ނިއުކްލިއާ ހަނގުރާމައެއް ފެށިއްޖެ ނަމަ .....

Facebook
Twitter
WhatsApp
Missile Launch On The High Seas. 3D Illustration.

ޔޫކްރޭނާއި ރަޝިއާގެ މެދުގައި ހިންގަމުންދާ ހަނގުރާމަ ފުޅާވެ ދިގުދެމިގެންދާތާ މިހާރު ވަނީ ހަ ދުވަސް ފާއިތުވެފައެވެ. ރަޝިއާއިން ޔޫކްރޭނަށް އެރުމާ ގުޅިގެން ހުޅަނގުގެ ގިނަ ގައުމުތަކަކުން ވަނީ ނުރުހުން ފާޅުކޮށް ރަޝިއާއަށް އިގުތިސާދީ ގޮތުން ގިނަ ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާގެ އިގުތިސާދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިގޮތުން ރަޝިއާގެ ފައިސާ ކަމަށްވާ ރޫބެލްގެ އަގު މިއަދު އެއް ރުފިޔާއަށް ވެސް ނާރައެވެ.

ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ފެބްރުއަރީ 27 ވީ އާދިއްތަ ދުވަހު ރަޝިއާގެ ރައީސް ވްލަޑިމިރް ޕުޓިން ވަނީ އެ ގައުމުގެ ނިއުކްލިއާ ހަތިޔާރު ބޭނުންކުރާ ލަޝްކަރުތައް ހައި އެލާޓަށް ގެންނަވާފައެވެ. ޕުޓިން އެޅުއްވި މި ފިޔަވަޅާމެދު އެމެރިކާއިން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް މި ފިޔަވަޅަކީ މައްސަލަ އިތުރަށް ބޮޑުވެގެންދާނެފަދަ ކަމެއް ކަމަށް ބުނެފައެވެ.

ޔޫރަޕްގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި އެމެރިކާއިން އަސްކަރީ ގޮތުން ބައިވެރި ނުވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް ރަޝިއާއިން ނިއުކްލިއާ ހަތިޔާރު ބޭނުންކުރާ މިންވަރަށް މި ހަމަނުޖެހުން ބޮޑުކޮށްފި ނަމަ އެމެރިކާއިން މި ހަމަނުޖެހުމުގައި ބައިވެރިވުމުގެ ފުރުސަތުވެސް ބޮޑު ވެގެން ދާނެއެވެ.

ދުނިޔޭގެ އަސްކަރީ ބާރުތައް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި 2022ވަނަ އަހަރު ރަޝިއާގެ ނިއުކްލިއާ ހަތިޔާރު ގުދަންތަކުގައި 5،977 ނިއުކްލިއާ ހަތިޔާރު ސްޓޮކް ކުރެވިފައި އެބަހުއްޓެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއާ ހަތިޔާރު ގުދަންތަކެވެ. ރަޝިއާއަށް ފަހު އެންމެ ގިނަ އަދަދެއްގެ ނިއުކްލިއާ ހަތިޔާރު ގެންގުޅޭ ގައުމަކީ އެމެރިކާއެވެ. އެމެރިކާގެ ނިއުކުލިއަރ ގުދަންތަކުގައި 5،428 ނިއުކްލިއާ ހަތިޔާރު އެއްކޮށްފައި އެބަހުއްޓެވެ. މި ދެ ގައުމުން މި ހަތިޔާރުތައް ބޭނުންކޮށްގެން ހަނގުރާމަ ކޮށްފިނަމަ ދުނިޔޭގެ ހުރިހާ ބޮޑެތި ސިޓީތަކާއި އިންޑަސްޓްރިއަލް ސަރަހައްދުތައް ހަލާކުކޮށްލުމުގެ ގާބިލުކަން މި ދެ ގައުމުގެ ކިބައިގައި އެބަހުއްޓެވެ. ދުނިޔޭގެ އެންމެ ބޮޑު ދެ ނިއުކްލިއާ ބާރު ހަނގުރާމަ ކޮށްފިނަމަ ދުނިޔެއަށް ވެގެންދާނެ ގޮތާ މެދު އެންމެންގެ ހިތުގައިވެސް ސުވާލު އުފެދިގެން ދާނެއެވެ. ރުޓްގާރ ޔުނިވާސިޓީގެ މަޝްހޫރު މޫސުމާ ބެހޭ ޕްރޮފެސަރެއް ކަމަށްވާ އެލަން ރޯބަކް ވަނީ މި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

ރަޝިޔާގެ ނިއުކްލިއަރ ހަތިޔާރުތަކެއް: ހަތިޔާރު އެންމެ ގިނައީ ރަޝިޔާގައި

އޭނާ ވިދާޅުވި ގޮތުގައި ނިއުކްލިއާ ހަނގުރާމައެއް ފަށާތާ އެއް ހަފްތާ ތެރޭގައި 150 މިލިއަން ޓަނުގެ ކަޅު ދުން ޖައްވަށް އަރައިގެން ދާނެއެވެ. މި ދުންތައް ޖައްވުގެ މަތީ ފަށަލަތަކަށް އަރައި ބިމާ ހަމައަށް އިރުގެ އަލި ލިބުން ހުއްޓުވާނެއެވެ.

ހަނގުރާމަ ފެއްޓޭތާ ދެ ހަފްތާ ފަހުން މި ދުމުގެ ފަށަލައިން މުޅި ދުނިޔެ ފޮރުވިގެންދާނެއެވެ. މީގެ ސަބަބުން ދުނިޔެ ފިނިވެ ކަނު އަނދިރިކަމެއްގެ ތެރެއަށް ވެއްޓިގެންދާނެއެވެ. މި ދުމުގެ ފަށަލައިން އިރުގެ ހޫނުކަން ބިމަށް ފޯރިޔަ ނުދީ ހިފަހައްޓާނެއެވެ. އަދި މީގެ ސަބަބުން ޖައްވު ހޫނުވެގެންދާނެއެވެ. ޖައްވު ހޫނުވުމާ ގުޅިގެން އިރުގެ ނުރައްކާތެރި ޔޫވީ ރޭޑިއޭޝަނުން ދުނިޔެ ސަލާމަތްކޮށްދޭ ފަށަލަ ކަމަށްވާ އޯޒޯން ފަށަލަ އެއްކޮށް ހަލާކު ވެގެންދާނެއެވެ. އެއާ އެކު ނުރައްކާތެރި ޔޫވީ ރޭޑިއޭޝަން ދުނިޔެއާ ހަމައަށް އެއްވެސް ހުރަހެއްނެތި ފޯރާނެއެވެ. ޔޫވީ ރޭޑިއޭޝަނުގެ ސަބަބުން އިންސާނުންގެ ހަށިގަނޑުގައި ހުންނަ ޑީއެންއޭ މޮލެކިއުލްތަކަށް ގެއްލުން ލިބި ކެންސަރު ފަދަ ބަލިތައް އިންތިހާއަށް އިތުރުވެގެންދާނެއެވެ.

ނިއުކްލިއާ ހަނގުރާމަ ފެށޭތާ ދެ މަސް ފަހުން ދުނިޔޭގެ ހުރިހާ ހިސާބެއްގެ ފިނިހޫނުމިން ފެންގަނޑުވާ މިންވަރަށް ދަށްވެގެންދާނެއެވެ. މި ދުވަސްތަކަށް “ނިއުކްލިއާ ވިންޓާ” އޭ ކިޔޭނެއެވެ. މިހިސާބުން ދުނިޔެއަށް ވާރޭ ވެހުން އެއްކޮށް ހުއްޓިގެން ދާނެއެވެ. އަދި ވެހޭ މަދު ވާރޭ ވެހޭނީ ސުނޯގެ ގޮތުގައެވެ. ދުނިޔޭގެ މޫސިމަށް އަންނާނެ މި ކުއްލި ބަދަލު ތަކުގެ ސަބަބުން ދަނޑުވެރިކަން ކުރުން ހުއްޓިގެންދާނެއެވެ. އަދި ކުރިޔަށް އޮތް ގިނަ އަހަރުތަކެއް ވަންދެން ދަނޑުވެރިކަން ދުނިޔެއަކު ނުކުރެވޭނެއެވެ.

އެމެރިކާގެ ނިއުކްލިއަރ ޓެސްޓެއް: އިންސާނިއްޔަތަށް ގެއްލުން ހުރި ހަތިޔާރެއް

ހަނގުރާމަ ފެށޭތާ ހަތަރު މަސް ހަމަވާ ހިސާބުން ކާ ބޯ ތަކެތި ހުސްވެ، ދުނިޔޭގައި ބަނޑުހައިހޫނުކަން ފެތުރިގެން ދާނެއެވެ. އަދި ދަނޑުވެރިކަން ނުކުރެވުމުގެ ސަބަބުން ކާނާ ހޯދަންވެސް މީހުންނަށް ދަތިވެގެން ދާނެއެވެ. އަދި މިގޮތަށް ދެ އަހަރު ފާއިތުވެގެންދާއިރު ދުނިޔޭގެ އާބާދީގެ ބޮޑު ނިސްބަތެއް ބަނޑުހައިހޫނު ކަމުގައި މަރުވެގެންދާނެއެވެ. މޫދު ކައިރީގައި ދިރިއުޅޭ މަދު ބަޔަކަށް މަސްވެރިކަން ކޮށްގެން ދިރިއުޅެވި ދާނެއެވެ. ނަމަވެސް ގަދަ ފިންޏާއި ބާރުގަދަ ޔޫވީ ރޭޑިއޭޝަނުގެ އިތުރުން ކަނު އަނދިރީގައި ދިރިއުޅުމަކީ މި މީހުންނަށްވެސް ފަސޭހަކަމަކަށް ނުވާނެއެވެ. މި ދުވަސްތައް ފާއިތުވެގެންދާއިރު ސަލާމަތުން ތިބޭ މީހުންގެ ނިސްބަތް ވަރަށް މަދުވާނެއެވެ. އަދި ސަލާމަތްވާ ގިނަ މީހުން ގިނައިން ތިބޭނީ ދެކުނުގެ ހިސާބުތަކުގައެވެ. ހަނގުރާމަ ހިނގި ސަރަހައްދާ ވީހާވެސް ދުރުގައެވެ.

ހަނގުރާމަ ހިނގާތާ ހަތަރު އަހަރު ފަހުން ދުނިޔޭގެ ފިނިހޫނުމިން އިތުރުވާން ފަށާނެއެވެ. ނަމަވެސް ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް ފިނިހޫނުމިން ދިޔުމަށް 20 އަހަރު ދުވަހުގެ މުއްދަތެއް ހޭދަވާނެއެވެ. މިހިސާބުން ވާރޭ ވެހެން އަލުން ފަށާނެއެވެ. ނަމަވެސް ޔޫވީ ރޭޑިއޭޝަނުގެ ސަބަބުން ކެންސަރު ފަދަ ބަލިތައް ދެންވެސް ދާނީ އިތުރުވަމުންނެވެ. އަދި ރޭޑިއޭޝަނުގެ ސަބަބުން ގަސްގަހަށް ލިބޭ ގެއްލުންތައްވެސް އަންނާނީ އިތުރުވަމުންނެވެ. ގަސްގަހާގެހި އަލުން ހެދެންފަށައި ދަނޑުވެރިކަން ކުރަން ފެށޭނީ ހަނގުރާމަ ނިމޭތާ ގާތްގަނޑަކަށް 10 އަހަރު ފަހުންނެވެ. 20 އަހަރު ފާއިތުވެގެން ދާއިރުވެސް ބޮންތައް ގޮވާފައިވާ ރޭޑިއޯ އެކްޓިވް ސަރަހައްދުތަކަށް އެއްވެސް މީހަކަށް ކައިރިއެއް ނުވެވޭނެއެވެ.

ރަޝިއާ އަދި އެމެރިކާގެ ނިއުކުލިއަރ ގުދަން ތަކުގައި ހުރި ނިއުކްލިއާ ހަތިޔާރުތައް ބޭނުންކޮށްފި ނަމަ މި ހުރިހާ ކަމެއް ހިނގުމަކީ ނާދިރު ކަމަކަށް ނުވާނެއެވެ. އެންމެ 100 ނިއުކްލިއާ ހަތިޔާރު ބޭނުންކުރި ނަމަވެސް ހީވެސްނުކުރާ ވަރުގެ ބޮޑެތި ބަދަލުތަކެއް ދުނިޔޭގެ ގުދުރަތީ ނިޒާމުތަކަށް އަތުވެދާނެއެވެ. މިއީ އެންމެނަށްވެސް އެނގޭ ހަގީގަތެކެވެ. އަދި ރަޝިއާއިން މި ހަމަނުޖެހުން ބޮޑުކޮށްފިނަމަ ދުނިޔޭގެ ހުރިހާ އެންމެން މި ހަގީގަތާ ކުރިމަތިލާން ޖެހިދާނެއެވެ.

 

 

 

One Response

  1. އެކަކު އަނެކާއަށް ލަނޑުދީ ދުނިޔެ ބަޑުދަށަށްލާންވެގެން ކުރާ ދަހިވެތި ކަމުން އެންމެން ހަލާކުގެ ތެރެއަށް ވެއްޓިގެން ދަނީއެވެ. އެމެރިކާ ވެސް ރޫޅީގެން ނޫނީ މިފެށުނު ފިނި ނުވަތަ ހޫނު ހަނގުރާމަ ނުހުއްޓުވޭނެހެން ހާދަ ހީވެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް