ހުޅަނގުން ބޭނުން ވަނީ ރަޝިއާ ނައްތާލަން: ޚާރިޖީ ވަޒީރު ލަވްރޯފް

Loading

Facebook
Twitter
WhatsApp

ރަޝިއާ އެކަހެރިކޮށް ނުލެވޭނޭ ކަމުގައި އެ ގައުމުގެ ޚާރިޖީ ވަޒީރު ސަރުގައި ލަވްރޯފް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ރަޝިއާގެ ރައްޓެހީންނާއި ބައިވެރިންނާއި ވިޔަފާރިވެރިން އެބަތިއްބެވެ.

ވެރިރަށް މޮސްކޯކޯގައި ޑިޕްލޮމޭޓުންނާ އެކު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރަޝިއާގެ ޚާރިޖީ ވަޒީރު ވިދާޅުވީ ހުޅަނގުގެ ގައުމުތަކުން ބޭނުން ވަނީ ރަޝިއާ ނައްތާލަން ކަމަށެވެ. އެގޮތުން ހުޅަނގުގެ ގައުމުތަކުން ރަޝިއާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް އިއުލާނުކޮށްފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ލަވްރޯފް ވިދާޅުވިގޮތުގައި އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ރަޝިއާ ދެކޮޅަށް އަޅަފައި ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހިޓްލަރާ ދެކޮޅަށް އެޅިފަދަ ފިޔަވަޅުތަކެވެ. އޭގެ ބޭނުމަކީ ރަޝިއާގެ އިގުތިސާދު އިނދަޖައްސައި ރަޝިއާ ނައްތާލުންކަމަށް ވެސް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ރަޝިއާ އެކަހެރި ކުރުމަށް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ލަވްރޯފް ވިދާޅުވީ ރަޝިއާ އެކަހެރިކޮށް ނުލެވޭނެ ކަމަށެވެ. އަދި އެކަން ކުރުމަށް ގައުމުތަކުގެ އެއްބާރުލުން ނުލިބޭނޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން އެމެރިކާއާއި ހުޅަނގުގެ ގައުމުތައް ޕްރެޝަރަށް ވެއްޓިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންވެ އެމެރިކާއާއި ހުޅަނގުން މަސައްކަތް ކުރަމުން ދަނީ ރަޝިއާއާ ދެކޮޅަށް ޕްރޮޕެގެންޑާ ފެތުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަޝިޔާއިން ބުނަމުން ދަނީ ޔޫކްރޭން ނޭޓޯގެ ގައުމަކަށް ވުމަކީ ރަޝިއާގެ ސަލާމަތަށް ކުރިމަތިވާ ބޮޑު ނުރައްކަލަކަށް ވާތީ އެކަން ހުއްޓާލުމަށެވެ. ނަމަވެސް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ޔޫކްރޭންގެ ވެރިންގެ ބޯކާލައިގެން ނޭޓޯގައި ބައިވެރިވާން މެދުކެނޑުމެއް ނެތި މަސައްކަތް ފެށުމުން ރަޝިއާއިން ޔޫކްރޭން މަތިރިކުރަން ހަނގުރާމައެއް ފެށީއެވެ. އެ ހަނގުރާމައިން ޔޫކްރޭން ސަލާމަތްކޮށް ދިނުމަށް އެދި ޔޫކްރޭނުން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކަށް އާދޭސް ކުރަމުންދާއިރު ވެސް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ޔޫކްރޭންގެ އާދޭސްތަކަށް އެކަށީގެންވާ އިޖާބައެއް ދީފައެއްނުވެއެވެ.

ރަޝިއާއިން ބުނާ ގޮތުގައި ޔޫކްރޭނުން ދަނީ އެމެރިކާއާއި ނޭޓޯގެ ގައުމުތަކާ ގުޅިގެން ނިއުކުލިއަރ ހަތިޔާރާއި ކެމިކަލް ހަތިޔާރު އުފައްދައި ރަޝިއާގެ ގައުމީ ސަލާމަތަށް ނުރައްކާ ކުރަމުންނެވެ.

ޗައިނާއިގެ އިސްބޭފުޅަކު ވިދާޅުވި ގޮތުގައި ރަޝިއާއިން ޔުކްރޭނާ ދެކޮޅަށް ހިންގާ ޢަސްކަރީ އޮޕަރޭޝަނަކީ ނޭޓޯގެ މަޅިތަކުން ސަލާމަތްވުމަށް ހިންގާ ދިފާއީ އޮޕަރޭޝަނެކެވެ.

 

Loading

One Response

  1. އެކަމެއް ދެން ނުވާނެތާއެވެ. ޕުޓިން ތިވިދާޅުވަނީ ރަޝިޔާއަށް ޖާގަނެއް ދުނިޔެއެއްގައި ރަޝިޔާއާއި ދެކޮޅު ގައުމުތަކެއްވެސް ނޯންނާނެޔޯ. ދެން އެންމެން އެކުގައި ގޮވާނީއެވެ. ވަރަށް ނުރައްކަގޮތެއް މިވަނީ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް