ފުލުހުންގެ އިންޒާރަށް ބެލުމެއްނެތި މުޒާހަރާ ބާއްވަން އިދިކޮޅުން ނިންމައިފި

Loading

Facebook
Twitter
WhatsApp

 

 

އިދިކޮޅުން މާދަމާ މާލޭގައި ބާއްވަން ރާވައިފައިވާ މުޒާހަރާ ނުބޭއްވޭނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށް އެ އެއްވުން ކުރިއަށް ދާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން ބާއްވަން ރާވަމުން އަންނަ މި އެއްވުމަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުލާ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުވުމަށް ”އިންޑިއާ އައުޓް“ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކެމްޕެއިނުގެ އެއްވުމެކެވެ.

”ނޭވާ ހޮޅިއަށް“ ނަމުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ މި އެއްވުމާއި ގުޅިގެން ރޭ ފުލުހުންވަނީ ނޫސްބަޔާނެއް ނެރެފައެވެ.

އެ ނޫސް ބަޔާނުގައި ފުލުހުން ބުނެފައިވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ލިބިދީފައިވާކަމަށާ ނަމަވެސް މާދަމާ އިދިކޮޅުން ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމުގައި މިގާނޫނާ ހިލާފު ގިނަ ކަންތައްތަކެއް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އެގޮތުން އެއްވުމުގައި ބައިވެރިވުމަށް ރަށްރަށުން މީހުން ގެންނަ ގޮތަށް ހަމަޖެހިފައިވާކަމަށާއި ގިނަ އަދަދެއްގެ ދުއްވާ އެއްޗެތި ބޭނުންކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކްކޮށް ރައްޔިތުންނަށާއި އާއްމު ދަތުރުފަތުރަށް ހުރަސްއެޅޭގޮތަށް ކަންކަން އިންތިޒާމުކޮށްފައިވާކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެގޮތުން މާލޭގެ މަގުތަކާއި، އިދިކޮޅު ޕީޕީއެމްގެ މައި އޮފީސް ސަރަހައްދާއި، ކާނިވާ ސަރަހައްދާއި، ރަސްފަންނު ސަރަހައްދާއި، ބޮޑުތަކުރުފާނު މަގާއި، މާލޭ ދެކުނުފަރާތު އުސްފަސްގަނޑު ސަރަހައްދު ހިމެނޭ ސަރަޙައްދުގައި އެއްވުން އިންތިޒާމުކޮށް ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދަތިވާނެހެން އެއްވަގުތެއްގައި މާލޭގެ އެކި ސަރަހައްދުތަކުގައި ބައިބަޔަށް މީހުން ނުކުތުމަށް ރާވާފައިވާކަންވެސް ފުލުހުންގެ ބަޔާނުގައިވަނީ ބުނެފައިވެއެވެ.

އަދި  ހަމައެއާއެކު މާލޭގައި ހަރަކާތްތެރިވާ ގޭންގްތައް މިއެއްވުމުގައި ބައިވެރިކުރުމަށް އިދިކޮޅުން ނިންމާފައިވާކަމަށާއި މިއީ ފުލުހުން ޖާގަދޭނެކަމެއް ނޫންކަމަށާ އެފަދަ އެއްވުމެއްގައ ބައިވރިވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ އިންޒާރު ދީފައެވެ.

ފުލުހުންގެ ބަޔާނާ ގުޅިގެން އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުއްލާ (އަދުރޭ) ވިދާޅުވީ އިދިކޮޅުގެ އެއްވުމުގެ ތެރެއިން ނުރައްކާތެރި ކަންތައްތަކެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް އެފަދަ މައުލޫމާތެއް އެ ކޯލިޝަނާ ހިއްސާކޮށްފައިނުވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ ފުލުހުން ދައްކަމުން އަންނަ ވާހަކައަކީ ހުސް ބަހަނާ ކަމަށާއި މިއީ ”އިންޑިއާ އައުޓް“ މާލޭ ހަރަކާތަށް ގިނަ ބަޔަކު އެއްވާނެކަން އެނގޭތީ ދައްކަމުން އަންނަ ވާހަކަތަކެއް ކަމަށާ މި އެއްވުމަށް ޖާގަދޭން ސަރުކާރަށް ކެރިވަޑައިނުގަންނަވަނީ ސަރުކާރު މިހާރު ނޭވާހޮޅި އަށް އެޅިފައިވާތީ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ސުލްހަވެރި ހިގާލުމެއް ނޫންކަމަށް ބުނެ ފުލުހުން ދައްކަމުންއަންނަނީ ބަހަނާތަކެއްކަމަށާ އިދިކޮޅުގެ ހަރަކާތާމެދު ފުލުހުން ކުރަމުން އަންނަނީ ދޮގުތުހުމަތު ތަކެއް ކަމަށެވެ.

އަދި އެއްވުން ކުރިއަށް ގެންދާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

”އަޅުގަނޑުމެން ބާއްވަން އުޅޭ ހަރަކާތަކީ ސުލްހަވެރި ހަރަކާތެއް، މި ހަރަކާތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން“  އަދުރޭ ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ކުރަމުންއަންނަ އިންޑިއާ އައުޓް ކެމްޕެއިނަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މި ކެމްޕެއިންގެ ހަރަކާތްތައް މުޅި ރާއްޖޭގައި ވެސް ކުރިއަށްގެންދާއިރު މާދަމާ މާލޭގައި ބާއްވާ ހަރަކާތަށް ސަޕޯޓް ދިނުމުގެ ގޮތުން ބައެއް ރަށްތަކުންވެސް އަންނަނީ ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ.

Loading

One Response

  1. ރައީސް ސޯލިޙު އާއި އިމްރާނު މޭޑޭ ޖައްސަންވީމާ އޯކޭ. އަހަރެމެނަށް އިންޑިއަ އައުޓްވެސް ނުކިޔޭ. ބޯހަލާކު

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް