ޗައިނާގައި މިއަދު ފެށުނު ވިންޓަރ އޮލިމްޕިކްސް 2022 ގެ ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިރަސްމިއްޔާތުގެ ކުރިން ޗައިނާގެ ރައީސް ޝީ ޖިން ޕިން އާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ބައްދަލް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
މިއީ ކޮވިޑް 19 ފެތުރެން ފެށިގެން މިވީ ދެއަހަރުތެރޭ ރައީސް ޝީ ދުނިޔޭގެ ލީޑަރަކާ ބައްދަލް ކުރައްވާ ފުރަތަމަ ފަހަރެވެ. ޜައީސް ޝީ ޖިން ޕިން 2020 ވަނައަހަރުގެ ފަހުން ގައުމުން ބޭރަށް ދަތުރުފުޅު ކުރައްވާފައެއް ވެސް ނުވެއެވެ.
ރަޝިޔާ އަދި ޗައިނާގެ ލީޑަރުން ހުކުރު ދުވަހު ބައްދަލް ކުރައްވާއިރު ޔުކްރޭންގެ މަސްއަލައިގައި ދެގައުމުދެމެދު އައީ ނުތަނަވަސްކަން ވަރަށް ބޮޑަށް އިތުރު ވަމުންނެވެ. ނަމަވެސް މަސްއަލަ އަށް ކޮންމެވެސް ހައްލެއް ހޯދުމަށް މިއަދުގެ ބައްދަލް ވުމުގެތެރޭން ”ސޮފްޓް ޑިޕްލޮމަސީ“ ބޭނުން ކުރެވޭނެ ކަމަށް އުންމީދު ކުރެވެއެވެ.
ރައީސް ޝީ އާއި ރައީސް ޕޫޓިން ބައްދަލް ކުރައްވާނީ ވެރިތަށް ބޭޖިންގ ގައެވެ. އެއަށް ފަހު ގޭމްސް އޮންނަ ތަނަށް ވަޑައިގަންނަވާނީ ދެރައީސުން އެކުގައެވެ.
ރައީސް ޕޫޓިން އަކީ ވިންޓަރ އޮލިމްޕިކްސްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޗައިނާއަށް ވަޑައިގެންނެވި ފުރަތަމަ ލީޑަރެވެ.
ރައީސް ޝީ މިއަދު އިތުރު ވިހި ގައުމެއްގެ ލީޑަރުންނާ ބައްދަލް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.