ދުލާއި ގަލުމުގެ މިނިވަންކަން ނުލިބޭނަމަ އެކަން ހޯދަން މަސައްކަތްކުރުން އެއީ ވާޖިބުކަމެއްގެ ގޮތުގައި ބެލެވިދާނެއެވެ. ދިރިހުރި ކޮންމެ އެއްޗަކަށްވެސް މިނިވަންކަން ބޭނުންވާފަދައިން އިންސާނާއަށްވެސް މިނިވަންކަން ބޭނުންވެއެވެ. އެހެން އެއްޗެއްސަށްވުރެން ބޮޑަށް އިންސާނާއަށް މިނިވަންކަން ބޭނުންވެއެވެ. އިންސާނާއަށް މިނިވަންކަން ބޭނުންވުން ހައްދުންނެއްޓިފައިވާ މިންވަރުގެ ބޮޑުކަމުން އޭނާއަށް ލިބިފައިވާ މިނިވަންކަމުގެ ބޮޑު ނިޢުމަތްވެސް އޮންނަނީ ހަނދާނުން ކައްސާލާފައެވެ. އެހެންގޮތަކަށްބުނާނަމަ ހަނދާނުން ކައްސުވާލާފައެވެ.
ކިއުންތެރިންގެ ސަމާލުކަމަށް ދަންނަވާލަން ބޭނުންވަނީ އިންސާނާ ހޯދަން މަސައްކަތް ކުރަމުންގެންދާ ދުލާއި ގަލަމުގެ މިނިވަންކަމުގެ ތެރެއިން ކުޑަކުޑަ މިންވަރެކެވެ. މިލިޔުމުގެ އަމާޒަކީ އަޅުގަނޑުމެންގެ ދިވެހި މުޖުތަމާއެވެ. ދިވެހިންގެމެދުގައި ދުލާއި ގަލަމުގެ މިނިވަންކަން މިހާރަކަށް އައިސް ބޭނުންކުރެވެމުންދާ ނޫނީ ބޭނުން ކުރަމުންދާ ގޮތުގެމައްޗަށް އަދި އެއްފަހަރު ނަމަވެސް ވިސްނާލުމަށް ޓަކައެވެ.
ދިވެހިންނަކީ އަމިއްލަ ބަހަކުން ވާހަކަ ދައްކާ އަދި އެބަހުން ލިއެކިޔަމުންގެންދާ ބައެކެވެ. ވަރަށްބޮޑު ނަސީބެކެވެ. އަމިއްލަ ބަހަކުން ވާހަކަ ދައްކައި ލިއެކިޔާ ހެދުމުގެ ނަސީބު ވަރަށްގިނަ އިންސާނުންނަށް ލިބިފައެއް ނެތެވެ. ދުނިޔޭގައި އެންމެ ގިނަ މީހުން ވާހަދައްކާ އަދި ލިއެކިޔާ އުޅޭ އެއްބަހަކީ އިނގިރޭސި ބަހެވެ. އެކަމަކު އެބަހުން ވާހަކަ ދައްކާ ލިއެކިޔާ އުޅުނަސް އެއީ އޭގެތެރޭން ބައެއް މީހުންގެ އަމިއްލަ ބަހެއްނޫނެވެ.
އަޅުގަނޑުމެންނަށް ލިބިފައިވާ އަމިއްލަ ބަހުގެ މައްޗަށް އަޅުގަނޑުމެން ފަޚުރުވެރިވާ މިންވަރު ހާމަވެގެންދާ ބައެއް ހާދިސާތައް މާޒީގެތެރެއިން ފެނެއެވެ. އެއްދުވަސްވަރެއްގައި ދިވެހިބަސް ގާދޫކޮލުން ނިކުމެގެން ހިނގައިދާނެ ކަމުގެ ބިރުވެސް ދިވެހިން ތަޖްރިބާ ކުރިއެވެ. އެހެންނަމަވެސް ދިވެހި ސަރުކާރުންނާއި ލިއުންތެރިންނާއި ދޫފަސޭހަ ވާހަދެއްކުންތެރިންގެ މިންނެތް މަސައްކަތުން ދިވެހިބަސް ގާދޫކޮލުން އެތެރެއަށްގެނެސް ދިވެހިފަސްގަނޑުގައި ހަރުލައްވައިފިއެވެ.
މިހާރު މިފެންނަނީ އަދި އެހެން މަންޒަރެކެވެ. ބަހުގެ ދަރަޖަ ކާޅުގުޔަށް ވެގެންދަނީއެވެ. އަޅުގަނޑު މިހެން މިދެންނެވީ ދިވެހިންގެތެރޭގައި ބޭނުންކުރާ “ ކާޅުގުއި ބަންގާޅަށް ދިއުން “ މި ބަހަށް އިޝާރަތް ކޮށްފައެވެ. މިފަހަރު ގާދޫކޮޅުން އެތެރޭގައި ބާއްވައިގެން އަޅުގަނޑުމެންގެ ބައިވެރިވުން ވެސް އޮވެގެން ދިވެހިބަސް މަސްހުނިކުރަނީއެވެ.
މިހާރަކަށްއައިސް އަލަށް ތަޢާރުފުކުރެވިގެން ދިވެހި ބަހުގެ ތެރެއަށް ވައްދާ ބައެއް ބަސްބަހަކީ މިހާރުވެސް ދިވެހި ބަހުގެ ތެރޭގައި ބޭނުންކުރެވޭ ބަސްތަކެކެވެ. ނަމަވެސް ކުރިންސުރެން ބޭނުންކުރަމުން އައި މާނައާއި މިހާރު ބޭނުންކުރާ މާނަ މުޅިން ތަފާތެވެ. މިސާލަކަށް މިހާރަކަށް އައިސް ސަރުކާރުގެ އޮފީސްތަކުގެ ކައުންޓަރުތަކުން އެންމެ ގިނައިން އިވޭ ބަހަކީ “ ތިޔަ ލިއުން އަދި ފުރިހަމަ ނުވާތީ މިތަނަށް ނަގާލެވޭކަށް ނެތެވެ ”. މިތާގައި ނަގާލެވޭކަން ނެތޭ ބުނުން ވަރަށް ޢާންމުވެއްޖެއެވެ. ބަލައިގަތުމާއި ނަގާލުމުގެ ތަފާތު އޮޅުނީއެވެ. މިކަހަލަ އެތައް ކަމެކެވެ. އެ އޮފީސްތަކުގެ ވެރިންވެސް މިކަމާ މާބޮޑުފަރުވާލެއް ބަހައްޓާހެން ހިއެއް ނުވެއެވެ.
ލިއެކިއުމަށް ބަލާއިރުވެސް ދިވެހިބަހަކީ އެއްވެސް ހަމައެއް ލަމައެއް އޮތް އެއްޗެކޭ ހީނުވާކަހަލައެވެ. ދިވެހިބަހުގެ އަދީބުންނާއި އުސްތާޒުން ކުރައްވާފައިވާ އަގުހުރި މަސައްކަތުގެ ފައިދާއެއް ނެތޭވެސް ހީވާން ފަށައިފިއެވެ. ސުކުން ކުރަމުންގެންދަނީވެސް ހިތަށްއެރިގޮތަކަށެވެ. ވިސްނާލަން ޖެހޭ ކަމަކީ ކިތަންމެ ބިޔަ ނުވަތަ ޢަރަބިވަންތަ ހަށިގަނޑެއް ލިބިފައިއޮތަސް އެއީ ހަޝިގަނޑެކޭ ނުބުނެވޭނެއެވެ. ކިތަންމެ ހިތްހެޔޮ މީހަކަށްވެސް ހިޔްހެޔޮ މީހެކޭ ނުލިޔެވޭނެއެވެ. ހަމަ އެފަދައިން ކިތަންމެ ތިމާގެ މީހެއް ނަމަވެސް ގާއިތިމާގެ މީހެކޭ ވެސް ނުލިޔެވޭނެއެވެ. އެކަމަކު މިކަހަލަ ކިތަންމެގޮތަކަށް ދިވެހިބަސް ލިޔެފައި ހުންނާތީ ނޫސްތަކުންވެސް އެބަފެނެއެވެ. އެޑިޓަރުންވެސް މިކަމާ އަޅާލުމެއް ނެތޭ ހީވާ މިންވަރަކަށެވެ.
ވާހަކަދެއްކުމުގައިވެސް ދޫ އޮތްގޮތަށް ބާއްވައިގެން ބަސްތައް ބޭނުންކުރަންޖެހޭ ގޮތާއި ދުލުގެ ބޭނުންކޮށްގެން ބަސްތައްބޭނުން ކުރަންޖެހޭ ހާލަތަށްވެސް މިހާރަކު ފަރުވާލެއް ނުބަހައްޓައޭ ބުނުމަކީ ދޮގަކަށްނުވާނެއެވެ. ދިވެހި ބަހުގައި ދޫ ބޭނުންކޮށްފައިހުންނަ ބައެއްބަސްތައް ކިޔާއިރު ޖެހޭނީ ދޫ އޮތްގޮތަށް ބާއްވާށެވެ. މިސާލަކަޢް ކާށިދޫ ހުވަދޫ މިފަދަ ނަންތައް ކިޔާއިރު ދޫ ޖެހޭނީ އެގޮތަށް ބާއްވާށެވެ. އެކަމަކު ތިޔަ ވަދުގައި އެއޮތީ ބޮޑު މަހެއް ގަނެފައެވެ. ވަދަށް ދޫދީގެންވެސް ނުވަތަ ވަދަށް ދުލެއް ދީގެންނަމަވެސް ނުވަތަ ނަމަނަމަ ވަދަށް ދޫ ނުދޭތި މިއިންކޮންމެ ގޮތަކަށްވެސް ދޫ ބޭނުންކުރެވިދާނެއެވެ.
ހަމަމިގޮތަށް ދޫ ބޭނުންކޮށްގެން ނުވަތަ ދުލުގެ ބޭނުންކޮށްގެން މިދެގޮތަށްވެސް ބަސް ބުނެވިދާނެއެވެ. އެކަމަކު ސިޔާސީ ބޭނުމަކަށްޓަކައިވިޔަސް ރައްޔިތުން އުޅެންޖެހޭނީ ވެރިން ރުއްސައިގެން ކަންތައް ކުރެވޭތޯ ބަލާށޭ ދުލުން ނުވަތަ ދޫ ބޭނުންކޮށްގެން ބުނެގެންނުވާނެއެވެ. އެއީ ދޫ ބޭނުންކުރުމުގެ މިނިވަންކަމެކޭ ނުބުނެވޭނެއެވެ.
ދިވެހިބަސްވެސް ޖެހޭނީ ދަސްކޮށްގެން ރަނގަޅަށް ބޭނުންކުރާށެވެ. އެހެންނޫނީ މިފަހަރު ބަސްފެންނާނީވެސް ވިސާއަކާނުލައި ބަންގާޅަށް އެތެރެވެފައި އޮއްވައެވެ. އެންމެ ފުރަތަމަ މަސްއޫލިއްޔަތު އުފުލަންޖެހޭނީ މަދަރުސާތަކުގެ ދިވެހި މުގައްރަރު ކަނޑައަޅުއްވާ ބޭފުޅުންނެވެ. މިހާރު ކިޔަވާދޭ ގޮތަށް ދިވެހި ބަހުގެ އަކުރު ތަކާއި ބޭނުންކުރެވޭގޮތް ދަސްކޮށްނުދީ ރައިވަރު މާނަކުރަން ދަސްކޮށްދޭން މަސައްކަތް ކުރީމާ ދޫ ވެސް އޮތްގޮތަކަށް ނުބޭއްވޭނެއެވެ. އަދި ސުކުންކުރާކަށްވެސް ހަމައެއް ލަމައެއް ނޯންނާނެއެވެ. އޭރުން ކިޔާ މީހަކަށްވެސް ލިޔާމީހަކަށްވެސް ބުނަންއުޅުނު އެއްޗެއް ނޭންގޭނެއެވެ. މިސާލަކަށް އެއްޗިއްސަށް އެެއްޗިސް ކިޔުން. މިހާރަކަށް އައިސް ޒުވާންކުދިން އާދަކޮށް ބޭނުންކުރާ ބަހެކެވެ.
ވާހަކަ ދެއްކުމާއި ލިއެކިއުމުގައި ދުލާއި ގަލަމުގެ މިނިވަންކަންވެސް އޮންނަންވާނީ ވަކި ހަމަތަކެއްގެ މަތީގައެވެ. އެހެންނޫނީ ވާހަކަ ދައްކާ ނުވަތަ ލިޔެހަދާ ބަހުގެ ހަމަތައް އޮންނާނީ އޮޅިފައެވެ. އޭރުން ދެއްކި ވާހަކަ ނުވަތަ ލިއުނު އެތި އޮޅުންފިލުވައިގެން ދޭހަކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ. މިހާރަކަށް އައިސް ދެއްކުނު ވާހަކަ ނުވަތަ ލިއުނު އެތި އަލުން އޮޅުންފިލުވައި ދޭންޖެހިގެން އުޅޭތަން ފެންނަމުން ދަނީވެސް މަދުންނެއް ނޫނެވެ.
2 Responses
ދިވެހިބަސް ނަހަމަ ގޮތުގައި ބޭނުންކުރުމުގައި ސަބަބުތަކެއް އެބަހުރިކަމަށްވެސް ބެލެވިދާނެއެވެ. ކޮންމެވެސް ވަރަކަށް އެހެންބަސްތައް އެނގުމާއި ވާހަކަ ދެއްކުމުގައި އެ ބަސްތައްވެސް ބޭނުންކުރަމުން ގެންދިއުމުގެ ނަތީޖާއަކަށް މިވަނީ ދިވެހިބަސް ހިތުން ފިލައިގެން ދާގޮތް މެދުވެރިވުމެވެ. މިއީވެސް ސަބަބަކަށް ވެދާނެއެވެ. ދާދި މިދާކަށް ދުވަހު ކޮންމެވެސް ސިޔާސީ އެއްވުމެއްގައި ވާހަފުޅުދައްކަވަމުން ސިޔާސީ ބޭފުޅަކު ވިދާޅުވިކަމަށް މީޑިއާގައި ދަވްރުވަމުންދާ ބަސްފުޅެއްގައިވެސް އެބޭފުޅާ ވިދާޅުވިކަމަށްވަނީ “ ރައްޔިތުންގެ އެދުންވެރިކަން ފުއްދައިދިނުމަށްޓަކާ 24 ގަޑިއިރު މަސައްކަތް ކުރާނަން ”… ރައްޔިތުންގެ ބޭނުންތަކާއި ( ރައްޔިތުންގެ އެދުންވެރިކަން ) ތަފާތު ކުރަންނޭންގުނީމާ ދެން މަ ބުނާނީ އެއޮތީ ކާޅަށްވީގޮތް ވެފައޭ. އަސްދޫނި ހިނގާލެއް ރީތިކަމުން އެ ގޮތަށް ހިނގަން އުޅެން ހަދައިގެން ކާޅަށް އެސޮރުގެ ހިނގުންވެސް ހަނދާން ނެތުނީއެވެ.
އަދި ރަނގަޅުވާނެކަމަށް ބަލަމާ ހިނގާށެވެ. އުންމީދު ނަގާނުލައްވާށެވެ. ވެރިންނަށް ގެރިން އުޅޭ ޒަމާންވެސް މިދުނިޔޭގައި މިއޮތީފެންނާށެވެ. އެއީ ރައްޔަތުންގެ ޒިންމާ ނުފުލީމައެވެ. ޗިޅިޔާމެން ޢުމަރު ޒާހިރުމެންގެ ޒަމާން ދިއައީއެވެ.