ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޕޮރޮޕޯސަލް ހުށަހަޅާ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކަށް ވާންޖެހޭނެ ކަމަށާ އަދި ކުންފުނި މަގުސަދުތަކުގެ ތެރޭގައި އުމްރާއަށް މީހުން ގެންދިއުމުގެ ހިދުމަތްދިނުން ހިމެނިފައިވާ ސައްތައިން ސައްތަ ދިވެހީންގެ ހިއްސާއޮންނަ ކުންފުންޏަށް ވާން ޖެހޭނެކަމަށެވެ.
އަދި މީގެ އިތުރުން ކުންފުނީގެ ޑިރެކްޓަރުންނަކީ ހުއްދައަށް ހުށަހަޅާއިރު ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒް ކުރަމުންދާ މީހެއް ކަމުގައި ނުވުމާއި ހުއްދައަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ވޭތުވެދިޔަ ފަސް އަހަރުގެ މުއްދަތުގައި ޖިނާއީ ކުށްތަކުގެ ތެރެއިން ފައިސާގެ ހިޔާނަތާބެހޭ އެއްވެސް މައްސަލައެއް ތުހުމަތުކުރެވިފައިވާ މީހެއްކަމުގައި ނުވުމާއި އެފަދަ މައްސަލައެއް ޝަރުއީ ކޯޓެއްގައި ހިނގަމުންދާ ފަރާތެއް ކުންފުނީގެ ޑިރެކްޓަރުންގެ ހިމެނިފައި ނުވުން ވެސް އިމެނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯސަލްފޮތް
މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދު ކުރެއްވުމަށްފަހު ސިޓީއުރައިގެ ބޭރުގައި “ ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި“ މިހެން ލިޔެފައިކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ އުމްރާއަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކުގެ ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 14 ފެބުރުވަރީ 2022 ވާ ހޯމަ ދުވަހުން ފެށިގެން 22 ފެބުރުވަރީ 2022 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މި މިނިސްޓްރީގެ ކައުންޓަރުންކަމަށެވެ.