ފިނި ހަނގުރާމައަށް ފަހު ރަޝިއާއިން ބެލާރުސްގައި ބާއްވާ އެންމެ ބޮޑު ޢަސްކަރީ ތަމްރީނު ބާއްވަނީ

Loading

Facebook
Twitter
WhatsApp

ދިހަ ދުވަހުގެ ޢަސްކަރީ ތަމްރީން ތަކެއް ބެލާރުސްގައި ބާއްވަން ރަޝިއާއިން ތައްޔާރުވާން ފަށައިފިއެވެ.

މި ޢަސްކަރީ ތަމްރީންތައް ބޭއްވުމުގެ މައިގަނޑު މަގުސަދެއްކަމަށް ގިނަ ފަރާތްތަކުން ދެކެނީ ހުޅަނގުގެ ގައުމުތަކާއި ޔޫކްރޭނަށް ރަޝިއާއިން ހަނގުރާމަކުރަން ތައްޔާރަށް އޮތްކަން ދެއްކުމެވެ.

ރަޝިއާގެ ސިފައިން ބެލާރުސްއަށް ގެންދަން ފަށާފައި ވަނީ ޖެނުއަރީ މަހުގެ މެދުތެރޭގައެވެ. ރަޝިއާއިން ބެލާރުސްގައި ބާއްވަން ތައްޔާރުވަމުން އަންނަ ”އެލައިޑް ރިސޯލްވް“ގެ ނަން ދެވިފައިވާ ޑްރިލްގައި 30،000 ސިފައިން ބައިވެރިވާނެ ކަމަށް ވަނީ ލަފާ ކުރެވިފައެވެ. މީގެ އިތުރުން S-400 ސާފޭސް ޓު އެއަރ މިސައިލް ސިސްޓަމުގެ ދެ ބެޓޭލިއަންގެ އިތުރުން 12 ސުކޮއި 35 ފައިޓާ ޖެޓްވެސް މި މި ތަމްރީނުތަކުގައި ބައިވެރި ކުރާނެއެވެ.

މި ތަމްރީންތަކަކީ ފިނި ހަނގުރާމައިގެ ފަހުން ބެލާރުސްގައި ރަޝިއާއިން ބާއްވާ އެންމެ ބޮޑު ޢަސްކަރީ ތަމްރީންކަމަށް ނޭޓޯއިން ވަނީ ބުނެފައެވެ.

ބެލާރުސްގައި ބާއްވަން ހަމަޖެހިފައިވާ ތަމްރީނުތައް ބުރާސްފަތި ދުވަހު ފަށާނެކަން ވަނީ ހާމަކޮށްފައެވެ. ރަޝިއާ އަދި ޔޫކްރޭނުގެ މައްސަލާގައި ހުޅަނގުގެ ބާރުތަކާ އެކު ދެކެވެމުން އައިސްފައިވާ ވާހަކަތައް ހުއްޓުމަކަށް އައުމަށް ފަހު ރަޝިއާއިން ވަނީ އެ ގައުމުން ބާއްވާ ޢަސްކަރީ ހަރަކާތްތައް އިތުރު ކޮށްފައެވެ.

މި ތަމްރީނުތަކުގެ މަގުސަދަކީ ރަޝިއާއިން ޔޫކްރޭނަށް އަރާ މަންޒަރު ފޮރުވުން ކަމަށް ހުޅަނގުގެ ގައުމުތަކާއި ނޭޓޯއިން ވަނީ ބުނެފައެވެ. މި ޑްރިލްތައް ބާއްވަން ހަމަޖެހިފައިވާ ބެލާރުސްއަކީ ޔޫކްރޭނުގެ ވެރިރަށް ކްޔިވްގެ އެންމެ 150 ކިލޯމީޓަރު ދުރުގައި އޮންނަ ތަނެކެވެ. ރަޝިއާއިން ކްރައިމިއާ ހިފިއިރުވެސް ރަޝިއާއިން ވަނީ ބޮޑު ތަމްރީންތަކެއް ބާއްވާފައެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި މި ތަމްރީންތައް ކުރިޔަށް ދާ ވަގުތު ޔޫކްރޭނަށް ރަޝިއާއިން އަރާނެކަމަށް ލަފައެއް ނުކުރެވެއެވެ. ނަމަވެސް ޔޫކްރޭނުގެ ފަރާތުން ކުޑަ ގޯހެއް ހެދުނަސް ހަނގުރާމަ ފެއްޓިދާނެ ކަމުގެ ބިރު ބޮޑުކަމަށް ކަމާ ބެހޭ ފަރާތްތަކުން ދެކެއެވެ.

މި ތަމްރީން ބޭއްވުމުގެ މައިގަނޑު މަގުސަދެއް ކަމަށް ބެލެވެނީ ރަޝިއާއަށް ޔޫކްރޭނުގެ ވެރިރަށް ހިފުމުގެ ގާބިލުކަން ހުރިކަން ޕޮލޭންޑް އަދި ލިތުއާނިއާ ސަރަހައްދަށް ދެއްކުމެވެ. އަދި ޔޫކްރޭނުން މި ޑްރިލް ތަކާމެދު އަޅާނީ ކޮން ފިޔަވަޅުތަކެއްތޯއާއި ޔޫކްރޭނުގެ ފެންވަރު ބެލުމަކީވެސް ރަޝިއާގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނިދާނެ ބައެކެވެ. މީގެ އިތުރުން ރަޝިއާގެ ރައީސް ހުށައަޅާފައިވާ ޝަރުތުތަކަށް ނޭޓޯ އަދި ހުޅަނގުގެ ގައުމުތަކުން އެއްބަސް ނުވެއްޖެނަމަ ޔޫކްރޭނަށް އެރުމުގެ ގާބިލުކަން ހުރިކަން ދައްކާލުންވެސް މި ތަމްރީނުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނިދާނެ ކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް