ރާއްޖޭގައި ސަގާފީ ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން ”ސަވާދީއްތަ ދަތުރު“ގެ ނަމުގައި ކުރިއަށްގެންދާ ޔޮޓް ރެލީގައި ބޭރުގެ 12 ޔޮޓެއް ރަޖިސްޓްރީ ވެއްޖެއެވެ.
ދުނިޔޭގެ މަޝްހޫރު ބައެއް ޔޮޓުތައް ވެސް ބައިވެރިވެފައިވާ މިރެލީގެ ބައިވެރިންނަށް މަރުހަބާ ދަންނަވާފައި ވަނީ އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު އެވެ.
ސެއިލިން ޓޫރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި އިވެންޓަކީ ރާއްޖެއިން ބޭރުން އަންނަ ޔޮޓުތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ދަތުރުތަކެކެވެ.
މި ދަތުރުގައި ހއ، ހދ، ށ، ނ އަދި ބ އަތޮޅަށް ދިއުމަށް ހަމަޖހިފައިވާއިރު ، އެ ފަސް އަތޮޅުން މީހުން ދިރިއުޅޭ 11 ރަށަކަށް އަދި ހަތަރު ފަޅު ރަށަކަށް މި ރެލީގައި ޓޫރިސްޓުން ދިއުމަށް ވަނީ ނިންމާފައެވެ. މި ރަށްތަކަކީ އާސާރީ ގޮތުން މަޝްހޫރު ތަންތަން ހިމެނޭ ރަށްތަަކެކެވެ.
މި ދަތުރުގެ ބޭނުމަކީ ގައުމުގައި ހުރި އާސާރީ ތަންތަން ޓޫރިސްޓުންނަށް ޕްރޮމޯޓް ކުރުމެވެ.
ސަވާދީއްތަ ދަތުރު ކުރިއަށް ގެންދަނީ އެމްއައިޓީޑީސީއާއި ހެރިޓޭޖް މިނިސްޓްރީ އަދި އެމްއެންޑީއެފްގެ ސިވެކް ކުންފުންޏާއި ގުޅިގެން ޔޮޓް ރެލީއެއް ގޮތަށެވެެ.