ރައީސުލް ޖުމުހޫރިއްޔާ އައްޑޫ މީދޫ ބަނދަރު ހުޅުވައި ދެއްވައިފި

Loading

Facebook
Twitter
WhatsApp

 

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސާލިހު، އައްޑޫ ސިޓީ މީދޫގެ ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ.

އައްޑޫ ސިޓީ މީދޫ ބަނދަރު ރަސްމީގޮތުން ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މީދޫ ބަނދަރުގެ މަސައްކަތް ކުރިޔަށްގެންގޮސްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) އިންނެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި ނެރު ފުންކުރުމާއި ސޭންޑް-ފިލް ބްރޭކްވޯޓަރ ހެދުމާއި 115 މީޓަރުގެ ބޭރުތޮށީ ޖެހުމާއި 496 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރުން ހިމެނެއެވެ.

މި ބަނދަރު ހުޅުވައިދެއްވުމަށްފަހު ވަނީ އައްޑޫ ސިޓީ ކައުންސިލާ ބަނދަރު ހަވާލުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ހުޅުދޫ ބަނދަރުގެ މަސައްކަތް ކުރިޔަށްދާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި ބަނދަރުގެ މަސައްކަތްކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ.ހުޅުދޫ ބަނދަރުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) އިންނެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި 624 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 114 މީޓަރުގެ ބްރޭކްވޯޓަރ ޖެހުމާއި 742 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރުން ހިމެނެއެވެ

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ ހުޅުދޫގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ “ވިލުނު” އަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައެވެ.

މިތަނަކީ ދެކުނު ސަރަހައްދަށް އަމާޒުކޮށް ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އިންޑިޔާ ސަރުކާރުގެ އެހީގައި ގާއިމުކޮށްފައިވާ ތަނެކެވެ. މިތަނުގައި 60 މީހުންގެ އިންހައުސް ކެޕޭސިޓީ ހިމެނޭއިރު މިތަނުން ދެވޭ ފަރުވާ ޕްރޮގްރާމް ފަރުމާކުރެވިފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ ޑަބްލިއުއެޗްއޯގެ ކޮންސަލްޓެންސީގެ އެހީގެ ދަށުންނެވެ. މި ތަނުން ދެވޭ ފަރުވާގެ ތެރޭގައި ޑިޓޮކްސިފިކޭޝަން ޓްރީޓްމަންޓް، ރެސިޑެންޝިއަލް ޓްރީޓްމަންޓް، ކޮމިއުނިޓީ ރިހެބިލިޓޭޝަން އަދި ރީ އިންޓަރގްރޭޝަން ފަރުވާ ހިމެނެއެވެ.

ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރައްވާ 4 ދުވަހުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް