އެސިސްޓަޑް ސްޓްރެޗިންގ ގެ ފައިދާ

Loading

Facebook
Twitter
WhatsApp

ކޮވިޑް 19 ގެ ޕެންޑަމިކް އާ ގުޅިގެން ފައިދާއެއްކުރިކަމަށް ބުނާނަމަ ބުނެވޭނީ ކޮވިޑްއަށް ފަހު ކޮންމެ މީހަކުވެސް މިހާރު އަމިއްލަ ސިއްހަތާމެދު ވިސްނާވަރު އިތުރު ވެފައިވާ ކަމަށެވެ. އަދި ބަލިތަކުން ސަލާމަތްވެ ތިބެވޭނެ ގޮތްތަކާމެދު އިތުރަށް ވިސްނާ އެކަމަށް މަސައްކަތް ކުރަން ފަށާފައިވާ ކަމުގައެވެ.

ފަހުގެ ރިސަރޗް ތަކުން އެގިފައިވާ ގޮތުގައި ސްޓްރެޗް ކުރުން ނުވަތަ ގަވާއިދުން ހަށިގަޑު ދަމާލުމަށް ސަމާލުކަން ދޭނަމަވެސް އެކަމުން ސިއްހީ އެތައް ފައިދާތަކެއް ކުރެއެވެ.ނަމަވެސް މިކަން ކުރަން ޖެހެނީ ވަކި ގޮތަކަށެވެ.

އެމެރިކާގައި މިހާރު އެސިސްޓަޑް ސްޓްރެޗިންގ ނުވަތަ ތަމްރީން ވެފައިވާ މީހެއްގެ އެހީއާއެކު ހަށިގަޑު ދަމާލުމުގެ ޚިދުމަތް ދިނުން ވަނީ ފުޅާވަމުންދާ އިންޑަސްޓްރީ އަކަށްވެސް ބަދަލުވާން ފަށާފައެވެ.

މިގޮތުން ކެލިފޯނިޔާގެ އަރވިންގައި ސްޓްރެޗްލެބް ގެ ނަމުގައި ހިންގާ މިފަދަ ކަސްރަތު ކޮށްދޭ 72 ތަން ޕެންޑަމިކްގެ ކުރިން ހުރި އިރު، މިހާރު އެކި ހިސާބުގައި ވަނީ އޭގެ 150 ތަން ހުޅުވާފައެވެ.އަދި އިތުރު 600 ތަން ހަދަމުން ދާކަމަށް ވެއެވެ.މިއީ މިހާރު ބާރަށް ފުޅާވަމުން އަންނަ އިންޑަސްޓްރީ އަކަށް ވަނީ ވެފައެވެ.

އެސިސްޓަޑް ސްޓްރެޗިންގ ގެ ޚިދުމަތް ދޭއިރު އެކަން ކުރާ ގޮތަކީ ތަމްރީނު ވެފައި ތިބޭ ބަޔަކު އެކަމަށް އެހީތެރި ވުމެވެ. ނުވަތަ ޚާއްސަ އިކުއިޕްމަންޓް ތަކުގެ އެހީގަ ހަށިގަޑު ދަމާލުމެވެ.މިގޮތަށް ހަށިގަޑު ދަމާލުމުން ނުފިލާ ގިނަދުވަސްވަންދެން ހުންނަ ތަދުތައް ފިލާކަމަށް ވެއެވެ. އިތުރު ފައިދާތަކުގެ ތެރޭގައި ހަށިގަޑުގެ ފްލެކްސިބިލިޓީ ނުވަތަ ހެލިފެލިވެ އުޅުމުގެ ގާބިލުކަން އިތުރު ވުން، ލޭ ދައުރުކުރާ ނިޒާމް ގެ މަސައްކަތް ރަގަޅުވުން އަދި ހިގާ ބިނގާވެ އުޅުމަށް ފަސޭހަ ވުން ހިމެއެވެ. އެންމެ މުހިންމު ފައިދާއަކީ ދުވަސްވަންދެން ނުފިލާ ހުންނަތަދުތައް ފިލާ އަދި ހުޅުތަކުގެ ހަރުކަށިކަން ފިލުމެވެ.އަދި ހަޑިގަޑުގެ ބާރު ގަދަ ކޮށްދީ ހަށިގަޑުބަހައްޓާ ތެދު/ގުދު މިން ނުވަތަ ޕޮސްޗަރ ރަގަޅު ކޮށްދެއެވެ. އަދި ސްޓްރެސް ލެވެލް ދަށް ކޮށްދީ ، ނިދުން ފަސޭހަ ކޮށްދީ ހަށިގަޑުގެ ހަކަތަ އިތުރު ކޮށްދެއެވެ.

އެސިސްޓަޑް ސްޓްރެޗިންގ އަކީ މިހުރިހާ ފައިދާ ތަކެއް ހަށިގަޑަށް ކުރާ ކަމަކަށް ވާއިރު ސްޓްރެޗް ލެބް ތަކުގެ ރެގިއުލަރ ކަސްޓަމަރުންގެ ތެރޭގައި އުމުރުން ހަތަރު އަހަރާ 90 އަހަރާ ދެމެދުގެ ފަރާތްތައް ހިމެނެއެވެ. މީގެ ތެރޭގައި ހިރިނުލެވިފަ އެދުގަ ތިބޭ ބައެއްފަރާތްތަކާ، އެކި ޑިސްއޯޑަރތައް ހުރެގެން އަތްފައިގެ ހަރަކާތްތައް ކޮންޓްރޯލް ނުކުރެވޭ ފަރާތްތަކާ އަދި ތަފާތު ނިއުރޯ މަސްކިއުލަރ ބަލި ޖެހިގެން ފަރުވާ ހޯދާ ފަރާތްތައް ހިމެނުނަސް ގިނައީ އާންމު ދިރިއުޅުމުގައި ދިމާވާ އުނަގަޑުގައި ރިއްސުން، ކަންދުރާގައި ރިއްސުން،ފަދަ ކަންކަމަށް ފަރުވާ ހޯދާ އަދި ރަގަޅުވާ ފަރާތްތައް ކަމަށް ވެއެވެ.

ގިނަމީހުންނަށް އަމިއްލަޔަށް ހަށިގަޑު ދަމާލުމުގެ ކުޅަދާނަކަން ލިބިފައި ވީނަމަވެސް އެކަން އެގޮތަށް ނުހިގާކަމަށްވެއެވެ. ސްޓްރެޗްލެބް ތަކުގެ އަމާޒަކީ ވެސް އަމިއްލަޔަށް ކުރަން ދަސްކޮށް ދިނުމެވެ. ނަމަވެސް އަމިއްލަޔަށް މިކަން ކުރަން އުޅެގެން ގިނަފަހަރަށް ވާގޮތަކީ ނުރަގަޑު ކޮން ކުރެވުމެވެ. ދަމަން ޖެހޭ ދިމަ ދިމާލުން ނުދެމި ނުވަތަ ގޯސްކޮން ދެމޭގޮތްވެއެވެ. އަދި މާގިނަ އިރު ދަމާފަ ބެހެއްޓި،ނުވަތަ ހަށިގަޑަށް ގެއްލުން ވާފަދަ ޕޮޒިޝަން ތަކަށްވެސް ދެވޭތަން އާދެއެވެ. ވީމާ މިކަމުގައި އެންމެ ރަގަޅުގޮތަކީ މިކަމަށް ތަމްރީން ވެފައި ތިބި ނުވަތަ މިކަމުގެ ފުރިހަމަ މައުލޫމާތު ލިބި ހުރި ފަރާތްތަކުގެ އެހީއާއެކު މިކަން ކުރުމެވެ. ނޫން ނަމަ ހޯދަން އުޅުނު ނަތީޖާ ނުލިބި ދާނެއެވެ.

މައުލޫމާތު : CNN

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް