މާކަނާ ރާއްޖެއަށް ވީގޮތް ދޫނިރާއްޖެއަށް ވެދާނެއެވެ.

Loading

Facebook
Twitter
WhatsApp

މިލިއުން ފެށިފައިވާނީ މުޅިންވެސް ޚިޔާލެއްގެ މައްޗަށް ބިނާކޮށް ލިއެފައިވާ ވާހަކައަކަށެވެ. އެއްވެސް މުޖުތަމާ އަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުންވެސް އަމާޒުކުރުމަކީ ލިޔުމުގެ މަގްސަދެއްނޫނެވެ. ބަދަލުވަމުންދާ ދުނިޔޭގެ މަސްރަހުން ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭތީ އެކަމާމެދު އަޅުގަނޑުމެން ދިރިއުޅޭ މުޖުތަމާ ހޭލުންތެރި ކުރުވުމުގެެ ބޭނުމުގައެވެ.

އަންޒަމާނުއްސުރެން ދޫނިރާއްޖޭގެމީހުން ދެވަނަ ވަޒަނެއްގެ ގޮތުގައި ބަލަމުންއަންނަނީ މާކަނާ ރާއްޖެއެވެ. ފަހަރެއްގައި މި ދެރާއްޖެއަކީވެސް އެއް ޢާއިލާއަކަށް ނިސްބަތްކުރެވޭ ދެ ރާއްޖެއަކަށްވުން އެއީ އޭގެ ސަބަބު ކަމުގައިވެސް ވެދާނެއެވެ. ދޫނިރާއްޖޭގެ މީހުން މަހުގެ ބާވަތްތަކާއި ބޮޑިހަލުވާގެ ތަފާތު ރަހަތައް ވިއްކަން މާކަނާ ރާއްޖެއަށް ކުރާ ދަތުރުތަކުގެ ވާހަކަ އަކީ މި ދެރާއްޖޭގެ ތާރީޚުގައިވެސް ވަރަށް ކުލަގަދަ ސަފްހާތަކެވެ.

މާކަނާ ރާއްޖޭގެ މީހުންގެ ކެއުމުގައި ކަނޑުމަހަކީ ވަރަށް ކަމުދާ އެއްޗެކެވެ. އަދި މިފަހަކަށް އައިސް ކަނޑުމަސް ބޭނުންކޮށްގެން ދޫނިރާއްޖޭގެ މީހުންނަށް ތައްޔާރުކުރަން ނޭގޭ ބައިވަރު ވައްތަރުތައް މާކަނާރާއްޖޭގައި ތައްޔާރުކުރުމަށްފަހު އަނެއްކާ އެތަކެތި ދޫނިރާއްޖެއަށް ވިއްކާވެސް ހަދައެވެ. މިނޫނަސް މާކަނާ ރާއްޖޭގެ އުފެއްދުންތައްވެސް ދޫނިރާއްޖޭގެ ވިޔަފާރި މާރުކޭޓުތަކުގައި ވަރަށް ގިނަވާނެއެވެ. މިވާހަކަތައް މިލިއުނީ މި ދެރާއްޖޭގެ ވަޒަންވެރިންގެ ގުޅުމުގެ ބަދަހި ކަމާއި އާދަކާދައިގެ ތެރޭގައިވެސް އެއްވައްތަރުގެ އެތައްކަމެއް ހުރިކަން ހަނދާން ކުރުމުގެ ގޮތުންނެވެ.

ޒަމާންތައް ފާއިތުވަމުންގޮސް ދޫނިރާއްޖޭގެ ބައެއް ދޫނިތައް ރަންބިސް އަޅަން ފަށައިފިއެވެ. މިއީ އާދައިގެ ކަމަކަށްނުވިއެވެ. އަދި ރަން ބިސްތައް ބަލަން ދުރު ރާއްޖެ ތަކުންވެސް އަންނަން ފަށައިފިއެވެ. މިކަމުން ދޫނިރާއްޖޭގެ މުޅި ތަސައްވުރުވެސް ބަދަލުކޮށްލައިފިއެވެ. އެހެންނަމަވެސް މާކަނާރާއްޖެ އާއި އެކުއޮތްގުޅުން ކުޑަކުޑަ ތަފާތަކާއެކު ހަމައެގޮތުގައި އެބަ ދެމިއޮތެވެ. އެ ކުޑަކުޑަ ތަފާތަކީ ދޫނިރާއްޖޭގައި ލިބޭ ރަންބިސް ވިއްކައިގެން ލިބޭ ފައިސާގިނަކަމުން މާކަނާރާއްޖޭން އެއްޗެހި އެތެރެކުރުމުގެ ބަދަލުގައި ދުރުރާއްޖެތަކުން މޮޅުއެއްޗެހިގެނެސް މާމުއްސަނދި ދިރިއުޅުމެއް ދޫނިރާއްޖޭއަށް ތަޢާރުފް ކުރެވުނީއެވެ. އެހެންކަމުން މާކަނާރާއްޖޭގެ ގިނަބަޔަކު ދޫނިރާއްޖޭގައި މަސައްކުރަންވެސް އަތުވެއްޖެއެވެ.

މާކަނާރާއްޖެއަކީ ތަނުގެ މުއްސަދި ކަމާއި ތައުލީމާއި ހުނަރު ލިބިފައިތިބި ދުރުވިސްނޭ ގިނަ ބަޔަކު ދިރިއުޅޭ ތަނެކެވެ. އެހެންކަމުން ދޫނިރާއްޖޭގެ ކުރިއެރުމުން މިސާލު ނަގަމުން ކުރުމުއްދަތެއްގެ ތެރޭގައި މާކަނާރާއްޖެ އަކީވެސް ވަޒަންވެރިންނަށް އަރާމުގައި ދިރިއުޅެވޭނެ ތަނަކަށް ހެދުމުގެ އަޒުމްގައި އެ ރާއްޖޭގެ މަގުތަކާއި ބަނދަރުތަކާއި އަދިވެސް ދިރިއުޅުން ލުއިފަސޭހަ ކުރުމަށްޓަކައި ކުރަންހުރި ގިނަ މަސައްކަތްތަކެއް އަވަހަށް ކޮށް ނިންމާލުމަށް މާދުރުގައި އޮތް މިނިކާރާއްޖެއާ ހަވާލުކުރިތަން ފެނުނެވެ. އިސާހިތަކު މާކަނާރާއްޖޭގެ މީހުންބޭނުންވާ ހުރިހާކަމެއް ފުރިހަމަކޮށް ނިންމާލައިފިއެވެ. މިނިކާރާއްޖޭގެ މީހުންނަށް އެއީ މާބޮޑު ކަމަކަށްވެސް ނުވިއެވެ. މިކަންތައްތައް ހިނގަމުންދާގޮތް ކައިރީގައިއޮތް ދިޔޯގެރާއްޖެ އޮތީ ރަނގަޅަށް ބަލާށެވެ.

ދުވަސްކޮޅަކަށްފަހު މިނިކާރާއްޖޭގެ މީހުންކުރި މަސައްކަތުގެ އަގު އަދާކުރަން ޖެހިއްޖެއެވެ. އަދި މި އަގު އަދާކުރުމަކީ މާކަނާރާއްޖޭ މީހުންނަށް ކުޅަދާނަ ކަމަކަށް ނުވިއެވެ. ނަތީޖާއަކަށް މިވެގެންދިޔައީ މާކަނާރާއްޖެ ބަނޑަށްޖެހި މުޅިމާކަނާރާއްޖެއަށް ކަނުއަނދިރިކަން ގާއިމްވެގެންދިއުމެވެ. މާކަނާރާއްޖެއަށް ވަމުންމިދާގޮތް ދެކޭކަށް ދޫނިރާއްޖޭގެ ރައްޔިތުންނަކަށް ކެތެއް ނުކުރެވެއެވެ. ގާއިމް ވެފައިއޮތީ އެއަށްވުރެން މާބަދަހި ގުޅުމެކެވެ. އެހެންނަމަވެސް ފަރުދުންގެ ހައިސިއްޔަތުން މާކަނާރާއްޖެއަށް ހަމްދަރުދީވުން ފިޔަވައި ކުރެވޭނެ އެހެން އެއްވެސް ކަމެއް ދޫނިރާއްޖެއަކަށް ފެންނާކަށްނެތެވެ. ޚަބަރުތަކުން އެނގޭގޮތުގައި މިހާލަތުން އަރާގަތުމަށްޓަކައި މާކަނާރާއްޖޭން މިފަހަރު ދާންޖެހުނީ ވަމުންދާގޮތް ބަލަން ކައިރީގައިއޮތް އެއްކަލަ ދެޔޯގެރާއްޖެއަށެވެ. އަދި ދެޔޯގެރާއްޖޭގެ އެއްބާރުލުންވެސް މާކަނާރާއްޖެއަށް ކޮންމެވެސް ސިފައެއްގައި ލިބެމުން އެބަދެއެވެ.

ހިތާމައަކީ އެންމެ ގާތް އަވަށްޓެރި މާކަނާރާއްޖެއަށް މި ދިމާވި ދަތި އުނދަގޫ ދުވަސްވަރުގައި ދޫނިރާއްޖެއިން ވެދެވޭނެ އެއްވެސް އެހީއެއްނެތެވެ. ރަންބިސްތައް ވިއްކައިގެން ލިބެމުންދާ ފައިސާތައް އަޅާ ބޮޑު ތިޖޫރީގެ ބޭނުމެއް މިހާރު ނެތޭވެސް ކިޔާތީ އަޑުއިވެއެވެ. އެފައިސާތައް އަޅާނެ އެހެން ބައިވަރު ތަންތަންވެސް އެބަ ހުއްޓޯލައެވެ.

މާކަނާރާއްޖެއަށް ދިމާވިގޮތެއް ދިމާވެގެން ހިނގައްޖެއެވެ. ދޫނިރާއްޖޭގެ ހާލަތު މިހާރު ބަދަލުވަމުން ދާގޮތާމެދު އަޅާނުލައި ފަރުވާކުޑަކޮށްގެން ތިބުން ހެޔޮނުވާނެއެވެ. ދޫނިރާއްޖެއަށް މެދުވެރިވެދާނެ ގޮތަކާމެދު ވިސްނާ ފިކުރުކޮށް ސަލާމަތުގެ އައްސޭރިއަކަށް ދަތުރުފަށަން މިހާރުވެސް މާލަސްވެއްޖެއެވެ. ރަންބިސް ވިއްކައިގެން ލިބޭ ބައިވަރުންވެސް ނުފުދިގެން ދޫނިރާއްޖެ ތަރައްގީކޮށް ކުރިއެރުވުމުގެ ނަމުގައި ނަގަމުންދާ ދަރަނިތައް ފުނިޖެހެމުންދާއިރު ދޫނިރާއްޖެއަށް ރައްކާތެރި ވެއްޓެއް ކަށަވަރުކުރަން ރައްޔިތުން އެކަތިގަނޑަކަށްވެ މިހާރުހުރި ނުރަނގަޅުކަންތައް ނެތިކުރަން އެބަޖެހެއެވެ. ލަސްކުރެވޭކަށް ނެތެވެ. މާކަނާރާއްޖެއަށް ވީގޮތް އެއޮތީ ކުރިމަތިން ފެންނާށެވެ.

މާތް ﷲ އަށް މިލްކުވެވޮޑިގެންވާ މި ބިމުގެ މިލްކުވެރި ކަމަށްޓަކައި އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅާ އަދި ހަނގުރާމަ ނުކުރާ ޒަމާނެއް ތާރީޚުން ފެންނާކަށްނެތެވެ. ހަމައެކަނި ފެންނަމުންދާ ތަފާތަކީ ތަޅާފޮޅުމާއި ހަނގުރާމަކުރުމުގެ ވައްޓަފާޅިއާއި ބޭނުންކުރާ ވަސީލަތްތަކެވެ. މިހާރު ބޭނުން ކުރާ ވައްޓަފާޅިއަކީ މައިގަނޑު ގޮތެއްގައި މުވާސަލާތެވެ. ވަސީލަތަކީ ބަލިކޮށްލަން ބޭނުންވާ ގައުމުގެ އިގްތިސާދަށް ފައިންއަރާ ޗިސްކޮށްލުމެވެ. ބަލިކަށިކޮށް ނައްތާލުމެވެ. މުވާސަލާތު ބޭނުންކޮށްގެން ސިކުނޑިތައް ކާލަނީއެވެ. ވަސީލަތްތައް ބޭނުން ކޮށްގެން ހެޔޮއެދޭ ބަޔަކަށްވެގެން ގައުމުގެ ކަންކަން ކުރިއެރުވުމުގެ ނަމުގައި ދަރަނިތައް ދީގެން ގައުމު ނުކުޅެދުންތެރި ކުރުވަނީއެވެ. މިއީ އަޅުގަނޑުމެން ފިލާވަޅު ލިބިގަންނަންޖެހޭ ޙާލަތެކެވެ.

އަޅުގަނޑުމެންގެ އިގްތިސާދަކީވެސް މަދު ބައެއްގެ މުށުތެރޭގައި އެވޭލާ ޒަމާނުންސުރެ ތާށިކޮށްފައި އޮންނަ އެއްޗެކެވެ. ޢާންމު ރައްޔިތުންނަށް ތަނަވަސްކަމެއް ލިބިދާނެ ހުރިހާދޮރުތަކެއް ދަނީ ބަންދު ވަމުންނެވެ. މި ގައުމަށް ލިބޭ އާމްދަނީ ޚަރަދުކުރާގޮތަކީ ކޮބައިކަން ރައްޔިތުންނަށް އޮޅުންފިލުވާދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމުކުރާ ކަމަކަށްވިޔަސް ސަރުކާރުގެ އިސްވެރިންގެ ކުރިމަތީގައި ރައްޔިތުންގެ ދަރަޖައަކީ ނޯކަރުންގެ ދަރަޖައެވެ. އެމީހުންގެ މުހުދާތުތައް ފައިސާ ޖަހައިގެން ޒައްރެއްގެ މިންވަރުވެސް މަދުނުވެ ލިބެން ޖެހެއެވެ.

ބޭނުންނުވިޔަސް އިތުރު ކުރަމުންގެންދާ ސިޔާސީ މަގާމުތަކަށް ޚަރަދުކޮށްފައި ރައްޔިތުންގެ ކަންކަމަށް ޚަރަދުކުރާނެ އެއްޗެއް ނޯވެއެވެ. މިހެންބުނާއިރަށް “ އަޅާފާ އެއޮއް ބްރިޖު ދެލޮލަށް ނުފެންނަނީހޭ “ ބުނާނެ ބަޔަކުވެސް އުޅޭނެއެވެ. ބްރިޖް އެޅިމާ ރައްޔިތުންގެ ފުދުންތެރިކަން ވީ އިތުރު ހެއްޔެވެ. ހުޅުލެއާއި މާލެއާ ދޭތެރޭގެ ދަތުރުތައްކުރަމުންދިޔަ އެތައް ބައެއްގެ އާމްދަނީ އެއްކޮށް ހުއްޓިގެންދިޔައީ ތިޔަ ބްރިޖް އެޅުމުގެ ސަބަބުންނެވެ. ގަބޫލުކުރަމެވެ. ބްރިޖް އެޅުމުގެ ސަބަބުން ފުދުންތެރިންގެ ދަތުރުތަކަށް ލުއިފަސޭހަ ގޮތްތަކެއް ފެނިގެންދިޔައެވެ. އަނެއްކާވެސް ފުދުންތެރިންނަށް އިތުރު ގޮތެއް ފެނުނީއެވެ. ހުޅުލެއާއި މާލެއާ ދޭތެރޭ ދަތުރު ކޮށްގެން އާމްދަނީ ހޯދަމުން ގެންދިޔަ މީހުން ދޯނިގަނޑު ނުއަގުގައި ވިއްކާލަން ޖެހުނީއެވެ.

އަނެއްކާ އަނެއް ބުރިޖް ނޭޅިގެން މަރުދެނީއެވެ. މިއީ ޢާންމު ރައްޔިތުން ވަގުތުން ވަގުތަށް ބޭނުންވާނެގޮތް ކަމުގައި ގަބޫލުކުރަން އުނދަގުލެވެ. އެހެނަސް މިއީ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަން އައިސްތިބި މީހުންގެ ސިޔާސަތު ރާވަމުން ގެންދާ ގޮތެވެ. ބޭނުންވަނީ ލިބުނު ފުރުސަތުގައި މުއްސަދިވެލާށެވެ. އަދި އިތުރު 5 އަހަރުގެ ދައުރަކަށް ވެރިކަން ހޯދުމެވެ. ރައްޔަތުމީހާގެ ޢާންމުދަނީ އިތުރުކޮށްދީ ހަމަޖެހޭ ދިރިއުޅުމެއް ލިބިދެވޭތޯ ބެލުމުގެ ހުވަފެންވެސް ނުދެކޭކަހަލައެވެ.

މިތާގައި ރައްޔިތުންގެ މައްޗަށް ވެރިކަންކުރަން އައިސް ތިބިމީހުނޭ މިބުނީ ގަސްދުގައެވެ. އެމީހުން އަންނަނީ ރައްޔިތުންނަށް ޚިދުމަތްކުރަން ހުވާކޮށްގެން ރައްޔިތުންގެ މައްޗަށް ވެރިކަންހިންގުމަށެވެ. އަޅުގަނޑުމެންގެ ގައުމަށްވެސް ޖެހިފައިވާ އެންމެބޮޑު މުސީބާތަކީ މިއީއެވެ. މި މުސީބާތުން ސަލާމަތްވެވޭނީ ރައްޔިތުން ބުރަ މަސައްކަތްތަކެއް ކޮށްގެންނެވެ. ހަމަ ކޮންމެ މީހަކަށް ދޫނިރާއްޖޭގެ ވެރިކަމެއް ނުކުރެވެނެކަން ކަށަވަރު ވެއްޖެއެވެ. ރައްޔަތުންނަށް ނިކަން ރަނގަޅަށް މިޙަގީގަތް އެބަ އެނގެންޖެއެވެ. އެހެންނޫނީ މާކަނާރާއްޖޭގެ ޙާލަތަށް މިރާއްޖޭގެ ޙާލަތު ވެއްޓޭކަށް ގިނަދުވަހެއް ނުނަގާނެއެވެ.

 

Loading

5 Responses

  1. ދޫނި ރާއްޖެ! ދިއޯ ރާއްޖެ! މާކަނާ ރާއްޖެ! މި ފޮޓޯގައި މިފެންނަ 3 މީހުން އެއީ ކޮންރާއްޖެއެއްގެ ކާކު؟

  2. މާކަނާ ރާއްޖެ، ދޫނިރާއްޖެ، މިނިކާރާއްޖެ އަދި ދެޔޯގެރާއްޖެ މިއީ ޚިޔާލީ ނަންތަކެއްނަމަވެސް ލިއުންތެރިޔާ ބުނަންއުޅުނުވާހަކަ އެނގިްޖެއެވެ. ދިވެހިރާއްޖޭގެ ހާލަތު މިހާރުވެސް އޮތީ މާކަނާ ރާއްޖެއަށް ވީގޮތް ވުމުގެ ތުންފަތް މަތީގައެވެ. ކިރިޔާ ހިރިލިޔަސް ވެއްޓޭހިސާބުގައެވެ. ހިރިނުލާ އޮވެވޭކަށްވެސް ނެތެވެ. އެކަމަކު ވެއްޓެވޭކަށްވެސް ނެތެވެ.

  3. ދެޔޯ ރާއްޖެ ފިޔަވައި އަނެއް ރާއްޖެތަކުގެ ޚާލަތު ވަރަށްގޯސް ވެއްޖެއެވެ.

  4. ލިއުންތެރިޔާ ފާހަގަ ކޮށްފައިވާފަދައިން ނޫސްވެރިކަންވެސް ހިމެނޭގޮތުގައި މުވާސަލާތުގެ ބޭނުން ކުރަނީ މީހުންގެ ބޯކާލާށެވެ. ކިއުންތެރިންވެސް އެ 3 ފޮޓޯއާދޭތެރޭ ވިސްނާ ވިސްނާ ވަގުތު ނަގާލަންވީއެވެ. އޭރުން އަސްލު މައްސަލަ އިސާހިތަކު ހަނދާން ނެތިދާނެއެވެ.

  5. ދޫނިރާއްޖެ،މިނިކާރާއްޖެ އަކައް ނުވާނެބާ! މޮޔައެއްއަތައް ކަނޑިއެއްދީފިނަމަ ކިހިނެތްވާނީ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް