ތައިވާން ވަކި ގައުމެއްގެ ގޮތުގައި ބަލާ ނުގަންނާނެ ކަމަށް ޗައިނާއިން ބުނެފި

Loading

Facebook
Twitter
WhatsApp

ޗައިނާގެ ޕީޕްލްސް ލިބެރޭޝަން އާމީގެ ފަރާތުން ވާހަކަދައްކަވަމުން، ތަރުޖަމާނު ވޫ ޗިއާން ވިދާޅުވި ގޮތުގައި ތައިވާންގައި ދިރިއުޅޭ ރައްޔިތުންނާއި ޗައިނާގެ މެދުގައި އެއްވެސް ހަމަނުޖެހުމެއް ނެތެވެ. އެހެންކަމުން ބޭރު ގައުމުތަކުން ތައިވާން މިނިވަން ގައުމެއްގެ ގޮތުގައި ހަދަން ކުރާ މަސައްކަތް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޗިއާން ވިދާޅުވި ގޮތުގައި ޗައިނާގެ އަސްކަރިއްޔާގެ އުންމީދަކީ ސުލްހަވެރި ކަމާ އެކު ތައިވާންއާ އަލުން ގުޅުމެވެ. ނަމަވެސް ބޭރު ގައުމުތަކުން މި މައްސަލައިގެ ތެރެއަށް ވަނުމަކީ ޗައިނާއިން ޤަބޫލު ނުކުރާނެ ކަމެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، އެމެރިކާ އަދި ޖަޕާނުން ތައިވާން މިނިވަން ގައުމެއްގެ ގޮތުގައި ބަލައިގަތުމަށް ކުރާ މަސައްކަތްތައް އިތުރު ކުރާ ވަރަކަށް ޗައިނާއިން އެ ގައުމުގެ އަމިއްލަ ސަރަހައްދު ރައްކާތެރި ކުރުމަށް ކުރާ މަސައްކަތް ވެސް އިތުރުކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިއަދު ތައިވާން އާއި ތައިވާންގެ ވަށައިގެންވާ ސަރަހައްދުގައި އިތުރުވަމުން އަންނަ ނުތަނަވަސް ކަމަކީ ތައިވާންގެ ސަރުކާރުން އަމިއްލައަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ވަމުން އަންނަ ކަމެއްކަމަށް ވޫ ޗިއާން ވަނީ ވިދާޅުވެފައެވެ. އަދި ތައިވާންގެ މިނިވަންކަމަށް މަސައްކަތްކުރާ ވަކިވެގަތުމަށް މަސައްކަތްކުރާ ފަރާތްތަކުން ޗައިނާގެ ބައެއް ވަގަށްނަގާނެ ފުރުސަތު ނުދޭނެކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ރަޝިއާއިން ޔޫކްރޭނަށް އެރުމުގެ ސަބަބުން ތައިވާން އާއި ޗައިނާގެ މެދުގައި އޮންނަ ނުތަނަކަން ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައެވެ. ޗައިނާއިން ޤަބޫލު ކުރާ ގޮތުގައި ތައިވާނަކީ ޗައިނާގެ ބިމެކެވެ. ނަމަވެސް ޗައިނާގައި ހިނގި ދާޚިލީ ހަނގުރާމަ ނިމި ނެޝަނަލިސްޓް ޖަމާއަތުން ތައިވާން ހިފުމަށް ފަހު ޗައިނާއިން ތައިވާންގައި ވެރިކަން ނުކުރާތާ މިހާރު ވަނީ އެތައް އަހަރެއް ފާއިތުވެފައެވެ. ޗައިނާއިން ރަޝިއާގެ ފިޔަވަޅުތައް ބަލައިގެން ބާރުގެ ބޭނުންކޮށްގެން ތައިވާން ހިފުމަށް މަސައްކަތް ކޮށްފާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ލަފާ ކޮށްފައެވެ.

ތައިވާންގައި ހަނގުރާމަ ކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެ ފަދަ ހަނގުރާމައެއް ހިނގައިފިނަމަ އެއްވެސް ފަރާތަކަށް ހިތްހަމަޖެހުން ނުލިބޭނެ ކަމަށް ޗައިނާގެ ޑިފެންސް މިނިސްޓަރު ޗިއު ކޯ-ޗެންގް ވަނީ ބުރާސްފަތި ދުވަހު ވިދާޅުވެފައެވެ. އަދި މީގެ އިތުރުން ޗައިނާގެ ފޮރިން މިނިސްޓަރު ވަނީ ސުލްހަވެރި ކަމާ އެކު ތައިވާން އަލުން ޗައިނާއާ ގުޅުވުމަށް ކުރާ މަސައްކަތުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

ހޯމަ ދުވަހު މީޑިއާ އާ ވާހަކަދައްކަވަމުން ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ވަނީ ޓައިވާން އާއި ޔޫކްރޭންގެ ހާލަތަކީ ވަރަށް ތަފާތު ދެ ހާލަތެއް ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޔޫކްރޭނަކީ މިނިވަން ގައުމެކެވެ. ނަމަވެސް ތައިވާނަކީ ޗައިނާގެ ހައްގު ބައެކެވެ.

ތައިވާންގެ ކުރިއެރުން އޮތީ ޗައިނާއާ އަލުން ގުޅިގެން ކަމަށް ޔީ ގެ ވާހަކައިގައި އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޔީ ވަނީ މި މައްސަލައިގާ ބޭރު ގައުމުތަކުން ނުފޫޒު ފޯރުވަން ކުރާ މަސައްކަތާމެދު ނުރުހުން ފާޅުކުރައްވާފައެވެ. ޗައިނާއިން ގަބޫލު ކުރާ ގޮތުގައި އެމެރިކާއިން ތައިވާން މިނިވަން ކުރުމުގެ މައިގަނޑު މަގުސަދަކީ ޕެސިފިކް އިންޑޯ ސަރަހައްދުގައި ނޭޓޯ ފަދަ އެހެން ޖަމިއްޔާއެއް އުފެއްދުމެވެ. އަދި މި ޖަމިއްޔާގެ އަމާޒަކަށް ވާނީ ޗައިނާގެ އިގުތިސާދު ހަލާކު ކޮށްލުން ކަމަށް ޗައިނާއިން ވަނީ ތުހުމަތު ކޮށްފައެވެ. އަދި އިންޑޯ ޕެސިފިކް ސަރަހައްދުގައި މީގެ ސަބަބުން ހަމަނުޖެހުން އުފެދޭނެ ކަމަށްވެސް ޔީ ވަނީ ވިދާޅުވެފައެވެ.

 

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް