މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅައިލާ ބްރިޖް، ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރާތީ އެ ސަރަހައްދުން ކަނޑުގައި ދަތުރު ކުރާ ފަރާތްތައް ސަމާލުވާން ޓްރާންސްޕޯޓް މިނިސްޓްރީން އެދެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މާލެ-ތިލަފުށި ލިންކް މަޝްރޫއުގެ ދަށުން، މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން ވިލިނގިއްޔާއި ގުޅީފަޅުގެ ދެކުނު ފަރާތުގެ މޫދާއި ހަމައަށް އަދި ތިލަފުށީގެ އިރު ދެކުނު ކޮޅާއި ދެމެދުގެ ސަރަހައްދެއްގައި ޕްލެޓްފޯމްތަކެއް ބަހައްޓައިގެން އިއްޔެއިން ފެށިގެން މަސައްކަތްތަކެއް ކުރަމުންއަންނަ ކަމަށެވެ.
އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު އެ ޕްލެޓްފޯމުތަކަށް ކައިރި ނުކުރުމަށާއި އެ ޕްލެޓްފޯމްތަކަށް ސަމާލުކަންދިނުމަށް އިލްތިމާސް ކުރާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
”މި ޕްލެޓްފޯމްތަކަށް އުނދަގޫ ނުވާނެގޮތަކަށް ރައްކާތެރިކަމާއެކު ދަތުރުތައްކުރުމަށް އުޅަނދުފަހަރުގެ ކެޕްޓަނުންނަށާއި އުޅަނދު ފަހަރުގެ ވެރިންނަށް އަދި އުޅަނދުފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކަށް އިލްތިމާސް ކުރަން،“ މިނިސްޓްރީން ބުންޏެވެ.
ތިލަމާލެ ބްރިޖްގެ މަސައްކަތް އިންޑިއާގެ އޮފްކޮން ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ 26 ވަނަ ދުވަހުއެވެ.
މިދިޔަ އާދީއްތަ ދުވަހު އެ ކުންފުނިން ވަނީ އެސަރަހައްދުގެ ބިމުގެ ވަރުގަދަކަން ވަޒަންކުރުމަށް ޖިއޯޓެކްނިކަލް ސާވޭ ހެދުމަށް ބޭނުންވާ ސާމާނު އިންޑަސްޓްރިއަލް ޒޯން ސަރަހައްދަށް ގެންގޮސް އެ މަސައްކަތް ފަށައިފަ އެވެ.
ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އިންޑިއާއިންދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީއާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ބޭނުންކޮށްގެންނެވެ.
One Response
މިސަރުކާރުން އަޅަމުންގެންދަވާ ވިލިމާލޭ ބުރިޖުގެ ކޮލަމްތަށް
ދެފެން ދޭތެރޭގަ އުޅުއްވާތީ އެދޭތެރެ އިންދަތުކުރައް ވާއުޅަދުތަކައް
ސަމާލުވާން ބުރިޖުއަޅާ ކޮމިސަނުން ގޮވާލައިފި؟؟؟؟؟