ހޮންގކޮންގ ގެ ކޮވިޑް ފަރުވާގެ ނިޒާމް ފޭލްވީ ކީއްވެ ؟

Loading

Facebook
Twitter
WhatsApp

2020 ވަނަ އަހަރު ދުނިޔޭގައި ކޮވިޑް19 ފެތުރެންފަށާ ގިނަ އަދަދެއްގެ މީހުން ނަށް ބަލި ޖެހި ގިނައަދަދެއްގެ ބަޔަކު މަރުވަމުން ދިޔަ އިރުވެސް 7.5 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ހޮންގކޮންގގައި 2021 ވަނަ އަހަރު ނިމުނު އިރުވެސް ކޮވިޑް19 ޖެހިފައިވަނީ އެންމެ 12،650 މީހުންނަށެވެ. އަދި މަރުވެފައިވަނީ 220މީހުންނެވެ.

މި ފަޚުރުވެރި ނަތީޖާ ހޯދިފައިވަނީ ސަރުކާރުން ގެންގުޅުނު ޒީރޯ ކޮވިޑް ސްޓްރެޓެޖީގެ ސަބަބުންނެވެ. އެއީ އަވަހަށް ޓެސްޓް ކުރުމާ، ކޮންޓެކްޓް ޓްރޭސިންގ ހަރުދަނާ ކުރުމާ، ހަރުދަނާ ކަރަންޓީން ގަވާއިދުތަކުގެ އިތުރުން ދަތުރު ފަތުރުގެ ކަންތައް ބެލެހެއްޓުމަށް ހަރުދަނާ އުސޫލުތަކެއް ގާއިމް ކުރުމެވެ.

ނަމަވެސް ބާރަށް ފެތުރޭ އޮމިކްރޯން ވޭރިއަންޓް އައުމާއެކު ހޮންގކޮންގ މިއަދުވަނީ ކުޑަކަކޫ މައްޗަށް ތިރިވެފައެވެ. ދެމަސްދުވަހެއްހާ މުއްދަތުގެ ތެރޭގައި ހޮންގކޮންގ ގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 66 ހާހުން މައްޗަށް އަރާފައެވެ. މިއަދު މިވަގުތު ވެސް ހޮންގ ކޮންގ ގެ ހޮސްޕިޓަލްތަކުގެ އައިސީޔޫތައް ވަނީ ފުރި ބާރު ވެފައެވެ. އަދި ހޮސްޕިޓަލް ތަކުގެ ބޭރުގަވެސް ވަނީ ޓެންޓް ތައްޖަހާ ވަގުތީ އެދުތައް އަތުރާފައެވެ.އަދި މިއެދުތައްވެސް ވަނީ ފުރި ބާރު ވެފައެވެ.މިތަންތަނުން މީހުންގެ ކުކުރުމާ ރުއިމުގެ އަޑު ކެޑިނޭޅި އިވެމުންދާކަމަށް ވެއެވެ. އެހީ އަށް އެދި މަޑުކޮށްގެން ތިބުން ނޫންގޮތެއް މިވަގުތު ނެތެވެ.

ޔުނިވަރސިޓީ އޮފް ހޮންގކޮންގ އިން އަންދާޒާ ކުރާ ގޮތުގައި މިހާރު ގެންގުޅޭ ސޯޝަލް ޑިސްޓަންސިންގ އުސޫލު އާއެކުވެސް މާރޗް ފަހު ކޮޅަށް ދާއިރު އެސިޓީގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ޕީކް އަށް އަރާ، ދުވާލަކު 180،00 ކޭސްއާ ހިސާބަށް މައްޗަށް އަރާނެއެވެ.އަދި މޭގެ ނިޔަލަށް 3200 މީހުން ބަލީގައި މަރުވާނެ ކަމަށް އެފަރާތުން އަންދާޒާ ކޮށްފައި ވެއެވެ.

މިހާރު އުފެދޭ ސުވާލަކީ ހޮންގ ކޮންގ ގެ ސިއްހީ ނިޒާމަށް ނުތަކާވަރަށް ބަލި ފެތުރެން ދިމާވީ ކިހިނެއް ވެގެން ހެއްޔެވެ؟

ޔުނިވަރސިޓީ އޮފް ހޮންގކޮންގ ގެ ޑީން އޮފް މެޑިސިން ގޭބްރިއަލް ލިއަންގ ވިދާޅުވީ މިގޮތަށް ދިމާވީ ކުރިން ހާސިލްވި ކާމިޔާބީ އާއެކު އާންމުންނަށް މާބޮޑަށް ”ފޯލްސް“ ނުވަތަ ހަގީގަތެއް ނެތް ހިތްހަމަ ޖެހުމެއްލިބި ކަންތައްތަކަށް މާބޮޑަށްފަރުވާ ކުޑަކޮށްލެވުނީ އެވެ.

ހޮންގކޮންގ ގައި ފުރަތަމަ އޮމިކްރޯން ކޭސްއަކަށް ފެނުނީ ކޮވިޑް އުސޫލްތަކާ ޚިލާފްވި ކެތޭ ޕެސިފިކް އެއާލައިން ގެ 2 އެޓެންޓުންކަމަށްވެއެވެ. އެއީ މިދިޔަ ޑިސެމްބަރު މަހުއެވެ. އޭގެ ފަހުން ކަރަންޓީން ހޮޓަލަކުން ބޮޑު ކްލަސްޓާ އެއް ފެނިފައި ވެއެވެ. ކުރީގެ ސްޓްރެއިން ތަކާ ޚިލާފަށް އޮމިކްރޯން ޖެހޭ ގިނަ މީހުން ގެ ކިބައިން މާބޮޑެތި އަލާމާތްތައް ނުފެނުމާއެކު ދެތިން ދުވަހެއްގެތެރޭ އަމިއްލަޔަށް ވެސް ރަގަލުވެއެވެ. ނަމަވެސް ހޮންގކޮންގ ގެ ސިއްހީ އިދާރާ ތަކުން ދަނީ އަލަމާތްތައް ނުފެނުނު ނަމަވެސް ބައްޔަށް ޕޮޒިޓިވް ވެއްޖެނަމަ ކަރަންޓީން ފެސިލިޓީ އެއްގައި އައިސޮލޭޓް ވާން ޖެހޭނެ ކަމަށް އަންގަމުންނެވެ. އެހެން ކަމާއެކު މިފަދަ ތަންތަންވެސް އަންނަނީ ބާރަށް ފުރެމުންނެވެ.ފެސިލިޓީ ތަކުން ދޫކުރުމަށް ހަމަ ޖެހިފައިވަނީ ސާދަ ދުވަހު މަޑުކުރުމަށް ފަހު ނެގެޓިވް ޓެސްޓެއް ލިބުމުންނެވެ.

ހޮންގ ކޮންގ ސަރުކާރުން މިހާރުވަނީ ކޮވިޑް ޓެސްޓް ހެދުން ހުރިހާ ރައްޔިތުންގެ މައްޗަށް މަޖްބޫރު ކޮށްފައެވެ. ހަމަ އެންމެންގެ މައްޗަށް ހިންގާ އަމުރުގެ ދަށުން ރެސްޓޯރަންޓްތަކަށް ގޮސް ކެއިން ބުއިން ވަނީ މަނާ ކޮށްފައެވެ.މީގެ އިތުރުން ޖިމް ތަކާ ސިނަމާތައް އަދި ކުޅިވަރު ކުޅޭތަންތަން ވަނީ ބަންދު ކޮށްފައެވެ. ވެކްސިން ޖެހި މީހުންނަށް ޚާއްސަ ފާހެއް ދޭން މިހަފްތާގައި ފަށާފައިވާއިރު، މިދެންނެވި ތަންތަނުގެ އިތުރުން ޝޮޕިންގ މޯލް ތަކަށް ވަދެވޭނީ ހަމަ އެކަނި މިފާސް އޮތް މީހުންނަށެވެ.

މިހާރު ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވެކްސިން ޖަހާފައި ތިބި ދޮށީ އުމުރުގެ މީހުންގެ ނިސްބަތް މަދު ކަމެވެ. 11 އަހަރުން މަތީގެ 76.2 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިންގެ ދެޑޯޒް ޖަހާފައިވާއިރު، ވެކްސިން ފުރިހަމަ ކޮށްފައިވަނީ އުރުނުން 80 އަހަރުން މަތީގެ ތިންބައިކުޅައެއްބަޔަށް ވުރެވެސް މަދު އަދަދެއް ކަމަށް ވެއެވެ.

ސިންގަޕޯ، ޔޫކޭ، އެމެރިކާ ފަދަ ތަންތަނާއަޅާބަލާއިރުވެސް ވެކްސިން ބަލައިގަތް މިންވަރު އެންމެ ދަށް އެއް ޓެރިޓަރީ އަށް ހޮންގކޮންގ ވާކަމަށް ސިޓީ ޔުނިވަރސިޓީ އޮފް ހޮންގކޮންގ އިން ހެދި ދިރާސާ އަކުން ދައްކައެވެ. މިހެން ދިމާވީ ކުރީގެ ކާމިޔާބީ އާއެކު ކޮވިޑް އެތަނުގައި އެހާ އާންމު ނުވުމާއެކު ކޮވިޑް ޖެހުނު މީހަކާ ބައްދަލް ވި މީހުންވެސް، އަދި މީހަކު މަރުވި އާއިލާތައްވެސް އެހާ މަދުވީމައެވެ.

ނަމަވެސް ކޮވިޑް ވެކްސިން އަކީ ތަފާތު އެހެން ބޭނުންތަކަށް އުފައްދާ ޖަހަމުންދާ އެއްޗެއްކަމަށް ގަބޫލުކުރާ ހޮންކޮންގ މީހުން ވަރަށް ގިނަކަމަށް ވެއެވެ. މިގޮތުން އެއީ އާބާދީ ކޮންޓްރޯލް ކުރުމަށް،އިންސާނުންގެ ޑީއެންއޭ ބަދަލު ކުރުމަށް، އަދި ނޫނީ ވެކްސިން އުފައްދާ މީހުން މުއްސަދި ވުމަށް ކުރާ ކަމެއްކަމަށް ގަބޫލު ކުރާ މީހުންގެ ނިސްބަތް 7 ގެ ސްކޯއަކުން 4އަށް އަރާ ކަމަށް ވެއެވެ.

ހޮންގކޮންގ ގެ މިއަދުގެ ހާލަތާމެދު ޗައިނާއިންވެސް ވަނީ ކަންކޮޑުވުން ފާޅު ކޮށްފައެވެ. އަދި ވަނީ އެހީގެ މަސައްކަތް ފަށާފައެވެ. މިގޮތުން ޓެސްޓް ކުރުމާ ކަރަންޓީން ކުރުމުގެ މަސައްކަތް ފުޅާ ކުރުމަށް ޗައިނާއިން ދަނީ އެހީތެރިކަން ފޯރު ކޮށްދެމުންނެވެ. އަދި މިވަގުތު އެންމެ އިސް ކަމެއް ދޭން ޖެހޭނީ ހޮންގކޮންގ ގެ ކޮވިޑް ހާލަތު ކޮންޓްރޯލްގެ ދަށްށް ގެނައުން ކަމަށް ޗައިނާގެ ރައީސް ޝީ ޖިން ޕިންގ ވެސް ވަނީ ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް