އިޒުރޭލާއެކު ސިޔާސީގުޅުން ގާއިމުކުރަން ޔޫ އޭ އީން ނިންމުމުން، އަބޫދާބީގައި ހުންނަ ތުރުކީގެ އެމްބެސެޑަރ އަނބުރާ ގެންނަން ޖެހިދާނެކަމަށް އެގައުމުގެ ރައީސް ވިދާޅުވެއްޖެއެވެ.
އިޒުރޭލާއެކު ސިޔާސީގުޅުން ގާއިމުކުރަން ޔޫ އޭ އީން އެއްބަސްވެ، އެކަން ހާމަކުރުުމުން، ޔޫ އޭ އީ އާއެކު ގާއިމުކޮށްފައިވާ ސިޔާސީގުޅުން މެދުކަނޑާލައި، ޔޫ އޭ އީގައި ހުންނަ ތުރުކީގެ އެމްބެސެޑަރ އަނބުރާ ގެންނަން ތުރުކީން ވިސްނަމުންދާކަމަށް ރައީސް ރަޖަބް ޠައްތިބު އުރުދުގާން ވިދާޅުވެއްޖެއެވެ.
ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ޔޫ އޭ އީން އެއްބަސްވި މި ”ނުބައި ޢަމަލަށް“ ތާރީޚު ބަލާމީހުން ދުވަހަކުވެސް މަޢާފު ނުކުރާނެއެވެ. މި އެއްބަސްވުމުގެ ސަބަބުން މެދު އިރުމަތީގެ ސިޔާސީ އޮއިވަރު މުޅިން ބަދަލު ވެގެންދާނެއެވެ.
ފަލަސްތީނުގެ ވެރިން ޔޫ އޭ އީގެ މި ޢަމަލު ވަރަށްބޮޑަށް ކުށްވެރިކޮށް ވިދާޅުވީ މިއީ އެމީހުންގެ ހައްގުގައި ކަމަށް ބުނެ “ އެމީހުންގެ ބުރަކަށްޓަށް ވަޅި ޖެހުމަށް“ އިއުލާނުކުރުމެވެ.
ފަލަސްތީނާ ދެކޮށް މި އެޅި ފިޔަވަޅަކީ ހަޖަމް ކުރެވޭނެ ކަމެއްނޫން، މިހާރު ފަލަސްތީނުން އެމީހުންގެ އެމްބަސީ ބަންދުކުރާނީ، ނުވަތަ އެމެބެސެޑަރު ޔޫ އޭ އީން ބޭރުކުރާނީ، އަޅުގަނޑުމެންނަށްވެސް އެންމެ ރަނގަޅުވާނީ އެގޮތް“ ހުކުރު ދުވަހު އުރުދުގާން ވިދާޅުވިއެވެ.
“ އަޅުގަނޑު ދެންނެވިން އޭނާ (ޚަރިޖީ ވަޒީރު) އަރިހު، އަޅުގަނޑުމެންވެސް ހަމައެގޮތަށް ފިޔަވަޅު އަޅާނަމޭ، އަބޫދާބީ އާއި އޮތް ސިޔާސީ ގުޅުން މެދުކަނޑާލާނަމޭ، ނުވަތަ އަޅުގަނޑުމެންގެ އެމްބެސެޑަރު އަނބުރާ ގެންދާނަމޭ“.