އިންޑިޔާގެ މުސްލިމް ކިޔަވާ ކުދިން ބުރުގާއެޅުން މަނާކުރި މައްސަލަ ހޫނުވަނީ

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ކަރުނާޓަކާ ސްޓޭޓްގެ ހައިސްކޫލް ކުދިންތަކެއް ބުރުގާއަޅައިގެން ކުލާހަށް ވަނުން މަނާކުރި މައްސަލަ ހޫނުވެ އެކުދިން ހައިކޯޓަށް ދެ ޕެޓިޝަން ވައްދައިފިއެވެ. މައްސަލަ މިހާހަމަޔަށް ދިޔަޔީ ބުރުގާއަޅައިގެން ކުލާހަށް ވަނުން މަނާ ކުރެވުނު ހަކުއްޖަކު، ހައްގުތައް ހޯދުމަށް މުޒާހަރާކުރަމުން ދާތާ ދުވަސްތަކަކަށް ފަހުގައެވެ. އެކުދިން ކިޔަވަމުން އަންނަ ސަރުކާރުން ހިންގާ ޕްރީ ޔުނިވަރސިޓީ ކޮލެޖަކުން ބުނެފައިވަނީ ކެމްޕަސް ތެރޭގައި ބުރުގާ އެޅިނަމަވެސް ކުލާސްތެރޭގައި ބުރުގާނޭޅޭނެ ކަމަށެވެ. ނަމަވެސް މުސްލިމުން ބުނަމުންދަނީ އެމީހަކު ބޭނުން ކޮންމެ ހެދުމެއް އެޅުމުގެ މިނިވަންކަން ގާނޫނުން ލިބިދޭ ކަމުގައެވެ. އިމްތިހާނަށް ތައްޔާރުވުމަށް ފުރުސަތު ދިނުމަށާ ކުލާހަށް ވަނުމުގެ ހުއްދަ ދިނުން އެދި ކުދިން އާދޭސް ކުރި ނަމަވެސް ޕްރިންސިޕަލް ވަނީ ގޮތް ދޫ ނުކޮށްފައެވެ. ދެފަރާތުން ގޮންޖަހާ ކުރިޔަށްގެންދާ ކުރިމަތިލުންތަކާ ގުޅިގެން އިންޑިޔާގެ މައިނޯރިޓީ އޮންނަ މުސްލިމުންގެ މެދުގައިވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން އުފެދިފައެވެ.

ކަރުނާޓަކާ ގެ އެއް ކޮލެޖްގައި ފެށުނު ބުރުގާއެޅުން މަނާ ކުރުމުގެ މައްސަލަ މިހާރުވަނީ އެސްޓޭޓްގެ އެހެން ބަޔެއް ކޮލެޖް ތަކަށް ވެސް ފެތުރިފައެވެ. މިގޮތުން ކުންދާޕޫރު ގެ ކޮލެޖަކުންވެސް ބުރުގާއެޅި ކުދިންތަކެއް ވަނަ ނުދިނުމަށް ގޭޓް ލެއްޕިތަން ހާމަވާ ވީޑިއޯ އެއް އާންމުވުމުން ވަނީ ނުރުހުން ފާޅު ކުރުމުގެ ހަރަކާތްތައް ފުޅާވެގެން ގޮސްފައެވެ.

ބުރުގާގެ މަސްއަލަ ހޫނުވެގެން މިއުޅޭ ކަރްނާޓަކާ އަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ނެޝަނަލިސްޓް ބަހާރަތިޔަ ޖަނަތާ ޕާޓީގެ ބާރުގަދަ ، ހިންދޫ ދީނުގެ އުސޫލުތައް ދެމެހެއްޓުމުގެ މައި މަރުކަޒެއްގެ ގޮތުގައި ބަޔެއް ފަރާތްތަކުން ސިފަ ކުރާ ސްޓޭޓް އެކެވެ. އެސްޓޭޓްގައި ވެރިކަން ކުރަނީވެސް ބީޖޭޕީ އެވެ.

އަންހެން ކުދިންނަށް ބުރުގާ އެޅުން މަނާކުރެވުނު ދުވަހުގެ ފަހު ދުވަހު ހިންދޫ ދީނުގެ ފިރިހެން ކުދިންތަކެއްވަނީ ހިންދޫ ފާދިރީން ބޭނުންކުރާ ޒާތުގެ ރީދޫ ޝޯލް އެއް ޔުނީފޯމްއާއެކު ކޮޑުމަތިން އަޅައިގެން ކޮލެޖަށް ހާޒިރުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް