ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގެނެވޭނެގޮތާއި، ވަޒީފާ އަދާކުރުމުގައި އަމަލުކުރަންވީ އުސޫލުތައް ބަޔާންކޮށް ”ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދު“ގެ ނަމުގައި ވަޒީފާ އަދާކުރުމާބެހޭ ގަވާއިދެއް އިކޮނޮމިކްސް މިނިސްޓްރީން ނެރެފި އެވެ.
ރާއްޖޭގެ ވަޒީފާއާއި ބެހޭ ގާނޫނުގެ ދަށުން ހަދައިފައިވާ މި ގަވާއިދުގައި ބިދޭސީން ވަޒީފާއަދާކުރުމުގެ ހުއްދަ ( އެމްޕްލޯއިމަންޓް އެޕްރޫވަލް) ދިނުމާއި، އެ ހުއްދަދިނުމުގައި އަމަލުކުރަންވީ ގޮތާއި މިކަންކަމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަންހިމަނައިފައިވެއެވެ.
މި ގަވާއިދުަގައިވާ ބަޔާންކޮފައިވާގޮތުން ރާއްޖޭގައި މަސައްކަތެއްކުރުމަށް ބިދޭސީން ރާއްޖެ ގެންނަންވާނީ އެމްޕްލޯއީމަންޓް އެޕްރޫވަލް ހޯދުމަށްފަހުގައެވެ.
ގަވާއިދުގައިވާގޮތުން ކޮންމެ މީހަކަށްވެސް ޖޮބްޕޯޓަލްގައި ރަޖިސްޓްރީކޮށް ބިދޭސީން ރާއްޖެގެނައުމުގެ ކޯޓާއަށް ހުށަހެޅޭނެއެވެ. ކޯޓާ ލިބޭނީ ޝަރުތުފުރިހަމަވާ އަދި މިނިސްޓްރީންކަނޑައަޅާ އޮންލައިން ސިްސްޓަމްމެދުވެރިކޮށް މައުލޫމާތުފުރިހަމަކުރުމަށްފަހު ކޮންމެ ކޯޓާއަކަށް ވެސް ކަނޑައަޅާފައިވާ އަގު ދައްކާމީހުންނަށް އެކަނި އެވެ.
ކޯޓާފީގެ ގޮތުގައި އަހަރަކު 2000ރ.ގެ ފީއެއް މިނިސްޓްރީ އށްް ނުވަތަ މިނިސްޓްރީން ކަޑައަޅާތަނަކަށް ދައްކަންޖެހޭނެކަމަށް ވެސް މި ގަވާއިދުގައި ވެއެވެ. ކޯޓާފީގެ މުއްދަތަކީ ކޯޓާ ދޫކުރާ ދުވަހުންފެށިގެން 12 މަސް ކަމަށް ވެސް މި ގަވާއިދުގައި ބުނެފައިވެއެވެ.
ގަވާއިދުގައި ވާގޮތުން ކުރިންދޫކޮށްފައިވާ ކޯޓާތަކުގެ ކޯޓާފީ މުއްދަތަކީ މި އުސޫލަށް އަމަލުކުރަން ފަށާތާ އެއް އަހަރުއެވެ. މި އުސޫލުގެ ދަށުން އެއްފަހަރާ ކޯޓާ ފީ ދެއްކޭނީ އެންމެ ގިނަވެގެން ތިން އަހަރަށެވެ.
ނަމަވެސް އިގްތިސޯދީ ސިޔާސަތަށް ނުވަތަ ވަޒީފާއާބެހޭ ސިޔާސަތަށް އަންނަ ބަދަލަކާއި ގުޅިގެން މި ގަވާއިދުގެ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް މިނިސްޓަރަށް ގެނެވޭނެކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ.
މި ގަވާއިދުގައި ބުނާގޮތުން ބިދޭސިން ރާއްޖެއަށް ް ގެނައުމުގެ ކުރިން އެ މީހުންނަށް ވަޒީފާ ދިންކަމުގެ ޔަގީންކަށް ދިނުމަށް ވަޒީފާ ދޭ ފަރާތުން “ ލެޓާ އޮފް އެޕޮއިންޓްމަންޓް“ އެ ބިދޭސީއަކާއި ހަވާލުކުރަން ޖެހެއެވެ.
ގަވާއިދުގައި ބުނެފައިވަނީ އެމްޕްލޯއީމަންޓް އެޕްރޫވަލް ނުހޯދައި ބިދޭސީއަކު ވަޒީފާގައި ގެންގުޅުމަކީ ނުވަތަ ބިދޭސީއަކު ލައްވައި މަސައްކަތް ކުރުމަކީ މަނާކަމެއްކަމަށެވެ. އަދި އެމްޕްލޯއީމަންޓް އެޕްރޫވަލް ހޯދި ފަރާތް ނޫން އެހެންފަރާތެއްގެ ވަޒީފާއެއް ނުވަތަ މަސައްކަތް ބަދަލުކުރުމަކީ ވެސް މަނާކަމެއްކަމަށް މި ގަވާއިދުގައި ވެއެވެ.