ޢަދުލު އިންސާފުގެ ބާރު

Loading

Facebook
Twitter
WhatsApp

މުޅި ކާއިނާތު އުފެދި ދުނިޔެ އާބާދީ ވީއްސުރެ އެންމެ އިސްކަމެއް ދެވިފައި އޮތީ ޢަދުލު އިންސާފަށެވެ. ހުރިހާ ސަމާވީ ދީންތަކެއްގެ އެންމެ މަތިވެރި އުސޫލަކަށް އޮތީ ޢަދުލު އިންސާފެވެ.

އެކިއެކި ނަޒަރިއްޔާތުގެ އަސްލަކަށް ބަލާފައި އޮތީވެސް ޢަދުލު އިންސާފެވެ. މިހެންވާންޖެހުނީ ޢަދުލު އިންސާފުނެތި އެއްވެސް އުއްމަތެއްގެ އަދި އެއްވެސް މުޖުތަމައެއްގެ ކާމިޔާބު ފެނިގެން ނުދާނޭކަން އިންސާނުންނަށް ކަށަވަރުވާތީއެވެ.

ބޮޑުއެތި ކުޑައެއްޗަށް ޙަމަލާދީ ވަރުބަލި ކޮށްލައި ކާލާނީއެވެ. ބާރުގަދަ މީހާ ބާރުނެތް މީހާ ޙަމަލާދީ އެތަނަކަށް ވެރިވެގަންނަނީއެވެ. މާތްވެގެންވާ އިސްލާމްދީނު ބާވާލެއްވުނުއިރު ދުނިޔެ އޮތީ މިދެންނެވުނުފަދަ ޖަންގަލީ ހަމަތަކަކަށް އަށަގަނެފައެވެ. އިސްލާމްދީން އައުމަށްފަހު ވަނީ ޢަދުލު އިންސާފުގެ ރީތި އުސޫލުތައް އަލުން ފުރިހަމަކޮށް ހާމަކޮށް ދެއްވައިފައެވެ. ދަސްކޮށްވެސް ދެއްވާފައެވެ. މަދީނާގައި އުފެދުނު ސައްތައިން ސައްތަ އިސްލާމީ ސަރުކާރުގައި، މި ރީތި މާތް އުސޫލުތައް ޢަމަލީގޮތުން ބޭނުންކޮށް ދައްކަވައި ދެއްވާފައިވެއެވެ.

ޢަދުލު އިންސާފާއި އޭގައި ހިމެނިގެންވާ ކަރާމާތްތައް އިންސާނުންނަށް ވަނީ ފެނިފައެވެ. ތަޖުރިބާ ކޮށްފައެވެ. މުޅި އިންސާނިއްޔަތަށް ފައިދާހުރި އެގޮތުގައިކަން ޔަގީންކޮށް ކަށަވަރުކޮށް ދީފައެވެ. އެހެނަސް ދުނިޔޭގައި މިހާރު އުފެދިފައިވާ ގިނަ ސަރުކާރުތަކުގެ އަމިއްލަ އެދުމުގެ ވަހުށީކަމުން ޢަދުލު އިންސާފުގެ ބަދަލުގައި މިހާރު ގެންގުޅެނީ އަމިއްލަ ނުފޫޒްގެ އިންސާފެވެ. ކޮންމެ ދިމާލަކަށް ބަލައިލިޔަސް މީގެ ހެކިތައް ފާޅުކަމާއިއެކު ފެންނަން އެބަހުށްޓެވެ.

ވެރިކަން ހިންގުމުގެ އެންމެ އިސްވާޖިބަކަށް ވަންޖެހޭނީ ޢަދުލު އިންސާފު ގައިމުކުރުމުގެ ބާރަށް ކިޔަމަންވެ އިޙުތިރާމް ކުރުމެވެ. މިވަރުގަދަ ތަނބާއި ނުލައި ވެރިމީހާއަށް ވެރިކަން ޙައްގެއް ނުވާނެއެވެ. އަދި އަމުދުން މާތްﷲ ގަންދީ ހެޔޮވެރިކަމެއް ކޮށްދޭން ވަޢުދުވެ ވެރިކަމާއި ޙަވާލުވާ މުސްލިމުންގެ ޚާދިމަކު ”ވެރިމީހާ“ ޢަދުލު އިންސާފުން ބޭރުވެ ވެރިކަން ކުރަން ބިރުވެތިވާން ޖެހޭނެއެވެ. އެހެނީ ވެރިކަމަކީ މާތްﷲ ގެ އަމާނާތެކެވެ. މާތްﷲ ގަންދީ ހުވާކުރަން ޖެހެނީވެސް ކަމުގެ ބޮޑުކަމާއި ޒިންމާގެ ބޮޑުކަމުންނެވެ. ޢަދުލު އިންސާފުގެ ބާރު މުގުރާލާފައި އަމިއްލަ ނުފޫޒުން ވެރިކަން ހިންގާ ވެރިޔަކީ ރައްޔަތުންގެ ކިބައިން ގަދަބާރުން ފޭރިގަންފައިވާ ވެރިކަމެއް އަމިއްލަ ނުފޫޒުން ގަދަބާރުން ދަމަހަށްޓަން ވެރިކަންކުރާ އަނިވެރިއެކެވެ.

މިފަދަ ވެރިޔަކަށް ދެދުނިޔޭގައިވެސް އޮތީ ހަލާކުކަން ކަށަވަރެވެ. އަމިއްލަ ނުފޫޒާއި ގަދަބާރުން ވެރިކަމަށް އިތުރުކުރާ ކޮންމެ ދުވަހަކީ އަމިއްލަ ހަލާކަށް އަމިއްލަ އަތުން އިތުރުކުރާ އުގޫބާތާއި ޢަޒާބު ކަން ކަށަވަރެވެ. ރާއްޖޭގައިވެސް ކޮންމެދިމާލަކަށް ބަލާލިޔަސް މިފަދަ ހެކިތައް ބައިވަރެވެ. އަމިއްލަ ފަރުދުންގެ ޙައްގުތަކާބެހޭ ބޮޑެތި މުޢާމަލާތު ތަކުގައި ޢަދުލު އިންސާފެއް ނެތެވެ. ގައުމުގެ ބޮޑެތި މަޝްރޫއުތައް ޙަވާލުކުރުމުގައިި އިންސާފެއް ނެތެވެ. ދޫކުރެވޭ ލޯންތަކާއި ރެސޯޓްހަދަން ރަށްތައް ދޫކުރުމުގައިވެސް ޢަދުލު އިންސާފެއް ނެތެވެ.

ދައުލަތަށް (ޔަޢުނީ ރައްޔަތުންގެ ބައިތުލްމާލަށް) ދައްކަންޖެހޭ ފައިސާ މަޢާފުކޮށްދީ ދޫކޮށްލުމުގެ ބާރުވެރިކަން ވެރިމީހާގެ ބާރުގެ ދަށަށްގެނެސް ބޮޑެތި ޢަދަދުތަކުން ޅިޔަން ފަހަރިންނާއި މިތުރުންނަށް މަޢާފު ކޮށްލަދެނީ ބިރަކާއިނުލައެވެ. ދެން އަތްނުފޯރާވަރަށް ކަރަޕް ކޮށްފައިވާ ރައްޔަތުންގެ މަޖިލީހަކުން ނަހަލާލު ގާނޫނު ހަދައިގެން ޙީލަތްތެރިގޮތުގައި ގަނޑުކޮށް ރައްޔަތުނަށް ޚިޔާނާތްތެރި ވަނީވެސް އެއްވެސް ބިރެއްނެތިއެވެ. ވެރިމީހާ ހުރީ މާތްﷲ ގަންދީ ރައްޔަތުނަށް ޚިޔާނާތްތެރިި ނުވުމަށާއި ގާނޫނީ ހެޔޮވެރިކަމެއް ކޮށްދޭން ހުވާކޮށްގެނެވެ. ބިރުފަހަނައަޅާ ގޮސް ދައުލަތުގެ އެންމެހާ މުދަލަކީ ތިމަތިމާމެންގެ އަމިއްލަ ތަރިކަކަމުގައި ވިސްނިގެން އުޅޭކަހަލައެވެ.

ސިވިލް ސާވަންޓުންނަށް މުސާރަދޭނެ ފައިސާވެސް އަދި ދެތިންމަހަކު ކާނެއެއްޗެއް އިމްޕޯޓްކޮށްލަންވެސް ފައިސާނެތްކަމުގައި ބުނެ މަޖިލީހުން ރަބަަރ ސްޓެމްޕް ޖައްސައިގެން ފައިސާ ޖަހާއިރު އަދިވެސް ހަމަ ސިޔާސީމަގާމުތައް އުފައްދައި ބޮޑެތި މުސާރަތައް ދިނުމުގައިވެސް ޢަދުލު އިންސާފެއް ނެތެވެ. ރައްޔަތުން ސަހަރޯ ހީވާވަރުކޮށްލައި ނިންމާލައިފިއެވެ. އަނިޔާލިބެމުންދާ މީހެއްގެ ޙައްގުހޯދުމަށް އަނިޔާދޭމީހަގެ މިންގަނޑުން ގަބޫލު ނުކުރެވޭނަމަ އެމީހަކީ ނިރުބަވެރިޔެއްކަމުގައި ހަދާފިއެވެ.

ދައުލަތް ހިންގުމަށްޓަކައި ކެބިނެޓަށް ނެގުނު ޚާދިމުންނަކީ ގައުމުގެ އިއްޒަތްތެރި ވެރިންނަށް ވެއްޖެއެވެ. ގަދަފަދަ ރަސްކަލުން ފަދައެވެ. ވެރިކަން ހޯދަން ރައްޔަތުން ކައިރިއަށް އާދޭސްކުރަން އަންނަ ކޮންމެފަހަރަކު ރައްޔަތުންނަކީ ގައުމުގެ ވެރީންނޭ ބުނެއުޅެއެވެ. ގައުމު ހިންގުމަށް ސަރުކާރެއް ހަމަ އުފެއްދުމާއިއެކު ޚާދިމުމީހާ ވެރިމީހާއަށް ބަދަލުވެ ރައްޔަތުންނަށް ލިބިދޭންޖެހާ ޢަދުލު އިންސާފު ފުނޑުފުނޑު ކޮށްލަނީވެސް ބިރެއްނެތިއެވެ. ޢަދުލު އިންސާފުގެ ޒައްރެއްވެސް ނެތިއެވެ.

ދައުލަތުގެ ޚަޒާނާއަށް ހަދާލަނީ ހިތުހުރިގޮތެކެވެ. ހަމަ އެއްވެސް އިންސާފެއްނެތޭ ބުނުން ދޮގަކަށްނުވާ ހިސާބަށް މިގައުމުގެ ވެރީން ގައުމުގެ ޙާލަތު ބަދަލުކޮށްފިއެވެ. އެއްވެސް އިރެއްގައި ދައުލަތުން ކޮށްފައިވާ އެއްވެސް ވައްކަމެއް ބެލިފައެއްނެތެވެ. ރިކަވަރީ ކަމިޝަންވެސް ކަރަޕްޓްވެ ލިސްޓުގައި ހިމަނައިގެން ނުވާނެ ނަންތަކެއް ހިމެނުނީމާ އެކަމިޝަން ވުޖޫދުން ފުހެލައިފިއެވެ. އޭސީސީގެ މެމްބަރުންނަށްވެސް ހަމަ ޖެހުނީ އެދަތުރެވެ. މުޅި ކޮމިޝަން އެއްކޮށް އުވާލީއެވެ. ހޭ ވެސް އަހާލުމެއްނެތިއެވެ. ޢަދުލް އިންސާފެއް ނެތިއެވެ.

އިސްލާމްދީނުގެ ކޮމާންޑަރު މުޙައްމަދުއް ރަސޫލުﷲ ގާއިމުކޮށްދެއްވި ޢަދުލު އިންސާފަށް ގޮންޖަހައިފިއެވެ. ވެރިކަން ކޮށްދޭން މާތްﷲ ގަންދީ ކުރި ހުވަޔާއި ބޮޑުތަނުން ޚިޔާނާތެރި ވެއްޖެކަން ކަށަވަރެވެ. ސުވަލަކީ މާތްﷲ ގަންދީ ކުރި ހުވަޔައި މިހާ ބޮޑުތަނުން ޚިޔާނާތްތެރިވުމުން އެމީހާގެ ވެރިން ޙަލާލު ވަނެތޯއެވެ. ސައްޙަވާނެތޯއެވެ.

“ ޢަދުލު އިންސާފު މުޖުތަމަޢުގެ ހަމަޖެހުން“

 

Loading

3 Responses

  1. ވަރަށް ބޭނުންތެރި ހަނދާން ކޮށްދިނުމެއްކަމަށް ދެކެމެވެ. މިފަދަ ހަނދާންކޮށްދިނުން ގިނަގިނައިން ތަކްރާރު ކުރުން ވަރަށްބޭނުމެވެ. ( ދިވެހިބަހުން ލިއުއްވުމުގައި ފަރުވާތެރިވުމަށް ބިން ހައިދަރަށް ދަންނަވާލަންޖެހެއެވެ. މި ލިއުމުގެ 4 ވަނަ ޕެރެގްރާފްގެ 3 ވަނަ ފޮޅުވަތުގައި: އަމިއްލަ އެދުމުގެ ވަހުށީ ކަމުން….މިތާގައި މިއޮތް ވަހުށީ މިބަހަކީ ދިވެހިބަސް ދަންނަ ލަފްޒެއް ނޫނެވެ. ރަނގަޅުގޮތަކީ ވަހުޝީ މިއެވެ. ދެންފަހަރަކުން ފަރުވާތެރިވާނެކަމަށް އުންމީދުކުރަމެވެ. )

  2. ޒުހޭރު ވިދާޅުވިފަދައިން މައްސަލައަކީ ބަޔަކު ވެރިކަމުގައި ތިބުމެވެ. ރައްޔިތުން ވެރިންނަށްތިބެ ރައްޔިތުންގެ ވެރިކަމެއް ލިބުނީމާ ރަނގަޅުވާނެއެވެ. އެކަންކުރަންވެސް ތިބީ ހަމަރައްޔިތުންނެވެ. މުޅި ރައްޔިތުންނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް