ހިތް އެދޭހާ ގޮތަކަށް ކަންތައްތައް ނުވިޔަސް ޝުކުރުވެރިވާން އާދަކުރާށެވެ!

Loading

Facebook
Twitter
WhatsApp

”އިއްޔެ ހުރިހާކަމެއް ވެގެން އެދިޔައީ އަހަރެން ބޭނުންވި ގޮތަށެވެ. ކާމިޔާބު ލިބުނީ އަހަރެންނަށެވެ. އެންމެންވެސް އަހަރެންނަށް ތަޢުރީފް ކުރިއެވެ. ސަނާކިއެވެ. އަހަރެންގެ މޮޅުވާހަކަ އެކިތަންތާގައި ހޫނު ޚަބަރެއްގެ ގޮތުގައި ފެތުރުނެވެ. އަހަރެން ހުރީ އުފަލުން ފޮޅި ”ދަތްކޮޅު އަތަށް ލައިގެނެންނެވެ.“ ކާމިޔާބު މީހެއްގެ އިޙްސާސް އަހަރެންނަށް ކުރެވުނެވެ.“

މިއީ، އެއްދުވަހެއްގައި މީހެއްގެ ތަޤުދީރުގެ ފަތްފުށްތަކުން ބައެއް އެމީހަކާއި ކުރިމަތިކުރުވަފާނެ ގޮތެވެ. ދެން ޖެހިގެން އަންނަ ދުވަހުގައި އެމީހާ ކުރިމަތިލާން ޖެހޭނީ ކޮންކަމަކާ ކަމެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. ފަހަރުގައި އުފާވެރިކަމެއް، ފަހަރުގައި ހިތްދަތިކަމެއް ވެސް ކުރިމަތި ވެދާނެއެވެ. މިކަންކަމަކީ، އަޅުގަނޑުމެންގެ ބާރުފޯރާ ހިސާބަށްވުރެ މަތިން ނިމިގެން އަންނަ ކަންކަމެވެ. ދަންނަންޖެހޭ ކަމަކީ އަބަދު ތިމާމެންގެ ހިތް އެދޭ ގޮތަށް ކަންކަން ވެގެން ނުދާނެކަމެވެ. އަބަދާއި އަބަދު އުފަލުގައި ވެސް ނޫޅެވޭނެކަމެވެ. ދިރިއުޅުމުގައި ދަތިތަކާއި ތުރާތަކާއި ހިތްދަތިކަންވެސް ތަޙައްމަލް ކުރަންޖެހޭނެ ކަމެވެ.

މާތްވެގެންވާ އިސްލާމް ދީން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ މިއީ ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުންކަމުގައެވެ. މިއީ، އީމާން ކަމުގެ ރުކުނެކެވެ. މާތް الله ކަނޑައަޅުއްވައި މިންވަރު ކުރައްވާފައިވާ ކަމެއް މެނުވީ މިދުނިޔޭގައި ނުހިނގައެވެ. އެއްވެސް ކަމެއް، އެއްވެސް ޙަރަކާތެއް އެކަލާނގެ ދެނެވޮޑިގަތުމުން ބޭރުން ނުހިނގައެވެ. ނަމަވެސް، ވަކިމިންވަރަކަށް މާތް الله ވަނީ އެކަލާނގެ މަޚްލޫޤުތަކުންނަށް އިޚްތިޔާރު ދެއްވާފައެވެ. ހެޔޮމަގާއި ނުބައި މަގުގެ ތެރެއިން ހެޔޮމަގު އިޚްތިޔާރު ކުރުމަށެވެ. ތިމާ ބޭނުންވާ ގޮތަށް ކަންކަން ކޮށް ނިންމާލުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރުމަށެވެ. ބިމުގެ ޚަލީފާކަމާއި އެބިން އާރާސްތުކުރުމުގެ ޒިންމާއެވެ. އެއީ، މާތް الله އަޅުގަނޑުމެންނާއި ޙަވާލުކުރައްވާފައިވާ މަސްއޫލިއްޔަތު ތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ. ބުއްދީގެ ބޭނުންކޮށް ހެޔޮމަގު އިޚްތިޔާރު ކުރުމާއި ގަދައަޅާ މަސައްކަތްކުރުމެވެ. އީމާންވެ ޞާލިޙު ޢަމަލު ކުރުން އެކުއެކީގައި ބަޔާންވެގެން ވަނީ ސަބަބަކަށްޓަކައިކަން ވިސްނޭނީވެސް އެކަމާ ފިކުރު ހިންގާ ބަޔަކަށެވެ. އެހެންކަމުން، މިދުނިޔޭގެ ދިރިއުޅުމުގައި ތިމާ ބޭނުންވާ ގޮތަށް ކަމެއް ވުމުން الله އަށް ޙަމްދުކޮށް، ތިމާ ބޭނުން ނުވާ ގޮތަކަށް ކަމެއް ވުމުން الله މަތިން ހަނދުމަނެތި ކޮށްލުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫނެވެ. ރަނގަޅުގޮތެއް މިންވަރުކުރެއްވިޔަސް އަދި ދެރަވަރުގޮތެއް މިންވަރުކުރެއްވިޔަސް އެކަމާއި ރުހިގެން ވާ މީހެއްކަމުގައި އީމާނުގެ އަހުލުވެރިން ވާންޖެހެއެވެ. ހިތާމައާއި ދެރަ ކުރިމަތިވުމުން ކެތްތެރިވުން الله ލައްވާފައިވަނީވެސް ސަބަބަކަށްޓަކައެވެ. ލޯމަރާލާފައި ލޯހުޅުވާލާއިރަކަށް ކަދުރު ރުކެއްގައި ކަދުރެއް ނާޅައެވެ. ކަދުރު އަޅަނީ އޮށް އިންދައިގެން އެތައް ދުވަހެއްގެ އިންތިޒާރަކަށް ފަހުގައެވެ. އިންސާނާގެ މަސައްކަތަކީ އޮށް އިންދުމެވެ. އަދި ރުކަށް ފެންދިނުމާއި އެ ރުއް ބެލެހެއްޓުމެވެ. އެއަށްފަހު ކެތްތެރިކަމާއެކު އިންތިޒާރުކުރުމެވެ. ދެން، ބާކީ ބައި މާތް الله އަށް ދޫކޮށްލުމެވެ.

އިންސާނީ ޙަޔާތުގެ ނިޒާމު މާތް الله ކަނޑައަޅުއްވާފައިވާ ހަމަތަކަކީ މިއެވެ. އިންސާނާގެ އެދުންތަކަކީ ދުވަހަކުވެސް ކޮޅުންލާނެ ކަންކަމެއްނޫނެވެ. އިންސާނާއަށް އަބަދުވެސް ފެންނަނީ އޭނާއަށް ލިބިފައިނުވާ ނިޢުމަތްތަކެވެ. ލިބިފައިވާ އަގުނުކުރެވޭ ނިޢުމަތްތައް އޭނާއަށް ފެންނަކަމުގައެއް ނުވެއެވެ. ފެނުނަސް އެ އިންސާނާ ޝުކުރުވެރި ވަނީ ނުހަނު މަދުންނެވެ. މިފަދަ ކަންކަމާއިމެދު ވިސްނާ ފިކުރު ހިންގުމަކީ ކޮންމެ އިންސާނަކު ކުރަންޖެހޭނޭ ކަމެމެވެ. އިންސާނާ އެދޭ ގޮތަށް މުޅި ދުނިޔޭގެ ނިޒާމު ހިނގާނެކަމުގައި ދުށުމަކީ މޮޔަކަމެވެ. ތިމާ ބޭނުން ނުވާގޮތަކަށް ކަމެއްވުމުން އެކަމަށް ކެތްތެރިވުމަކީ ވެސް ދިރިއުޅުމުގެ މުހިންމު ބައެކެވެ. އަޅުގަނޑު ދެކޭގޮތުގައި، އެއީ ތިމާ ބޭނުންވާ ގޮތަށް ކަމެއް ވުމަށްވުރެ ވެސް ހެޔޮ ރަނގަޅު ގޮތެކެވެ. ނަމަވެސް ތިމާ އެކަންކަމަށް ކެތްތެރިވެއްޖެނަމައެވެ. އޭރުން، ދިރިއުޅުމުގެ ހިތްހަމަޖެހުމާއި، ކާމިޔާބާއި ޙަޤީޤީ އުފާ ތިމާގެ ހިތަށް ލިބިގެންދާނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް