ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެންމެ ގިނަ ދިވެހިން މަރުވަނީ، ކެންސަރާއި، ހިތުގެ ބަލިތަކާއި ސްޓްރޯކާއި ފުއްޕާމޭގެ ބަލިތަކާއި ކިޑްނީއާ ގުޅުން ހުރި ބަލިތައް ފަދަ ގައިން ގަޔަށް ނާރާ ބަލިތަކުގައިކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ޚިޠާބުގައި، ކޯވިޑް-19ގެ ބަލިމަޑުކަމަށް ފަހު، ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި އިޢާދަވާއިރު ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތަކާ މެދު ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ފާހަގަކުރައްވާފައި ވެއެވެ.
”ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެންމެ ގިނަ ދިވެހިން މަރުވަނީ، ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި، ކިޑްނީއާ ގުޅުން ހުރި ބަލިތައް ފަދަ، ގައިން ގަޔަށް ނާރާ ބަލިތަކުގައެވެ.“ ރައީސްގެ ޚިޠާބުގައި ވެއެވެ. ”މި ހުރިހާ ބަލިތަކަކީވެސް، ދުންފަތުގެ އިސްތިޢުމާލުކުރުމާ ވަރަށް ބޮޑަށް ގުޅިފައިވާ ބަލިތަކަކަށްވާއިރު، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލުމަކީ، އެ ބާވަތުގެ ބަލިތަކުގައި މަރުވާ މީހުންގެ ޢަދަދު މަދުކުރުމަށްޓަކައި، ފަރުދީ ގޮތުން އަދާކުރަންޖެހޭ ވަރަށް މުހިންމު ވާޖިބެކެވެ.“
ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ޞިއްޙަތު ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ އެ ދުވަސްވަރެއްގައި ޞިއްޙީ ގޮތުން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންކަމާ މެދު ހޭލުންތެރިކަން އިތުރުކޮށް، ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމެވެ.
“އެހެންކަމުން އަޅުގަނޑުމެންގެ ޞިއްޙަތާ ގުޅޭ ގޮތުން މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވާ އެއް ކަމަކީ، ރާއްޖޭގެ ތިމާވެށީ ޙިމާޔަތްކުރުން ކަމަށްވާތީ، ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް، މިހާރަށް ވުރެ ބޮޑު އެއްބާރުލުމެއް ދެއްވުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަދި ޢާންމު ޞިއްޙަތަށް އިތުރު ސަމާލުކަމެއް ދިނުމާއެކު ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިކުރާ ނުރަނގަޅު އާދަތައް ދޫކޮށްލުމަށް ވެސް އިލްތިމާސްކުރަމެވެ.“ ރައީސްގެ ޚިޠާބުގައި ވެއެވެ.
ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިކުރާ މައިގަނޑު ސަބަބަކީ، ނުރަނގަޅު އާދަތަކަށް އިންސާނުން ދޯޅުވާ މިންވަރު އިތުރުވުން ކަމަށް ވާއިރު ކަމާބެހޭ ހޭލުންތެރިކަން އުފައްދައި އެ ބަލިމަޑުކަމުން ރައްޔިތުން ސަލާމަތް ކުރުމަށް ސަރުކާރުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.