ބަލްގޭރިއާ، ލެޓްވިއާ އަދި އެސްޓޯނިއާގައި ތިބި ރަޝިއާގެ މަންދޫބުން ފޭބުމަށް އަންގައިފި

Loading

Facebook
Twitter
WhatsApp

ރަޝިއާއިން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވިކަމަށް ބުނެ ބަލްގޭރިއާ، ލެޓްވިއާ އަދި އެސްޓޯނިއާގައި ތިބި ރަޝިއާގެ ހުރިހާ މަންދޫބުން އެ ގައުމުން ފޭބުމަށް ބަލްގޭރިއާގެ ފޮރިން މިނިސްޓްރީން އަންގައިފިއެވެ.

ބަލްގޭރިއާގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ލިޔެފައިވާ ބަޔާނެއްގައި ވާ ގޮތުގައި އެ ގައުމުގެ ބޮޑުވަޒީރު ކްރިލް ޕެޓްކޮވްގެ އިޒުނަ ހޯދުމަށްފަހު ރަޝިއާއިން ބަލްގޭރިއާއަށް ހަމަޖައްސާފައިވާ މަންދޫބަށް ބަލްގޭރިއާއިން 72 ގަޑިއިރު ތެރޭ ފޭބުމަށް ވަނީ އަންގާފައެވެ.

ބަލްގޭރިއާގެ ފޮރިން މިނިސްޓްރީން ނެރުނު ސްޓޭޓްމަންޓްގައިވާ ގޮތުގައި ކަމާ ބެހޭ ފަރާތްތަކުގެ އެއްބަސްވުމާ، ބޮޑު ވަޒީރުގެ އިޒުނައިގެ ދަށުން ހުކުރު ދުވަހަށްފަހު ރަޝިއާގެ މަންދޫބުން އެ ގައުމަށް އައުމުގެ ހުއްދައެއް ނުދެވޭނެއެވެ.

ރަޝިޔާއިން ބަލްގޭރިއާއަށް ހަމަޖައްސާފައިވާ މަންދޫބު ކަމަށްވާ އެލިއޮނެރާ މޮޓްރޮފަނޯވާ ވިދާޅުވި ގޮތުގައި ބަލްގޭރިއާއިން އަޅާފައިވާ މި ފިޔަވަޅަކީ ރަޝިއާއާ ދެކޮޅަށް ބަލްގޭރިއާއިން މަސައްކަތް ކުރާ ކަމުގެ ހެއްކެކެވެ. އަދި މި ފިޔަވަޅުގެ ބަދަލު ރަޝިއާއިން ހިފާނެކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިއީ ބަލްގޭރިއާއިން ރަޝިއާގެ މަންދޫބަކު ބޭރުކޮށްލެވޭ ފުރަތަމަ ފަހަރެއް ނޫނެވެ. މާޗް 2ވަނަ ދުވަހު ބަލްގޭރިއާއިން ވަނީ ރަޝިއާގެ 2 މަންދޫބަކު ބާލާފައެވެ. މީގެ އިތުރުން 2019ވަނަ އަހަރު ޖާސޫސް ކުރާ ކަމަށް ބުނެ ރަޝިއާގެ 9 މަންދޫބަކު ވެސް ވަނީ ބަލްގޭރިއާއިން ބާލާފައެވެ.

ފިނި ހަނގުރާމައިގެ ދުވަސްވަރު ރަޝިއާގެ އެންމެ ގާތް އެއް ގައުމު ކަމުގައިވިޔަސް މިހާރު ބަލްގޭރިއާއަކީ ޔޫރަޕިއަން ޔޫނިއަނުގެ މެމްބަރެކެވެ. އަދި ބަލްގޭރިއާއިން ވަނީ ރަޝިއާ ޔޫކްރޭނަށް އެރި ހާދިސާ ކުށްވެރި ކޮށްފައެވެ.

ބަލްގޭރިއާގެ އިތުރުން ލަޓްވިއާ އަދި އެސްޓޯނިއާއިން ވެސް ވަނީ ރަޝިއާގެ 3 މަންދޫބަކު އެ ގައުމުތަކުން ބާލާނެ ކަމަށް ބުނެފައެވެ. އަދި ފާއިތުވި ހޯމަ ދުވަހު ސްލޮވާކިއާއިން ވެސް ވަނީ ރަޝިއާގެ 3 މަންދޫބަކު ބާލާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް