ދެކުނު ކޮރެޔާގެ ރިޔާސީ އިންތިޚާބް ގެ ކެމްޕެއިން ފެށިއްޖެ

Facebook
Twitter
WhatsApp
South Korea Campaign

ދެކުނު ކޮރެޔާގެ ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ކުރުން އަންގާރަ ދުވަހު ފެށިފައިވާއިރު މިއީ ފާއިތުވި ވިހި އަހަރުވެސް އެންމެ ގާތުން ވާދަކުރާނެ އިންތިޚާބް ކަމަށް ވަނީ ބެލިފައެވެ.

ވެރިކަންކުރާޕާޓީގެ ކެންޑިޑޭޓް ލީ ޖެއި މިއުންގ ދަންވަރު ބާރަ ހަމަ ޖެހި ތަނާ ކެމްޕެއިން ފެއްޓެވިއިރު އޭނާ ފުރަތަމަ ވަޑައިގެންފައިވަނީ ބޫސާން ގައި ހުރި ޝިޕިންގ ގެ ހަރަކާތްތައް ކޮންޓްރޯލް ކުރާ ޓަވަރ އަކަށެވެ.

މރ. ލީ އާ އެންމެ ގާތުން ވާދަ ކުރައްވާ ކެންޑިޑޭޓް ، ކޮންޒަރވޭޓީވް ޕީޕަލް ޕަވަރ ޕާޓީ ގެ ކެންޑިޑޭޓް ޔޫން ސުކް ޔިއޯލް ކެމްޕެއިން ފައްޓަވާފައިވަނީ ވެރިރަށް ސޯލް ގެ ނެޝަނަލް ސިމެޓްރީ ނުވަތަ ގަބުރުސްތާނުންނެވެ.

ޚިޔާލް ހޯދުމުގެ ޕޯލްތަކުން ދައްކާ ގޮތުގައި ދެކުނު ކޮރެޔާގެ ވޯޓުލާ އާބާދީ ވެސް ހޯދަނީ ކޮރަޕްޝަން ހުއްޓުވާ ، ބޯހިޔާވަހިކަމުގެ އަގު އަރަމުން ދިއުން ކޮންޓްރޯލް ކޮށްދީ އަދި މުއްސަދިންނާ ފަގީރުން ނާދެމެދު އޮންނަ ފަރަގު ކުޑަކޮށްދޭނެ ވެރިޔެކެވެ. މީގެ އިތުރުން ސިޔާސީ ގޮތުން ވަކި ޕާޓީ އަކަށް ތާއީދު ކުރާތީ ކުރިމަތިވާ ފިއްތުންތައް ކުޑަކުރުން ނުވަތަ ނައްތާލުމަށްވެސް އެމީހުން އެދެއެވެ. ކެމްޕެއިންގައި ޕާޓީ ތަކުން ގެންގުލޭނެ ޕޮލިސީ ތައް ކިޔާދީގެން އާންމުގެ ހިތް އަނބުރާލުމަށް ވުރެ ބޮޑަށް ކެންޑިޑޭޓުންނަށް ޖެހިފައިވަނީ ސިޔާސީ މަޝްރަޙް ގައި މިވަގުތު އެބުރޭ ބަޔެއް ބޮޑެތި ޖަރީމާތަކުން ސަލާމަތް ވުމުގެ މަސައްކަތެވެ.

ދެކުނު ކޮރެޔާގެ ރިޔާސީ އިންތިޚާބްގައި 14 ކެންޑީޑޭޓުން ވާދަ ކުރާ އިރު އެންމެ ކުރީގަ އުޅުއްވަނީ ލީ އަދި ޔޫން އެވެ. ފަހުގެ ޕޯލް ތައް ދައްކާގޮތުން ދެބޭފުޅުންގެ ތެރޭން ޔޫން އުޅުއްވަނީ ކުޑަތަންކޮޅެއް ކުރީގައެވެ. ކުރިން މާބޮޑު ސިޔާސީ ތަޖްރިބާއެއް ލިބިވަޑައިގެންފައިނުވާ މރ. ޔޫން މަގްބޫލް ވެގެން ދިޔައީ ހަރުދަނާ އުސޫލްތަކެއް ގެންގުޅުއްވާ ޕްރޮސެކިއުޓަރ ޖެނެރަލް އެއްގެ ހައިސިއްޔަތުންނެވެ. އޭނާވަނީ ދެކުނު ކޮރެޔާގެ ފުރަތަމަ އަންހެން ރައީސާ ޕާކް ގެއުން ހައި ގެ ބައެއް އެއިޑުން ޝާމިލްވާ ކޮރަޕްޝަން ގެ މައްސަލަ ތަކެއް ބައްލަވާ ކޮޅެއްގައި ޖައްސަވާފައެވެ. އަދި މިހާރުގެ ރައީސް މޫން ޖެއި އިން ގެ ކޮރަޕްޝަން މައްސަލަ ތަކެއްވެސް އޭނާވަނީ ބައްލަވާފައެވެ.

މިއީ އަހަރުތަކަކަށްފަހު ނަތީޖާ ކުރިޔަށް އަންދާޒާ ކުރަން އެންމެ އުދަގޫވާނެ އިންތިޚާބަށް ވާނެ ކަމަށް އެނަލިސްޓުން ބުނެއެވެ.

ދެކުނު ކޮރެޔާގެ ރިޔާސީ އިންތިކާބް އޮންނާނީ މާރޗް މަހުގެ 9 ވަނަ ދުވަހު އެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް