މިސަރުކާރުންވެސް އިންތިހާއަށް އެކުރީ ވަކަން!

161
Cabinet maldves news

މިހަފްތާގެ ތާޒާ ހޫނު ޚަބަރަކީ ކޯވިޑް-19 އާއި ގުޅިގެން، ދުބާއީ ކުންފުންޏަކާއި ހަވާލުކޮށްގެން ވެންޓިލޭޓަރުތަކެއް ރާއްޖެ ގެނައުމުގައި މަކަރާއި ހީލަތް ހަދައިފާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ ވާހަކައެވެ. އެކުންފުންޏަށް ވެންޓިލޭޓަރ ތައް ގެންނަން ހަވާލުކުރީ ޑަބްލިޔޫ.އެޗް.އޯ ގެ ލަފަޔާއެކީ ކަމަށް ހެލްތް މިނިސްޓްރީއިން ކުރިން ބުނި ނަމަވެސް، އެއީ ވެސް ބުހުތާން ދޮގުކަން މިވަނީ ހާމަވެފައެވެ. މިކަމަކީ ކުރިންވެސް ރައްޔިތުންގެ ކަންބޮޑުވުން އޮވެގެން އިންތިހާއަށް އެ ވައްކަންތަކުގެ ވާހަކަ މީސް މީޑިއާގަޔާއި ރައްޔަތުންގެ މަޖިލިސްގައިވެސް ތަކުރާރުކޮށް ދައްކާފައިވާ ވާހަކަތަކެވެ. މިފަހަތު މިވައްކަން ކޮށްފައިވަނީ  ކޮވިޑް19 ގެ މުސީބާތާއި ގުޅިިިިިގެން ރައްޔަތުން މަޖުބޫރީ ޙާލަތުގައި ގެބަންދުގައި ވަނިކޮށް އެ މުސީބާތަކީ ބަޔަކަށް ވައްކަން ކުރުމަށް ލިބުނު ރަނުގެ ފުރުސަތަކަށްހަދައި އޭގެ ނިވާފަތުގައި ތިބެއެވެ. މިކަރަޕްޝަން ހިނގަމުންދާކަން  ވެރިންނަށްވެސް އެނގޭކަން މިހާރު މިވަނީ ހާމަވެފައެވެ.

https://www.facebook.com/Sandhaanu.today/videos/1005384136547777

ރާއްޖެއަށް 145 ވެންޓިލޭޓަރު ގެންނަން ތިން ކުންފުންޏަކާ ހަވާލުކުރުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ގިނަ ބަޔަކު ދިޔައީ އޭރުވެސް ތުޙުމަތު ކުރަމުންނެވެ. މި ރިޕޯޓުގައި އެންމެ ބޮޑު މައްސަލައަކަށް ފާހަގަވެފައިވަނީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާ 34 މިލިޔަން ރުފިޔާ ޙަވާލު ކުރުމުގައި ހިނގައިފަވާ ބޮޑެތި އޮޅުވާލުންތަކެވެ. މިކުންފުންޏަށް ސަރުކާރުންވަނީ އެއްވެސް ގެރެންޓީއަކާއި ނުލައި 90% ފައިސާ އެޑްވާންސްކޮށް ދީފައެވެ. މިއީ ދިވެހި ކުންފުންޏަކަށްވެސް ދުވަހަކުވެސް ކޮށްފައި ނުވާވަރުގެ ނުކިއްސަރު އިތުބާރެއްކަންވެސް ހާމަވެއްޖެއެވެ.  އަދި މި ރިޕޯޓުގައި ވަނީ އެކުންފުންޏަކީ މިފަދަ މަސައްކަތެއް ކުރުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ކުންފުންޏެއް ކަމަށެވެ.  އަދި އެކުންފުނީގެ ޤާބިލުކަން ބިޑް ކޮމިޓީންވެސް “ނުބަލާ” ކަމަށް މިރިޕޯޓުގައި ވަނީ ބަޔާންކޮށް އެކަމާ ނުހަނުކަންބޮޑުވުން ފާޅުކޮށްފައެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި ނާޖާއިޒު ފައިދާތަކެއް ނަގަން އުޅޭކަމަށް ގިނަ ބަޔަކު ޝައްކު ކުރަމުން ދިޔުމުން ހެލްތް މިނިސްޓަރ ވަނީ އެކުންފުންޏަކީ ޑަބްލިޔޫ.އެޗް.އޯ އިން ލަފާދިން ކުންފުންޏެއް ކަމަށް ބުނެ ދޮގުތަކެއް ހަދާފައިކަންވެސް އެގުނީއެވެ.  އެއީ ބޮޑު ދޮގެއްކަމަށްވެސް  އެ ރިޕޯޓްގައިވަނީ  ހާމަކޮށްފައި އެވަނީއެވެ.  އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ ވެންޓިލޭޓަރު ހޯދުމާއި ގުޅޭ އެއްވެސް މުޢާމަލާތެއް ޑަބްލިޔޫ.އެޗް.އޯ އާއި ހެލްތް މިނިސްޓްރީއާއި ދެމެދު ހިނގައިފާ ނުވާ ކަމަށެވެ. އަދި އެ ޖަމިއްޔާއިން ޤަބޫލުކުރާ ސަޕްލަޔަރުންގެ ލިސްޓެއްވެސް ހެލްތް މިނިސްޓްރީއާއި ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. އެ ކުންފުންޏަކީ ޑަބްލިޔޫއެޗްއޯ އާއި އެކު އެއްވެސް ވިޔަފާރީގެ މުޢާމަލާތެއް ދުވަހަކުވެސް ހިންގާފައިވާ ކުންފުންޏެއް ނޫންކަމަށެވެ.

އެޑްވާންސްކޮށް މިފައިސާ ދުބާއީގެ ކުންފުންޏަށް ދޫކޮށްފައިވަނީ އޭޕްރީލް މަހު ދެފަހަރެއްގެ މަތިން ކަމަށް އެ ރިޕޯޓުގައި ވެއެވެ. އަދި މިވަގު ޢަމަލުތަށް ހިންގައިފާވަނީ ފިނޭންސް މިނިސްޓްރީގެ ހުއްދަޔަކާއި ނުލައި މާލިއްޔަތު ޤާނޫނާއި ޚިލާފަށް ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

އެކުންފުނިން އެމީހުންގެ ދުބާއި ގުދަނުގައި 75 ވެންޓިލޭޓަރު ތައްޔާރަށް ހުރިކަމަށް ބުނެވެސް ވަނީ އޮޅުވާލައިފާކަމާއި އެކުންފުނިން އެއްބަސްވެފައިވަނީ ދެހަފްތާގެ ތެރޭގައި ދިވެހިން ކޮވިޑްގެ މަރުން ސަލާމަތް ކޮށްދިނުމަށް ވެންޓިލޭޓަރުތަށް ސަޕްލައިކޮށްދިނުމަށްކަމަށް ހެލްތު މިނިސްޓްރީގެ ލިޔެކިޔުމުން ދައްކާކަމަށެވެ. އެކަމަކު އޭގެ ފަހުން 4 މަސް ވީއިރުވެސް އެތަކެތި މިނިސްޓްރީއަށް ޙަވާލު ކޮށްފައެއް ނުވެއެވެ. ކޮވިޑް19 އަށް ފުރިހަމަޔަށް ތައްޔާރުވެ ނުރައްކާތެރި ސްޓޭޖަކަށް ކޮވިޑް ފެތުރިއްޖެ ޙާލަތެއްގައިވެސް ސަރުކާރުއޮތީ ވަރަށް ތައްޔާރަށްކަމަށް ރައްޔިތުންނަށް ދޮގުމަޢުލޫމާތު ފަތުރަމުން ގެންދެވީ މަކަރާއި ޙީލަތްތުން ރައީސުލް ޖުމްހޫރިއްޔާ ގެންގުޅުއްވާ #ޒީރޯޓޮލެރެންސް އަށް އެއްވެސް ވަރަކަށް ބެލުމެއް ޖެހިލުމެއްނެތިކަން މިވާނީ ހާމަވެފައެވެ.

އެތަކެއް މަހެއް ފާއިތުވެ ދިޔަފަހުން އެ އޯޑަރުން ބައެއް ވެންޓިލޭޓަރުތައް ރާއްޖެގެނެވި ދައުލަތާ ޙަވާލުކުރިއިރު އެއީ ބޭނުންކުރެވޭނެ އެއްޗެއްކަމަކަށްވެސް ނުވިއެވެ. ލިބުނު ތަކެތި ލިބި ބަލައިގަނެފާވަނީވެސް އޯޑަރުކުރި ބުރޭންޑް ނުވަތަ ބޭނުންވާ ސްޕެސިފިކޭޝަންގެ އާލާތެއްވެސް ނޫނެވެ. ނަމަވެސް ޙައިރާންވަނީ އެތަކެތި ބަލައިގަތީވެސް މިސަރުކާރުގެ ބޮޑުންތަކެއް ނުފޫޒުގެ ބޭނުންކޮށްގެން ކަމަށް އައިޖީއެމްއެޗުން އެނގިފައިވެއެެވެ. ކަރަޕްޝަންގެ މޫ މިސަރުކާރުގައި ހިފަފައިވާ މިންވަރާދޭތެރެ ގިނަ ރައްޔަތުން މިހާރުވަނީ ތުންފަތުގައި ދަތްއަޅާ ކޮސްބޮލަށް އަރާފައެވެ. ދިމާވާ ކޮންމެމީހަކުވެސް ވަނީ މިއަދު #ޒީރޯޓޮލެރެންސްގެ ނަމުގައި މިހިންގާ ޖަރީމާތަކާހެދި އާޝޯޚުވެފައެވެ.

މި  ބޮޑު ވަގު މުޢާމަލާތުގައި ހެލްތް މިނިސްޓްރީގެ އިތުރުން އެހެން ފަރާތަކެއްވެސް ވަނީ ވަރަށްބޮޑަށް ބައިވެރިވެފައިކަން ތަޙުގީގަށްވެސް އެގިއްޖެއެވެ. ބައިއަޅާ ގޮތަށް ހިންގިފައިވާނޫން ޖަރީމާއެކޭ ބުނެވޭނެ އެއްވެސް ޖާގައެއް ނުލިބުނެވެ. އިމާރޖެންސީ ހެލްތް ކެއަރ ޓްރެއިނިން ސެންޓަރުގެ ނަމުގައި މުޢާމަލާތްތަކެއްވެސް ކޮށްފައިވާކަން މިވަނީ ހާމަވެފައެވެ.

މީގެ އިތުރުން އެހެނިހެން ކަންކަމާއި ގުޅޭ ތުޙުމަތުތަކެއްވެސް ވަނީ އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައެވެ. މިގޮތުން ކޯވިޑް-19 އާ ގުޅިގެން ބޭނުންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް ޖުމްލަ 32 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ހެލްތު މިނިސްޓްރީން އެސްޓީއޯ އަށް އެޑްވާންސްކޮށް ދައްކާފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. އެތަކެއްޗަކީ ވަރަށް އަވަހަށް ބޭނުންވާ ގިނަ ސާޖިކަލް ގައުން އާއި ހެޒްމެޓު ސޫޓު، އަދި ސްޕޮސެބަލް ފޭސް ޝީލްޑާއި އާއި ރީ-ޔޫސެބަލް ޕްރޮޓެކްޓިވް ގޮގުލްސް އާއި ޑިސްޕޮސެބަލް ޝޫ ކަވަރ އާއި، ޑިސްޕޮސެބަލް ހެޑް ކަވާ (ސާޖަން ކެޕް)، އެންކަލް ބޫޓު،  ބޮޑީ ބޭގްސް އަދި އިތުރު މާސްކު ހިމެނެއެވެ. މި ގޮތުގެމަތިން ފައިސާ ދެއްކި ތަކެތީގެ ތެރެއިން ސާޖަން ކެޕް ފިޔަވައި، ދެންހުރި ތަކެތި މިނިސްޓްރީއަށް ލިބިފައި ނުވާ ކަމަށްވެސް، އޮޑިޓް ރިޕޯޓްގައިވެއެވެ. މިފަދަ ޚިޔާނާތްތައް އެނގުމުން ރައްޔަތުން ސަހަރޯ ހީނުވަނެތޯއެވެ؟

ވިސްނާލަން ޖެހެއެވެ. މިއީ ރައްޔިތުން މިފަދަ ނިކަމެތި ގެބަންދު ޙާލެއްގައި ބަންދުގައި ބައިތިއްބައިގެން ރައްޔިތުންގެ ރައްކަލާ ސަލާމަތަށް ހުރިހާގޮތަކުން ތައްޔާރުވެތިބިކަމަށް ބުނަމުންގެންދިޔަ ސަރުކާރުގެ ޕެންޑެމިކް އިމާރޖެންސީ ޓީމުގެ ރަޙުމުކުޑަ ޙާލަތުގެ ވާހަކަތަކުން ކުޑަ މިންވަރެކެވެ. ގައުމު ހިންގަވަން ޙަވާލުވެ ހުންނެވި ރައްޔަތުންގެ ޚާދިމަށް ( ރައީސް ސޯލިހަށް) #ޒީރޯޓޮލެރެންސް ގެ ދަށުން ރެއަކާވެސް ނުލިކަން މިހާރު މިވަނީ އެންމެނަށްއެގި ވަރަށް ބޮޑަށް ބޭޒާރުވެފައެވެ. ސަރުކާރުތިއްބަވާ ރައްޔަތުންގެ ޚާދިމުން ދައުލަތް އެކުގައި ހުސްކޮށްލިޔަސް ރައިސްމީހާއަށް އެނގޭނެ ނިޒާމެއް ނެތްކަން ވަރަށް ރަނގަޅަށް ސާބިތުވެއްޖެކަމާމެދު ޝައްކެއްވެސް ނެތެވެ. ހަމަ ހުސް ބުރޯއޭ ބުނުމަކުން މާބޮޑު ދޮގަކަށް ނުވާނެއެވެ. މަޖިލީސްވެސް ޑުރާމަ ކުޅުމުގައި އަވަދިނެތިއެވެ. ރައްޔިތުން ނިކަމެތިވެ ބިކަވެ ރައްޔިތުންގެ ބައިތުލްމާލުން ބޮޑު ޖަރީމާތެކެއް މިވަނީ ހިންގާފައެވެ. ރައްޔަތުންގެ ޚާދިމުންތަށް ޒިންމާދާރުކުރުވުމަށް  ރައްޔަތުން ހޮވާ ފުލްކޮށް އެމްޑީޕީއަށް ބާރުތަށް ދީފައިވާ އެމަޖިލިސްއަށް ކުރެވުނު އެއްވެސް ކަމެއް އެޅުނުފިޔަވަޅެއްނެތެވެ. ބުނާ އަޑު އިވެނީ އެމްޑީޕީގެ ސަރުކާރުގައި ބުރޯހެދިން ނޫޅެވޭނެއެވެ. އެހެންތޯއެވެ؟

މި ނޫންވެސް ބޮޑެތި ޚިޔާނާތުގެ ޢަމަލުތަށް ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި  ވަރަށް ސަރީޙަކޮށް ބަޔާންކޮށްފައި ވާއިރު، އޮޑިޓަރ ޖެނެރަލްވަނީ މިފަދަ ބޮޑެތި ޚިޔާނުގެ ޢމަލުތައް ހިންގިފަރާތްތަކާމެދު  ފިޔަވަޅުއަޅައި ދައުލަތަށް ގެއްލިފައިވާ ފައިސާތަށް ހޯދުމަށް ސަރުކާރަށް ގޮވާލައިފައެވެ. މިއީ ކޮންމެ ސަރުކާރެއްގައިވެސް އެސަރުކާރަކުން އެޕޮއިންޓް ކޮށްފައިހުންން “ދައުލަތުގެ” އޮޑިޓަރު ޖެނެރެލްއަކު ޢަމަލު ކުރައްވާގޮތެވެ. އިސްމާޢީލް ފަތުހީ ހުންނެވި ދުވަސްވަރުފިޔަވައި ހަމަ އޭގެފަހުން އަބަދުވެސް މެއެވެ.  ދުވަހަކުވެސް މިރާއްޖޭގައި ޢަމަލީ ގޮތުން މަސައްކަތެއްކޮށް އެފަދަ ވަށްކަމުގެ ޒިންމާއުފުލުވައި އެފައިސާތަށް ރައްޔަތުންގެ ޚަޒާނާއަށް ހޯދަދެވޭފަދަ ސަރުކާރެއް ނާދެއެވެ. އުންމީދަކީ މިކިޔާ #ޒީރޯޓޮލެރެންސްގެ ދަށުން ކުރިއަށް އޮތްދުވަސްތަކުގައި ހެޔޮބަދަލެއް އައުމެވެ.

އޯޑިޓް ރިޕޯޓް: http://www.audit.gov.mv/AR1539

3 ހިޔާލުތައް

  1. މިގައުމުގެ ޙާލަތަކީ ތިއީ އަބަދުވެސް. ހަމަ އެންމެން ޚިޔާނާތްތެރިވެ އެމީހަކު އަތުޖެހުނުގޮތަކަށް ދައުލަތުގެ ރައުސުލްމާލު ކާލައިގެން ގޮސް އުފަލުގައި ދިރި އުޅެލަނީއެވެ. މާކުރިންވެސް މިފަދަ ވައްކަމަކީ ދިވެހި ސަރުކާރުތަކކުގައި ތިބޭ ވެރިންނަށްވެގެން އުޅޭ މީހިންގެ ޙާލަތެވެ. ވަރަށް މަދުން ރަނގަޅު މީހިންވެސް ނޫޅޭވާހަކައެއް ނޫނެވެ. ކޮބާ އެފްޕީއައިޑީގެ ބޮޑު ވައްކަން. ރައީސް ނަޝީދުއަށް ހަމަ އޯކޭ. ފަހުން އެކަމުގެ ބޮޑުބައިވެރިޔާ އާ ވެސް ޑީލް ހެދީ. އިލްޔާސް އިބްރާހިމް ވެސް އޯކޭވީ. ދެން ހަމަ ޔާމީނުވެސް އޯކޭވާނެ ވެރިކަމުގައި ހުރުމަށް ބޭނުންވާ ހިސާބަށް ދިއުމުން. ބުރޯވެސް ހަމަ އޯކޭ. ދެން މިހާރުގެ ބުރޯ ފައްޔާޒްވެސް ވަރަށް ހަމަ އޯކޭވާނެ. އެއީ މި މީހުންނަކީ ގިނަ ބަޔަކު ކިޔާއުޅޭގޮތުގައި ކަޓްނަގައި ޕާޓީއަށާއި ރައީސް މީހާއަށް ބައިއަޅާ އެޖެންޓުންނަކީ. ވީމާ އޯކޭވާންޖެހޭނޫންތޯ؟ ދިވެހިން ރައްޔަތުން އަތުން އަބަދުވެސް ނަގާ ޓެކްހާ ޑިއުޓީއާއި ގެދޮރުން ޓެކްސް ނެގުމާއި މިހެންގޮސް ކިތަންމެ ބައިވަރެއް ނެގިޔަށް ދެކޮޅުޖެއްސޭވަރަށްވުރެ ޚިޔާނާތް ބޮޑުވީމާ ދެން ކީއްތޯކުރާނީ. ރައްޔަތުންވެސް ބޯގޮވާނީ ނޫންތޯއެވެ. އަދި މިހާރު އެ އެނދިބުރޯ ޢަލީވަހީދުވެސް އޯކޭވާނެ. އެއީ އެނާ ބުނާހެން މިހެން ގުޅިއްޖެ ދެހިތެއް ވަކިވުމެއްނެތް؟ އެއީ ޑީއާރުޕިގައި ހުއްޓާ ރައިސް ނަޝިދު އެންމެފުރަތަމަ ހެދި ޑީލް. އެމްޑީޕީ އަށް މީނަ ގަތީ ބޮޑުއަގުގައި. އެއީ ބާރަށް ލަދުހަޔާތެއްނެތި މަޖިލީހުނިޒާމު ގެއްލުވާލުމުގެ މާހިރަކަށްވުމުން. ދެން އެމްޑީޕީއަށް ބޫން ބޫން ދުއްވަނިކޮށް ގާސިމުގަތީ. މި އީ މިގައުމުގެ ޙާލަތު. ވަރިހަމަތާ އަދިވެސް ފައިސާކޮޅެއް ހިފައިގެން ނުކުމެއްޖެނަމަ މަޖިލިސް އަށް ވެސް ހަމަ ހޮވިދާނެ. ރައްޔަތުން އެބައިމީހުންގެ ޒިންމާ އަމާނާތްތެރިކަމާއި އެކު ނުނަގާހާ ހިނދަކު މިގައުމުގައި އޮންނާނީ ވައްކަމާއި ފޭރުމާއި މީހިން މެރުމާއި ހުރިހާ މުޑުދާރު ކަމެކެވެ. ވިސްނަ ފިކުރުކުރަން މާލަސްވެސް ވެއްޖެއެވެ.

  2. އާހ، ހަމަ އަބަދުވެސް ސޭމް ސްޓޯރީ. ވަރަށް ދެރަވަރު. ދެން ޔާމީނާވެސް ޑީލް ހަދާފަ ބަރުލަމާނީ ގެނެވޭތޯ ބަލާ. އޭރުން ދެން ހުރިހާކަމެއް ހަމަޖެހުނީ. އެކަކުވެސް އަނެކާއަށް ވަގަށް ނުގޮވާ ވައްކަންކޮށްލަކޮށްލާ ތިބީމާ ނިމުނީނުދޯ؟ ރައްޔަތުން ނަށް އެގޮތް މައްސަލައަކަށް އެބަ ވޭތޯއެވެ. އާންމު މީހާ އުޅެނި ހަމަ އަދިވެސް ސަލާމްޖަހާއިގެނެވެ. ގައުމާއި ނުބައްދަލު “ޑިވެލޮޕްމަންޓް” ގެނެސްގެން އަދިވެސް ރައްޔަތުން ދަނީ ހައްތާބޮޑަށް ދަރަނިވެރި ވަމުންނެވެ.

  3. އެމްޑީޕީގެ ކޯޅުންގަޑު ފެށުނީމާ ދެން މިސަރުކާރުގެ ޙާލަތު ވަރަށް ދެވީއެވެ. ވެރިކަމަކީ ހާދަ ދަހިވެތި ކަމެކެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ދުނިޔޭގެ ދަހިވެތިކަމާއިހެދި އެންމެންހެން އަނެކާ މަރައިފަވެސް ވެރިކަމަށް އަންނަން ބޭނުން ވެނީއެވެ. ނަމަވެސް ދެރައީ ވެރިކަމަށް އަންނަން ރައްޔަރުންކައިރީ ސަލާމްޖަހާއިރު ގޮވަނީ ދީނަށްޓަކައި ރައްޔިތުންނަށްޓަކައި ގައުމަށްޓަކައި ކަމަށެވެ. ނަމަވެސް އަސްލުމިއެނގޭނީ ޖީބަށްޓަކައި ކަމެވެ، ތަޖުރިބާ ވަރަށް ހިތިވެއްޖެއެވެ. މަކާރާއި ޙީލަތުން ވެރިކަންކުރަން އުޅުނީމަ އެންމެންވެސް ފައިލިވާތަން އަބަދުވެސް ފެންނަމުންދެއެވެ. އެކިޔާ ދީނީބަޔަކުވެސް ނެތިއްޖެކަހަލައެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ