ހާޓް އެޓެކް އެއް ޖެހެން އުޅޭނަމަ އެކަން އެނގޭނެތަ؟

Loading

Facebook
Twitter
WhatsApp

ހާޓް އެޓެކް އެއް ޖެހެން އުޅޭނަމަ ހަށިގަޑަށް އަންނާނެ ބަދަލުތައް އާންމުންނަށް އަންގާ ދިނުމަށް އިގިރޭސި ވިލާތުގައި މިއަދު ޚާއްސަ ކެމްޕެއިންއެއް ފަށާނެއެވެ. ފެބްރުއަރީ 14 އިން މާރޗް 31 ގެ ނިޔަލަށް ކުރިޔަށް ގެންދާ ކެމްޕެއިންގެ މަދްސަދަކީ ހާޓް އެޓެކް އެއް ޖެހެން އުޅޭނަމަ ހަށިގަޑަށް އަންނާނެ ބަދަލުތައް މީހުންނަށް ބުނެދީ އަދި ގުޅަންވީ ނަމްބަރުތައް ކިޔާދިނުމެވެ.

އިންގްލަންޑްގައި އެކަނިވެސް އަހަރަކު 80 ހާސް މީހުން ހާޓް އެޓެކް ޖެހިގެން ހޮސްޕިޓަލް ގައި އެޑްމިޓް ކުރެވޭ ކަމަށް ވެއެވެ. އަދި ހެދުނު ސަރވޭ އެއް ދެއްކި ގޮތުން މީގެ ތެރޭން ދެބައިކުޅައެއްބައި މީހުންނަށް ނަށްވެސް މިކަމުގައި ސިއްހީ ކުއްލި ފަރުވާ ހޯދުމަށް ގުޅަން ޖެހޭ ނަމްބަރުތަކާ ކަންތައް ކުރަންވީ ގޮތެއް ނޭގެއެވެ.

ހާޓް އެޓެކް ޖެހިގެން ފަރުވާ ދެވިއްޖެ ނަމަ މަރުނުވެ ސަލާމަތްވާ މީހުންގެ ނިސްބަތަކީ ކޮންމެ ދިހަ މީހަކުން ހަތެއްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އަވަސް ފަރުވާ ދެވިއްޖެ ނަމަ ކޮންމެ ދިހަ މީހަކުން ނުވަމީހުން ސަލާމަތް ކުރެވެއެވެ.

އިގިރޭސި ވިލާތުގައި ހޯމަދުވަހު ފަށާ ކެމްޕެއިންގައި މައިގަޑު ގޮތެއްގައި ކުރާނެ ކަމަކީ ހާޓް އެޓެކް ޖެހެން އުޅޭނަމަ ހަށިގަޑަށް އަންނާނެ ބަދަލުތައް ބުނެދީ އަންގާދިނުމެވެ. މިގޮތުން އާދަޔާ ޚިލާފަށް ދާހިއްލަން ފެށުމާއި މެޔަށް ބާރުވެ އުދަގޫވާގޮތްވުން އެންމެ އާންމު ދެބަދަލުގެ ގޮތުގައި ޑޮކްޓަރުން ފާހަގަ ކުރެއެވެ. އިގިރޭސި ވިލާތުގެ ނެޝަނަލް ހެލްތު ސަރވިސްގެ މެޑިކަލް ޑައިރެކްޓަރ ޕްރޮފެސަރ ސްޓެފަން ޕޮވިސް ވިދާޅުވީ މިކަމަށް ރަގަޅަށް ހޭލުންތެރިކަން އިތުރު ކުރެވިއްޖެ ނަމަ އެތައްހާސް ފުރާނަ ސަލާތްކުރެވޭނެ ކަމުގައެވެ. މުޅި އިގިރޭސި ވިލާތުގައި މަރުވާ މީހުންގެ ހަތަރުބައިކުޅަ އެއްބައި މީހުން މަރުވަނީ ހިތުގެ ބަލިތަކުގައި ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ މިދާއިރާއަކީ އެންމެ ގިނަ މީހުންގެ ފުރާދަ ސަލާމްތަ ކުރެވިދާނެ ދާއިރާކަމަށް ފާހަގަވެފައިވުމާއިއެކު ކެމްޕެއިން ކުރަން ނިންމާފައިވާކަމަށެވެ.

ހާޓް އެޓެކް އަކީ ކޮބާ ހެއްޔެވެ.

ކާޑިއެކް އެރެސްޓް އަކީ އަދި ހާޓް އެޓެކް އެއްނޫނެވެ. ނަމަވެސް ހާޓް އެޓެކް އެއްޖެހިގެން ކާޑިއެކް އެރެސްޓް އަކަށް ގޮސްދާނެއެވެ. ކާޑިއެކް އެރެސްޓްއަކީ ހިތް ހިގުން ކުއްލިއަކަށް ހުއްޓި ހަށިގަޑުގެ ބައިތަކަށް ލޭ ދައުރު ކުރުން ހުއްޓުމެވެ.ކާޑިއެކް އެރެސްޓް އެއް ޖެހެން އުޅޭ ކަމުގެ މާބޮޑު އިޝާރާތްތަކެއް ނުލިބޭނެއެވެ. އަދި ކާޑިއެކް އެރެސްޓް އެއް އައުމާއެކު މީހާ ހޭވެސް ނެތެއެވެ.

ހާޓްއެޓެކް އެއް ޖެހެން އުޅޭނަމަ ފެނިދާނެ މައިގަޑު އަލާމާތްތައް:

– މެޔަށް ވަރަށް ބޮޑަށް ތަދުވުމާއި އެކު މެޔަށް ބާރުވާގޮތްވެ ފިއްތާލެވޭކަހަލަ އިހްސާސެއް ކުރެވުން

– މެޔަށް އަރަންފަށާ ތަދު އެހެން ބަޔެއް ގުނަވަން ތަކަށް ފެތުރޭކަމަށް އިހުސާސު ވުން. މިގޮތުން އަތަށާ ދަތްދޮޅި ، ކަރު، ބުރަކަށި އަދި ބަޔެއްފަހަރު ބަޑަށް ވެސް ތަދުވެދާނެއެވެ.

– ބޮލަށް ލުއިވާ ގޮތްވެ ބޯއެބުރުން

– އާދަޔާ ޚިލާފަށް ދާހިއްލުން

– ނޭވާ ކުރުވާ ގޮތްވުން

– ހޮޑުލަވާފަ ހުރުން ނުވަތަ ހޮޑުލެވުން

– އެންގްޒަޔަޓީ ނުވަތަ ޕެނިކް އެޓެކެއް އައުން

– ކެއްސަން ފެއްޓުން ނުވަތަ ނޭވާއިން އަޑުކިޔާފަ ހުރުން

ހާޓް އެޓެކްއާގުޅިގެން މެޔަށް އަރާތަދަކީ ވަރަށް ގިނަފަހަރު ވަރަށް ބޮޑަށް އަރާތަދެކެވެ. ނަމަވެސް ބަޔެއް މީހުންނަށް މިތަދު ގޭހުގެ ސަބަބުން މެޔަށް ތަދުވާ ކަހަލަ ލުއި ގޮތަކަށް ވެސް އިހުސާސު ކުރެވިދާނެއެވެ.

އަންހެނުން ނާ ފިރިހެނުންނަށް ވެސް މައިގަޑު އަލާމާތަކަށްވާނީ މެޔަށް ތަދުވުން ކަމަށް ވިޔަސް އަންހެނުންނަށް ނޭވާ ކުރުވުން، ހޮޑުލެވުން އަދި ދަތްދޮޅިއާ ބުރަކައްޓަށް ތަދުވުން ތަންކޮޅެއް އާންމުކަންފާހަގަ ކުރެވޭ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް