ނޫނު އަތޮޅުތެރޭގައި އިސްރާފުކުރާ ސާމާނު މަދުކޮށް އަލުން ބޭނުންކުރުމުގެ ޕްލޭން ހިންގުމަށް އެއްބަސްވުމުގައި ސޮއިކޮށްފި 

Loading

Facebook
Twitter
WhatsApp

 

 

ނޫނު އަތޮޅު ތެރޭގައި އިސްރާފުވެ ބާކީވެ އުކާލެވޭ ތަކެއްޗާ ސާމާނު މަދުކޮށް، އަލުން އިގްތިސާދުތެރެއަށް އަނބުރާ ގެނެސް ބޭނުންކުރުން އިތުރުކުރުމަށް އަތޮޅު ކައުންސިލުން ކަނޑައަޅާފައިވާ ޕްލޭނު ހިންގުމުގައި ސްޓްރެޓިޖިކް ޕާޓްނަރެއްގޮތުގައި މަސައްކަތްކުރުމަށް ސޮނެވާ ނަމޫނާއިން މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގް (އެމްއޯޔޫ) އެއްގައި އަތޮޅު ކައުންސިލާއެކު ސޮއިކޮށްފިއެވެ.  

މި އެމްއޯޔޫގައި ސޮއިކުރުމަށް މިއަދު ނޫނު އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އަތޮޅުކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލް ރައީސް މުހައްމަދު ބަޝީރު އެވެ. ސޮނެވާ ނަމޫނާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސޮނެވާ ނަމޫނާގެ އޮޕަރޭޝަންސް އެންޑް ކޮމިއުނިޓީ އެންގޭޖްމެންޓް ޑިރެކްޓަރ ކެޓެރްޒީނާ މަރިއާ އިޒީޑޮރޒީކް (ކޭޝް) އެވެ.  

އެމްއޯޔޫގައި ސޮއިކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން ނޫނު އަތޮޅު ރައީސް ބަޝީރު ވިދާޅުވީ އިސްރާފްވެ ބޭކާރުވެގެންދާ ސާމާނު ބަލައި އަލުން ބޭނުންކުރެވޭނެ ބީދައަކުން ގެންގުޅުމީ ކައުންސިލުގެ ސިޔާސަތުކަމަށެވެ.  

”މުދަލާ ސާމާނު ބޭނުންކޮށް ނިމި ބާކީވެގެންދާ ގޮތްތަކާއި އިސްރާފުވެ ބޭކާރުވެގެންދާ ސާމާނު ބަލައި، ރަށާއި، އަތޮޅުގެ އިގްތިޞާދުގައި ދައުރުކުރެވޭ މުދަލާއި އުފެއްދުންތައް ބޭނުންކުރާ ޢުމުރު ދިގުކޮށް ބޭނުންތައް އިތުރުކުރެވޭނެ އަދި އަލުން ބޭނުންކުރެވޭނެ ބީދައިން މީހުން ދިރިއުޅޭ ރަށްރަށުގެ މިމައްސަލަ ހައްލުކުރުމަށާ ރިސޯޓްފަހަރާ އިންޑަސްޓަރިއަލް ރަށްރަށަށްވެސް މިހިދުމަތް ފުޅާކޮށް ފޯރުކޮށްދިނުމަށް ކައުންސިލްގެ ސިޔާސަތު މިވަނީ ބަދަލުކުރެވިފަ. ސޮނެވާ ނަމޫނާއާއެކު މި ވެވުނު އެއްބަސްވުމަކީ މިމަގަށް ނޫނު އަތޮޅު ކައުންސިލުތަކުން ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެއް“ ރައީސް ބަޝީރު ވިދާޅުވިއެވެ.  

މި އެމްއޯޔޫ އާއެކު އިސްރާފުވާ ތަކެއްޗާ ސާމާނު އަނބުރާ ބޭނުންކުރުމަށް މި އަތޮޅަށް އެހީތެރިކަން ލިބިގެންދާނެތީ އަޅުގަނޑު އުފާކުރަން. އަދި މި މަސައްކަތުން ދަސްވާ ފިލާވަޅުތަކުން އަޅުގަނޑުމެންނެކޭ އެއްފަދައިން އެހެން ކައުންސިލްތަކަށްވެސް މި މައްސަލަ ހައްލުކުރުމަށް ރަނގަޅު އަދި އެހެން ގޮތްތަކެއް ހޯދާ އެއްބަޔަކު އަނެއްބައެއް ގާތުން ހިއްވަރު ހޯދާ ހައްލުހޯދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް“ ރައީސް ބަޝީރު ވިދާޅުވިއެވެ.  

އިތުރަށް ވާހަކަފުޅު ދައްކަވަމުން އަތޮޅު ރައީސް ބަޝީރުވިދާޅުވީ އިސްރާފުވާ ސާމާނު އަނބުރާ އިއާދަކުރުމަށް ވިސްނާ މިމައްސަލައަށް ރީތި ހައްލެއް ހޯދުމަށް މަސައްކަތް އެންމެ ރަނގަޅުގޮތުގައި ކުރުމަށް ރަށްރަށާ އަތޮޅުތަކަށް އިތުރު މަޝްވަރާއާއި ފަންނީ އެހީތެރިކަން ނުހަނު ބޭނުންވާ ކަމަށެވެ.  

އެމްއޯޔޫއާއި ގުޅިގެން ސޮނެވާ ނަމޫނާގެ އޮޕަރޭޝަންސް އެންޑް ކޮމިއުނިޓީ އެންގޭޖްމެންޓް ޑިރެކްޓަރ ކެޓެރްޒީނާ މަރިއާ ވިދާޅުވީ، އަތޮޅުގައި އުފެދޭ ކުނީގެ މައްސަލަތަކަށް ހައްލުގެނައުމަށް ވެ ގޮތެއްގައި ކުނި ނައްތާލުމުގެ އިންތިޒާމް އަތޮޅުގައި ފެށިގެން ދާތީ އެކަމާ އުފާކުރައްވާ ކަމަށެވެ.  

 ”ނޫނު އަތޮޅު ކައުންސިލްގެ އިސް ނެންގެވުމާއެކު، އަޅުގަނޑުމެން މިތިބީ އެބޭފުޅުންނާއެކު މި މަސައްކަތް ފަށަން ތައްޔާރުވެފަ. މި މަސައްކަތާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލެވޭނެ ނިޒާމުތައް މުޅި އަތޮޅު ތެރެއަށް ފެތުރި ގާއިމް ކުރެވިގެންދާނެ.“ ކެޓެރްޒީނާ ވިދާޅުވިއެވެ.  

ދެވެންހުރި ހުރިހާ ގޮތަކުންވެސް އެހީތެރިވެދެއްވާނެ ކަމަށާ، މި އެއްބަސްވުމާއެކު ދެމެހެއްޓެނިވިމި އެއްބަސްވުމުގެ ދަށުން ރަށްރަށުގައި އުފެދޭ ކުނީގެ ސަބަބުން ދިމާވާ އެކި އެކި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްތައް ކުރުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް ބޭނުންކުރާ ”ނަމޫނާ ސަސްޓައިނެބަލް ވޭސްޓް މެނޭޖްމެންޓް މޮޑެލް“ ނޫނު އަތޮޅުގައި ގާއިމްކުރުމަށް އަތޮޅު ކައުންސިލަށް ބޭނުންވާ ޓެކްނިކަލް އަދި ސްޓްރެޓަޖިކް އެހީތެރިކަން ސޮނެވާ ނަމުނާއިން ފޯރުކޮށްދޭނެއެވެ.   

އަތޮޅު ކައުންސިލުން ސޮނެވާނަމޫނާއާއެކު ކުނި ނައްތާލުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާއިރު އެ ޖަމިއްޔާއިން މިހާރުވެސް އަންނަނީ މި އަތޮޅު ތިން ރަށެއްގައި ކުނި ނައްތާލުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިވަމުންނެވެ. އެ ގޮތުން ސޮނެވާ ނަމޫނާގެ އެހީތެރިކަމާއެކު މިއަތޮޅު ކުޑަފަރި، ޅޮހި އަދި މަގޫދޫގައި އަންނަނީ އެކި މަސައްކަތް ކުރަމުންނެވެ. ސޮނެވާ ނަމޫނާއިން ބުނީ މިއަދު ވި އެއްބަސްވުމާއި ގުޅިގެން އިސްރާފުވާ ތަކެއްޗާ ސާމާނު އަނބުރާ ބޭނުންކުރެވޭ އިގްތިސާދުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ކުރިއަށްދާނީ މިހާރުވެސް އެ ޖަމިއްޔާއާއި ގުޅިގެން އަތޮޅުގައި ކުރިއަށް ގެންދާ މަސައްކަތުގެ މައްޗަށް ބިނާވެގެންކަމަށެވެ.  

ސޮނެވާ ނަމޫނާއިން މިކަމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް އަތޮޅަށް އެހީތެރިވަމުން ދާއިރު، އެ ޖަމިއްޔާގެ އެހީތެރިކަމާއެކު ކުޑަފަރީގައި ފެން ބަންދު ކުރާ ފެސިލިޓީ އެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މީގެ އިތުރުން އެ ރަށުގައި ބޯން ބޭނުންކުރާ ފެން އެއް ލީޓަރުގެ ބިއްލޫރި ފުޅީގައި ނުވަތަ ރީޔޫސަބަލް ޕްލާސްޓިކް 18.9 ލީޓަރު ފުޅީގައި ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.   

 

  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް