"ކަޝްމީރް ފައިލްސް" ގެ ސަބަބުން މުސްލުމިންނާ ދެކޮޅު ފިކުރު އިންޑިއާގައި އިތުރުވަނީ

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ސަހަރެއް ކަމަށްވާ ކަޝްމީރުން އެތައް ހާސް ހިންދޫން އަރުވާލެވުނު ހާދިސާ އާ ގުޅޭ ގޮތުން ހަދާފައިވާ ހިންދީ ފިލްމެއް ކަމަށްވާ ”ކަޝްމީރް ފައިލްސް“ ސިނަމާ ތަކުގައި ދައްކަން ފެށުމާ އެކު މުސްލިމުންނާ ދެކޮޅަށް އިންޑިއާގެ ހިންދޫން އަޑު އުފުލަމުން ދާ މިންވަރު ވަނީ އިތުރުވެފައެވެ. މި ފިލްމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ތައުރީފު ކުރައްވާފައެވެ.

ސަތޭކަ ހަތްދިހަ މިނިޓުގެ ”ކަޝްމީރް ފައިލްސް“ އަކީ ދަރިވަރަކު އޭނާގެ އާއިލާ މަރުވި ގޮތުގެ ހަގީގަތް ހޯދުމަށް ކުރާ މަސއްކަތާ ބެހޭގޮތުން ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގައި އުޅޭ މައިގަނޑު ޝަޚުޞިއްޔަތު ކަމަށްވާ ދަރިވަރަށް މި ފިލްމުގައި އެނގިގެން ދަނީ ދަރިވަރުގެ އާއިލާ މަރުވެފައި ވަނީ ކަޝްމީރުން އެތައް ހާސް ހިންދޫން ފައްސާލި ހާދިސާގައި ކަމެވެ.

މި ފިލްމުގައި ދައްކާ ގޮތަށް 1990އައިގެ އަހަރުތަކުގެ ތެރޭގައި އިންޑިއާގެ ކަޝްމީރު ސަރަހައްދުން އެތައްހާސް ހިންދޫންނެއް ފައްސާލެވުނެވެ. މި ހާދިސާގައި ފައްސާލެވުނު ހިންދޫންނަށް ”ކަޝްމީރީ ޕަންޑިތުން“ނޭ ކިޔެއެވެ. މި ހާދިސާ ހިނގާއިފައި ވަނީ 1989ވަނަ އަހަރު އިންޑިއާގައި ހިނގާދިޔަ ހަމަނުޖެހުންތަކެއްގެ ސަބަބުންނެވެ. ކަޝްމީރީ ޕަންޑިތުން އަދިވެސް އިންޑިއާގެ އުތުރުގެ ބައެއް ހިސާބު ތަކުގައި ޓެންޓު ޖަހައިގެން ދިރިއުޅޭތަން ފެނެއެވެ. ނަމަވެސް މަދު އަދަދެއްގެ ހިންދޫން އަދިވެސް ކަޝްމީރު ސަރަހައްދުގައި ދިރިއުޅެއެވެ.

މި ފިލްމަށް ތާއިދު ކުރާ ފަރާތްތަކުން ބުނަމުން ދަނީ މި ފިލްމުގައި ކަޝްމީރުގެ ތާރީހާ ބެހޭގޮތުން ގިނަ ބަޔަކަށް ނޭނގޭ އިތުރު މައުލޫމާތު ތަކެއް ހާމަވެގެންދާކަމަށެވެ.

2014ވަނަ އަހަރު މޯދީ ސަރުކާރު ވެރިކަމަށް އައުމާ އެކު ކަޝްމީރުން ނެރެވުނު ހިންދޫންނަށް އަނބުރާ ކަޝްމީރަށް ދިޔުމުގެ ފުރުސަތު ހޯދައި ދިނުމަށް މޯދީގެ ޕާޓީ ކަމަށްވާ ބީޖޭޕީން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން މޯދީ ސަރުކާރުން ވަނީ މުސްލިމުން ގިނަ ކަޝްމީރުގެ ރައްޔިތުންގެ ބާރު ދެރަކޮށް ގެދޮރު އަތުލުން ކަމަށް ބެލެވޭ ފަދަ ފިޔަވަޅުތަކެއްވެސް އަޅާފައެވެ.

މި ފިލްމުގައި ފޮރުވިފައިވާ ގިނަ ހަގީގަތްތައް ހާމަކޮށްފައި ވުމުގެ ސަބަބުން ގިނަ ބަޔަކަށް ސިހުން ލިބޭނެ ކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ސިހުން ލިބެނީ ކޮން ބަޔަކަށް ކަމެއް މޯދީ ސާފުކޮށްދެއްވާފައެއް ނުވެއެވެ. ބީޖޭޕީ ޕާޓީއަށް ނިސްބަތްވާ ސްޓޭޓް މިނިސްޓަރަކު ވަނީ އޭނާގެ ދަށުގައި މަސައްކަތް ކުރާ މީހުންނަށް މި ފިލްމް ބެލުމަށްޓަކައި ބައި-ދުވަސް ހުސްކޮށްދީފައެވެ.

މޯދީ ސަރުކާރާ ދެކޮޅު ފިކުރުގެ ގިނަ މީހުން ބުނެފައިވާ ގޮތުގައި މި ފިލްމަކީ މުސްލިމުންނާ ދެކޮޅު ފިކުރު އިތުރުކޮށް މުސްލިމުންނާ މެދު ނަފުރަތު އުފެއްދުމުގެ ގޮތުން ހަދާފައިވާ ފިލްމެއްކަމަށެވެ. އަދި މި ފިލްމަކީ އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް އިތުރުވަމުން އަންނަ ނަފްރަތުގެ ހެއްކެއް ކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް