލަސްތީނުގެ 539 ރައްޔިތުން ބަންދުކޮށްފައިވޭ

Facebook
Twitter
WhatsApp
Untitled-design-31-35 - Copy

ފަލަސްތީނުގެ ޕްރިޒަނާރސް އެޑްވޮކަސީ ޖަމިއްޔާތަކުން ހާމަކޮށްފައިވާ ގޮތުގައި މާޗް މަހު އެކަނި އިޒުރޭލުން ވަނީ ފަލަސްތީނުގެ 539 ރައްޔިތުން ހައްޔަރުކޮށްފައެވެ. އޭޕްރީލް މަހުގެ 12ވަނަ ދުވަހު ނެރުނު ރިޕޯޓްގައި ވާ ގޮތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި 62 ކުޑަކުދިންގެ އިތުރުން 19 އަންހެނުން ހިމެނެއެވެ.

ފަލަސްތީނުގެ ޕްރިޒަނާރސް ސޮސައިޓީ އާއި އަޑަމީރް ޕްރިޒަނާ ސަޕޯޓް އެންޑް ހިއުމަން ރައިޓްސް އެސޯސިއޭޝަން އަދި ވާދީ ހިލްވެހް ޖަމިއްޔާގެ އިތުރުން ބައެއް ޖަމްއިއްޔާތައް ނެރުނު މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އިޒްރޭލުގެ ސިފައިން މާޗު މަހު އެންމެ ގިނަ ބަޔަކު ހައްޔަރުކޮށްފައިވަނީ ޖެރޫސަލަމްއިންނެވެ. ޖެރޫސަލަމްއިން 163 މީހަކު ވަނީ ހައްޔަރު ކުރެވިފައެވެ. މީގެ ތެރޭގައި 43 ކުޑަކުދިން ހިމެނެއެވެ.

މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އިޒުރޭލުގެ ޖަލުތަކުގައި މާޗު މަސް ނިމުނުއިރު ޖުމުލަ 4450 ފަލަސްތީނުގެ ރައްޔިތުން ހައްޔަރުކޮށްފައި އެބަތިއްބެވެ. މީގެ ތެރޭގައި 160 ކުޑަކުދިންގެ އިތުރުން 32 އަންހެނުންނާއި ހުކުމް އިއްވާފައި ނުވާ 530 މީހަކު ހިމެނެއެވެ.

މީގެ އިތުރުން މާޗް މަހު ހުކުމަކާ ނުލައި 195 މީހަކު ވަނީ އިޒުރޭލުގެ ޖަލުތަކުގައި ހައްޔަރު ކުރެވިފައެވެ. މީގެތެރޭން 107 މީހުންނަކީ އަލަށް ޖަލައްލެވުނު މީހުންނެވެ.

އިޒުރޭލުގެ ޖަލުތަކަށް ލެވިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އަސާސީ ސިއްހީ ހިދުމަތްތައް ލިބުމުގައި ގިނަ ދަތިތަކެއް ހުންނަ ކަމަށް މި ރިޕޯޓްގައި ބުނެފައިވެއެވެ. އަދި ސިއްހީ ފަރުވާ ދިނުން ގަސްތުގައި ލަސްކުރާ ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

އިޒުރޭލުން ފަލަސްތީނުގެ ރައްޔިތުން ހުކުމަކާ ނުލައި ޖަލައްލުމަށް ބޭނުންކުރާ އުސޫލުތައް ހަމަޖެހިފައިވާ ގޮތުގެ ސަބަބުން އެއްވެސް ހެއްކެކާ ނުލައި، ޖަލަށްލާ ސަބަބު ހާމަކުރުމެއް ނެތި ފަލަސްތީނުގެ ރައްޔިތުން މުއްދަތެއް ކަނޑައެޅުމަކާ ނުލައި ޖަލައްލުމުގެ ބާރު އިޒުރޭލުގެ ސަރުކާރަށް ލިބިފައިވެއެވެ. މި އަހަރު ފެއްޓުނު ފަހުން އިސްރޭލުން ގާތްގަނޑަކަށް 400 މީހަކު ހުކުމަކާ ނުލައި ޖަލަށްލާފައި ވެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް