އެމެރިކާ އާއި އިޒުރޭލުން އީރާނަށް ނިއުކްލިއަރ ބޮމެއް ހެދިޔަ ނުދޭނެ

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވި ގޮތުގައި އީރާނަށް ނިއުކްލިއަރ ބޮމެއް ހެދިޔަ ނުދޭން އެމެރިކާ އާއި އިޒުރޭލުން ވަނީ އެއްބަސްވެ އަޒުމު ކަނޑައަޅާފައެވެ.

މިދިޔަ ހަފުތާގައި އޭނާ އެހެން ވިދާޅުވުމުގެ ކުރިން ވެސް އެމެރިކާ އާއި އިޒުރޭލުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ފުނޑާލާން އުޅޭކަން މުޅި ދުނިޔެއަށް އޮތީ ގަބޫލު ކުރެވިފައެވެ. އަދި މުސްލިމް ގައުމަކަށް ޚާއްޞަކޮށް މެދުއިރުމައްޗާއި ގަލްފު ސަރަހައްދުގެ ގައުމަކަށް ނިއުކްލިއަ ބޮމެއް ހެދިޔަ ނުދޭން އެމެރިކާ އާއި އިޒުރޭލުން ކޮންމެ ފަދަ ފިޔަވަޅެއް އަޅާފާނެ ކަމުގެ ހެކިތައް ވެސް ވަނީ މުޅި ދުނިޔެއަށް ހާމަވެފައެވެ.

އީރާނަށް ނިއުކްލިއަރ ބޮމެއް ހެދިޔަ ނުދޭން އެމެރިކާއާއި އިޒުރޭލު އެއްބަސްވެ އަޒުމު ކަނޑައަޅާފައި ވާކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވީ އިޒުރޭލާއެކު ބޭއްވި ބައެއް ޢަރަބި ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ކުރިންނެވެ. ފަލަސްތީނާއި އަރަބީންގެ ބިންތައް އިޒުރޭލުން ހިފައި ބައިތުލްމަޤްދިސްއަށް ހިތުހުރިގޮތެއް އިޒުރޭލުން ހަދަމުން ދިއަޔަސް ބައެއް އަރަބި ގައުމުތަކުގެ ނަގުލަށް ފިތައިގެން އެމެރިކާއިން ވަނީ އެ ގައުމުތަކާއި އިޒުރޭލު ސިޔާސީ ގޮތުން އެއްގަލަކަށް އަރުވާފައެވެ.

އެމެރިކާއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އަރަބީންގެ ތެރޭގައި ފިތުނަ އުފައްދައި ބައިބައި ކުރުމަށެވެ. އަދި އީރާނާކީ އަރަބީންނަށް އޮތް ބިރެއްކަން ދެއްކުމަށެވެ. އެމެރިކާގެ ކެހިވެރި ރޭވުމުގެ ޝިކާރައަކަށްވެ ލީބިޔާއާއި އިރާގު ވަނީ ފުނޑުފުނޑުކޮށްލާފައެވެ. ސީރިޔާ ވީރާނާކޮށްލަން ކުރި މަސައްކަތް ނާކާމިޔާބުވީ ސީރިޔާއަށް އީރާނާއި ރޫސީންގެ އެހީ ލިބުމުގެ ސަބަބުންނެވެ. މިއީ އިހަށް ދުވަހު ހިނގިކަމެކެވެ. އެކަމަކު ޢަރަބީންނަށް ނިކަމެތިކަން އިސްކޮށް އަޅުވެތިވުން ނޫން އެހެން ފިލާވަޅެއް ދަސްނުވިއެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނާ ދެމެދު 2015 ވަނަ އަހަރު އެއްބަސްވެވުނު ތާރީޚީ އެއްބަސްވުން އިތުރަށް ހަރުކަށިކޮށް އީރާނާނަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް އެމެރިކާގެ ކިބައިން އިޒުރޭލުން ދަނީ ވަރަށް ބޮޑަށް އެދެމުންނެވެ. އިޒުރޭލުން ގަބޫލުކުރާ ގޮތުގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވޭނީ މިހާރަށްވުރެ ބޮޑަށް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އީރާނުގެ އިގުތިސާދު އިނދަ ޖައްސައިގެންނެވެ.

އެމެރިކާއިން ވަނީ ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު 2015ގައި އީރާނުން ހެދި ނިއުކްލިއަރ މުއާހިދާއިން 2018 ގައި ވަކިވެފައެވެ. އަދި މަސައްކަތް ކުރަމުން ދަނީ އިތުރު މަޅިޖަހައި އީރާން ބަނދެލުމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އިޒުރޭލުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވައި އެ ޕްރޮގްރާމް ފެށި އިރު އޮތް ހިސާބަށް ފަހަތަށް ޖައްސާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އިޒުރޭލުން ގަބޫލު ކުރަނީ އީރާނުން މަސައްކަތް ކުރަމުން ދަނީ އިޒުރޭލުގެ ގައުމީ ސަލާމަތަށް ނުރައްކާކޮށް އިޒުރޭލު ނައްތާލުމަށް ކަމަށެވެ. ނަމަވެސް އީރާނުން އަބަދުވެސް ބުނަމުން ދަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ މަދަނީ ބޭނުންތަކަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

”އެކަން އީރާނަށް ކާމިޔާބެއް ނުވާނެ. އަހަރުމެން އެމީހުންގެ މަސައްކަތް ކާމިޔާބުވިޔަ ނުދޭނަން.“ އިޒުރޭލުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި އެމެރިކާ އާއި އިޒުރޭލުން، އީރާނަށް ދުވަހަކުވެސް ނިއުކްލިއަރ ހަތިޔާޔާރެއް ހާސިލުވިޔަ ނުދޭނެއެވެ.

”އަހަރުމެންނަށާއި އަހަރުމެންގެ ބައިވެރިންނަށް ނުރައްކާތެރި ހާލަތެއް ކުރިމަތި ވާހިނދު އެމެރިކާ އީރާނާ ދެކޮޅަށް ތެދުވާނަން.“ އޭނާ ވިދާޅުވިއެވެ.

އިޒުރޭލާއި އެމެރިކާގެ ހުރިހާ ސިޔާސަތެއް ބިނާވެފައި ވަނީ އަރަބީންނާއި މުސްލިމުންނާ ދެކޮޅަށް ކަން ކަނޑައެޅިގެން އެނގޭ އިރުވެސް ޢަރަބީނންނާއި މުސްލިމުން އަޅުވެތިވެ ބުރާންތިވެފައި ތިބޭ ތިބުމާމެދު ހައިރާން ވާންޖެހެއެވެ.

 

Loading

One Response

  1. އަޅުގަނޑުމެން ކުޑައިރު ތޮށިމައްޗަށް މަސްހިފަން ފޮނުވާއިރު މަންމަ ނަސޭހަތެއް ދޭނެއެވެ. ނަމަނަމަ ކަޅުވެނުގެ އަނގައަށް އަތްނުބާނައްޗެވެ. ގިނަ އިސްލާމީ ގައުމުތަކުގެ ވެރިން އެތިބީ އެމެރިކާގެ ނަންދީފާއޮތް ބޮޑު ކަޅުވެނުގެ އަނގައަށް ތަންމިނަށް އަތްބާނައިގެންނެވެ. މިހާރަކު ދެން ހެދޭނެ އެހެންގޮތެއް ނެތެވެ.
    މިހާރަކަށް އައިސް ދިވެހިބަހުން ލިއުމުގައި ބައެއްބޭފުޅުން ވަރަށް ފަރުވާކުޑަކުރައްވައެވެ. މިފަހަރުގެ ލިއުން ލިއުއްވާފައިވަނީ ވަރަށް ރަނގަޅަށް ދިވެހިބަސް ދެނެވަޑައިގެންހުންނެވި ބޭފުޅެއްކަމަށް ގަބޫލުކުރަމެވެ. އެފަދަ ބޭފުޅުންގެ ލިއުއްވުންތައް އެޑިޓް ކުރެއްވުމުގައި ޚާއްސަ ސަމާލުކަމެއް ސަންދާނު ނޫހުން ދެއްވުން އެދެމެވެ. އެބޭފުޅުންގެ ޝުހުރަތު ދެމެހެއްޓުމަށްޓަކައެވެ. މިލިއުއްވުމުގެ ސުރުޚީ އަދި އެއްފަހަރު އެޑިޓަރ ވިދާޅުވެ ބައްލަވާށެވެ. އެންމެ ނޫނު ސުކުނެއް އޮތްތަނުގެ ސަބަބުން އެހެންމާނައަކަށް ފުރުސަތު ލިބުނީއެވެ. އަޅުގަނޑު ޔަގީންކުރާގޮތުގައި ލިއުންތެރިޔާ ވިދާޅުވެފައި އެވަނީ “ އެމެރިކާއާއި އިޒުރޭލު، އީރާނުން ނިއުކުލިއަރ ބޮމެއް ހެދިޔަ ނުދޭނެ “ ވާހަކައެވެ. އެހެންނަމަވެސް މިހާރު އޮތްގޮތުން ދޭހަވަނީ އެމެރިކާއާއި އިޒުރޭލުން އީރާނަށް ނިއުކުލިއަށް ބޮމެއް ހަދާދޭން އުޅޭ އުޅުން ކޮންމެވެސް އެހެންބަޔަކު ހުއްޓުވަން އުޅޭ ކަހަލަ މާނައެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް