ކޮވިޑް-19 ޖެހުމުގެ ސަބަބުން ކުޑަކުދިންނަށް ޖެހޭ ބައްޔެއް ކަމަށްވާ މަލްޓި ސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމްއިން ޗިލްޑްރެން (މިސްކް) ކޭސްތައް އަނެއްކާވެސް ރާއްޖެއިން ފެންނަން ފަށައިފިއެވެ.
ހަށިގަނޑުގެ އެކި ގުނަވަންތައް ދުޅަވެ ފުރާނައަށް ނުރައްކާވާ ހިސާބަށްވެސް ދާ މި ނުރައްކާތެރި ބަލި ރާއްޖެއިން އަނެއްކާވެސް ފެންނަމުން ދާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދް ފައިސަލް ވަނީ ޔަގީންކޮށް ދެއްވާފައެވެ.
ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުޑަކުދިންގެ ބަލިތަކާ ގުޅޭ ގިނަ މައުލޫމާތު ތަކެއް އަބަދުވެސް ހިއްސާކުރައްވާ ޑރ.ފައިސަލް ވިދާޅުވީ އަތޮޅުތަކުގެ ރަށަކުން ގެނައި ކުއްޖަކަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކޮވިޑް ޖެހުނުކަމަށެވެ. އަދި މީގެ ހަތަރު ދުވަސް ކުރިން އެކުއްޖާއަށް ހުންއައިސް ހޮޑުލެވި ބަނޑުދިޔާވުންފަދަ ކަންކަން ކުރިމަތިވިކަމަށާ އަދި މިހާރު އެކުއްޖާގެ ލޭގެ ޕްރެޝަރ ދައްވުމުގެ މައްސަލަ ކުރިމަތިވެފައިވާކަމަށް ވެސް ޑރ.ފައިސަލް ވަނީ ވިދާޅުވެފައެވެ.
ޑޮކްޓަރު ވިދާޅުވީ މި ބަލީގެ އަލާމާތްތައް ފެނި އިތުރު ތިން ކުއްޖަކު މިވަގުތުވެސް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންކަމަށެވެ.
ފުރާނައަށް ނުރައްކާވާ މިބަލީގައި ބޮޑުވަރުވާ ކުދިންގެ ސިކުނޑިއާއި ކިޑްނީއާއި ލޮލާއި ހިތް ފަދަ ގުނަވަންތައް މިބަލީގެ ސަބަބުން ދުޅަވެގެންދެއެވެ. މި ނުރައްކާތެރި ބަލީގައި ގަދަޔަށް ބަނޑުގައި ރިއްސުމާއި ލޭގެ ޕްރެޝަރ ދައްވުންފަދަ ސިއްޙީ މައްސަލަތަކާއި ކުރިމަތިލާންޖެހެއެވެ. އަދި ކިޑްނީއާއި ސިކުނޑިއަށްވެސް މިބަލީގެ ސަބަބުން އަސަރުކުރެއެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި 39-40 ޑިގްރީއަށް ހުން ގަދަވުމާއި ގަދަޔަށް ކަރުގައި ރިއްސުމާއި، އުކުޅުވަޅަށް ތަދުވުމާއި، ބޭރަށް ހިންގުންފަދަ އަލާމާތްތައް ބަލީގެ ކުރީކޮޅު ފެންނަންފަށައެވެ.
”މީގެ އިތުރުން އަތާއިފައި އަދި ހަށިގަނޑުގެ އެކި ތަންތަން ރަތްވުމާއި އަތާފައި ދުޅަވުމާއި ހަންފޮޅުމާއި އަދި އެކި ވައްތަރުގެ ބިހިތައް ނެގުމާއި ލޯ ރަތްވުން އަދި ދުލާއި ތުންފަތާއި ކަރު ރަތްވުން ފަދަ އަލާމާތްތަކަކީ ވެސް މި ބަލީގެ އަލާމަތް ތަކުގެ ތެރޭގައި ހިނެމޭ އަލާމާތްތަކެވެ.
އާންމު ގޮތެއްގައި ކޮވިޑް ޖެހުމަށްފަހު ޖެހޭ މި ބަލީގެ އަލާމާތައް ބައެއް ފަހަރު ކޮވިޑް ޖެހިގެން އުޅޭ މުއްތަގައިވެސް ފެންނަން ހުރެއެވެ. އާންމުގޮތެއްގައި މިބައްޔަކީ 3 އަހަރާއި 10 އަހަރާދެމެދުގެ ކުޑަކުދިންނަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ.
މި ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް ސިއްހީ މާހިރެއްގެ ލަފާ ހޯދުމަށް ކަމާބެހޭ ފަރާތްތަކުން އެދެއެވެ.