ކީރިތި ރަސޫލާގެ ހިޖްރައިން އިބްރަތްހާސިލްކޮށް، ގައުމު ސަލާމަތްކުރައްވާ

Loading

Facebook
Twitter
WhatsApp

ހިޖްރީ އާއަހަރަކަށް އަލިވިލައިފި އެވެ. ހިޖްރީ އާ އަހަރަކީ މުހައްރަމް މަހުގެ އެއްވަނަ ދުވަހެވެ. މި ދުވަހު މުހިންމުވާ ގިނަ ސަބަބުތަކެއް ވެއެވެ. ހިޖުރައިގެ މަތިވެރި ޒިކުރާ ގުޅިފައިވަނީ ރަސޫލާ ސައްލައްﷲ އަލަހި ވަސައްލަމް ހިޖުރަ ކުރައްވައި މައްކާއިން މަދީނާ އަށް ވަޑައިގެންނެވި މަތިވެރި ހާދިސާ އާއެވެ. މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅިގެންދިޔަ ހާދިސާ އެވެ.

ކީރިތި ރަސޫލާ އާއި އެކަލޭގެފާނުގެ އަސްހާބު ބޭކަލުން މައްކާގައި ތިއްބެވިއިރު މުޝްރިކުންގެ ދުއްތުރާ އިންތިހާއަށް ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އަމިއްލަ ވަޒަނުގައި އުޅުއްވަންޖެހުނީ އެތަށް ގޮންޖެހުންތަކާއެކުގަ އެވެ. ދިރިއުޅުއްވަން ޖެހިވަޑައިގަތީ ފާފަތަކާއި މުންކަރާތްތަކުން ވަށައިގެންވާ މާހައުލެއްގައެވެ. އިންސާފެއް ހަމައެއް ލަަމައެއްނެތި އެވެ. ނަމަވެސް ﷲގެ މަގުގައި ސާބިތުވެ ހުރެ އިސްލާމް ދީނަށް ގޮވައިލައްވަން ކެތްތެެރިކަމާއެކު 13 އަހަރު ދުވަސް ވަންދެން ހުންނެވި އެވެ.

މި ދުވަސްތަކުގައި ދީނަށް ގޮވައިލެއްވެވުން ހުއްޓުވުމަށް ކީރިތި ރަސޫލާއަށް އެކިގޮތްގޮތުން ބޮޑެތި އިނާމްތަކާއި މުދަލާއި ފައިސާ އާއި ދުނިޔެވީ އެތައްކަމެއް ހުށަހެޅި އެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް އެކަލޭނގެފާނު އެއްބަސްނުވުމުން އެތަށް ދުއްތުރާލެއްކޮށް އެންމެފަހުން އެކަލޭނގެފާނު އަވަހާރަކޮށްލައްވަން ނިންމެވީއެވެ.

އެކަލޭނގެފާނު އަވަހާރަކޮށްލައްވަން ރާވަމުން ދަނިކޮށް ﷲސުބުހާނަހޫވަތަޢާލާގެ އަމުރުފުޅު އައީ މައްކާދޫކުރައްވައި ހިޖްރައަށް ވަޑައިގަތުމަށެވެ. މަތިވެރި މާތް މަގްސަދު ހާސިލްކުރައްވަން އަމިއްލަ ވަޒަންކަމުގައިވާ މައްކާ ދޫކުރައްވައި މަދީނާ އަށް ހިޖްރަ ކުރެއްވުމަށް ދަތުރު ފެއްޓެވި އެވެ.

ހިޖުރައިގެ އެންމެ މަތިވެރި މާނައަަކީ ނުބައިކަންތައްތައް ދޫކޮށް ހެއުކަމުގެ މަގަށް ރުޖޫއަވުމެވެ.
އަބްދުﷲ ބުނު އަމްރުގެ އަރިހުން ރިވާވެގެންވެއެވެ. “ ކީރިތި ރަސޫލާ ސައްލައްﷲ އަލަހި ވަސައްލަމްގެ އަރިހުގައި މީހަކު ސުވާލު ދެންނެވިއެވެ. ﷲގެ ރަސޫލާއެވެ. އެންމެ މާތްކަންބޮޑު ހިޖްރައަކީ ކޮބައިތޯއެވެ؟ ރަސޫލާ ސައްލައްﷲ އަލަހި ވަސައްލަމް ހަދީސް ކުރެއްވިއެވެ. އެއީ ތިބާގެ ވެރި ރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންތަކާއި ދުރުވުމެވެ.“

ކީރިތި ރަސޫލާ މައްކާއިން މަދީނާ އަށް ކުރެއްވި ހިޖުރައިގައި އެތަކެއް އިބްރަތެއް ވެއެވެ. އެތަކެއް ފިލާވާޅުތަކެއް އެއިން ލިބިދެއެވެ. ދީނައްޓަކައި ގުރުބާންވުމަކީ އޭގެއިން ނެގޭ އެންމެ ބޮޑު އެއް ފިލާވަޅެވެ.
އެކަލޭނގެފާނުގެ ގެދޮރާއި އަމިއްލަވަޒަނާއި މުދަލާއި ގާތްތިމާގެ އެންމެހާފަރާތްތަކާއި ދުރައް ވަޑައިގަތީ ދީނަށްޓަކާ ބޮޑު ގުރުބާނީއެއް ވުމަށެވެ.

ހިޖްރައިން ނެގޭ އަނެއް ފިލާވަޅަކީ ކަމެއްކާމިޔާބު ވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރިން އެކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައިވުމެވެ.
އަބޫބަކުރުގެ ފާނު ހިޖްރައަށް ވަޑައިގަތުމުގެ ހަތަރުމަސް ކުރިން ދަތުރުގެ ސަވާރީ ތައްޔާރުކުރައްވަންފެއްޓެވިއެވެ. ހިޖްރައަށް ނުކުމެ ވަޑައިގެންނެވި ރޭ އަލީގެ ފާނުކީރިތިރަސޫލާގެ އެނދުދާންކޮޅުގައި އަވަހާރަފުޅު ލެއްޕެވީ ފުރާނަފުޅު ގުރުބާންވެދިޔަ ނަމަވެސް ރަސޫލާ ދިފާއުކުރެއްވުމުގެ ނިޔަތާއެކުއެވެ. އަދި ކީރިތިރަސޫލާ ފަރުބަދައިގެ ހޮހަަޅައިގައި ހުންނެވިއިރު އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާރަޟިޔަﷲ އަންހު ކާބޯތަކެތި ހިއްޕަވައިގެން އެ ހޮހަޅައަށް ވަޑައިގަންނަވަނީ ވެސް އެހާމެ ދަތި އުދަގޫ ބިރުވެރި ހާލަތުގައެވެ. މިހުރިހާ ކަމަކީ ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިޔަ ކަންތަކެވެ.

ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ދަތިއުދަގޫ ވަގުތުތަކުގައި ވެސް އީމާންކަމުގައި ސާބިތުވެ ތިބުމަށް ދެވޭ ފިލާވަޅެވެ.
ރަސޫލާ ރަސޫލާ ސައްލައްﷲ އަލަހި ވަސައްލަމް އާއި އަބޫބަކުރުގެ ފާނު ސައުރުފަރުބަދައިގެ ހޮހަޅައިގައި ތިއްބެވި އިރު އަބޫބަކުރުގެފާނު ރަސޫލާގެ އަރިހުގައި ދެންނެވި އެވެ. މައްކާގެ މުޝްރިކުން މިތަނަށް އައިސް ގުދުވެ ތިރިއަށް ބަލައިފިނަމަ ތިމަންބޭލުން މިތިބިތަން ފެންނާނެތެވެ. ރަސޫލާ ހަދީސް ކުރެއްވި އެެވެ.

“ އޭ އަބޫބަކުރުގެފާނެވެ. ތިމަންމެން ދެ ބޭކަލުން އެކަނި ތިއްބެވިކަމަށް ހީފުޅު ނުކުރައްވާށެވެ. ތިންވަނަ ފަރާތެއްގެ ގޮތުގައި ﷲ ތިމަން ބޭކަލުންނާ އެކުގައި ވޮޑިގެންވެ އެވެ.“
މާތް ﷲ އެކަލޭގެފާނާއި އަބޫބަކުރުގެ ފާނު ހިމާޔަތް ކުރައްވާ ނަސްރުދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެކަލޭނގެފާނަށް އޮތެވެ. ކަންވީވެސް އެހެންނޫންތޯއެވެ. މައްކާގެ މީހުން ބޮޑު އިނާމު ހުށަހަޅައި، ފިޔަވަޅުތަކަށް ބަލައިގެން އެކަލޭގެފާނު ހޯއްދެވުމަށް ކުރިމަސަައްކަތް ނާކާމިޔާބުވެ، އެކަލޭގެފާނަށް މާތް ﷲ ނަސްރުދެއްވީއެވެ. ސަލާމަތްކަމާއެކު މަދީނާ އަށް ހިޖްރަ ކުރެއްވިއެވެ. އެހިސާބުން އިސްލާމީ ދައުލަތެއްގެ ބިންގާ މަދީނާގައި އެޅިގެން ދިޔައެވެ.

ކީރިތިރަސޫލާ ހިޖްރަކުރެއްވި ހާދިސާ އާއިން ފިލާވަޅު ނަގައި މިއަދުގެ ހާލަތާއި މެދު ފުންކޮށް ވިސްނަން ވެއްޖެއެވެ. ހަމައެކަނި ތިމާގެ ހަޔާތާ މެދު ނޫނެވެ. ތިމާގެ އާއިލާ އާއި އަވަށްޓެރިންނާއި އެއްފަސްގަޑެއްގައި ދިރިއުޅޭ މީހުންނާއި ތިމާގެ ގައުމުގެ ހާލަތަށް ވިސްނައި ފިކުރު ކުރަން ޖެހެއެވެ.

ފާހިޝްކަންތަކާއި މުންކަރާތްތަކަށް ފާޅުގައި އަރައިގަންނަނީ އެވެ. ވައްކާމާއި ފޭރުން އިންތިހާ އަށް ގިނަވެއްޖެއެވެ. ރިޝްވަތު ދިނުމާއި ރިޝްވަތުގައި ހިފުން އާންމު ވެއްޖެއެވެ. އަދުލުވެރިކަމެއް، ހައްގެއް އިންސާފެއް ނެތެވެ. މިނިވަންކަމޭކިޔައިގެން ހައްދު ފަހަނައަޅަނީ އެވެ. ފާޅުގައި ޕާޓީކުރުމާއި މަޖަލުގައި ހޭދަކުރާ މީހުން ގިނަވާންފަށައިފި އެވެ. އިހުތިރާމެއް އަދަބެއް ސަދަބެއްނެތެވެ. އިހުތިރާމް ކުރުމަކީ ކަޓް ނާތަހުޒީބް ކަމަކަށް ވެއްޖެއެވެ. އަމަން އޮމާންކަން، ގައުމުފަސްދީފަ ދަނީއެވެ.

ވެދިޔަކަމެއް ވެދިޔައީކިޔާފަ އަތްއުރާލައިގެން ތިބެވޭކަށްނެތެވެ. މާތްﷲ އަށް ވަކީލޭކިޔާ އަތްއުރާލައިތިބެންވީ އެއް ނޫނެވެ. ވަކީލުކުރުމަކީ ކަންކަންކުރުމަށް ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާއި އެކު ﷲގެ ހަޟުރަތުން ރައްކާތެރިކަން ލިބޭނެކަމުގެ ޔަގީންކަމާއި އެކު އިސްލާހުގެ މަގަށް ގައުމު ގެންދިއުމަށް މަަސައްކަތްކުރުމެވެ. މިއީ ކޮންމެ ރައްޔިިތެއްގެ މަށްޗަށް އޮތް ވާޖިބެކެވެ. ހިޖްރީ އާ އަހަރު ފެށިގެން ދާއިރު ކީރިތި ރަސޫލާގެ ސުންނަތުން އިބްރަތްލިބިގަނެ ގައުމު ތެދުމަގަށް އަޅުވަން ތެދުވާން ވެއްޖެނޫންތޯއެވެ.

Loading

2 Responses

  1. އާދެ! އަހަރެމެން ބަލަންވީ ތެދުވެރިކަމާއި އެކު ދުނިޔެއުޅެ އާޚިރަތް ދުވަހުގެ ނަސީބުވެރިންނަށްވޭތޯއެވެ. ސިޔާސީގޮތުންވެސް ހެޔޮލަފާމީހުން ބާރުވެރިކުރެވޭތޯއެވެ. ދޮގުވެރިންނާއި ދުރަށް ޖެހިލައި ދިވެހިރާއްޖޭގެ އަމަން އަމާންކަމަށް ލޯބިކޮށް ދިވެހި ހުރިހާފަރުދުންނަށްވެސް ހެޔޮދުޢާކޮށް އެކުގައި ރިވެތި އަޚުލާގެއްގައި އުޅެވޭތޯ ބުރައަޅާ މަސައްކަތްކުރަންވީއެވެ. އެކަކު އަނެކާއަށް ލަނޑުދީ ފަނިއިންދާ ހަސަދަވެރިބަޔަކަށް ނުވަމާތޯއެވެ. ބެސްޓް އަޚުލާގް ޕްލީޒް. ޝުކުރިއްޔާ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް