މުސްލިމް އަންހެނުން ވިއްކާ އެޕް އުފެއްދިކަމަށް ޝައްކު ކުރެވޭ މީހަކު އިންޑިއާއިން ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ދީނީ ހަމަނުޖެހުން އިންޑިއާގައި ބޮޑުވެފައިވާ ދަނޑިވަޅެއްގައި މުސްލިމް އަންހެނުން ވިއްކާ އެޕެއް ހެދިކަމަށް ޝައްކު ކުރެވޭ 20 އަހަރުގެ ފިރިހެނަކު އިންޑިއާގެ ފުލުހުން ހައްޔަރު ކޮށްފިއެވެ.

މައިކްރޮސޮފްޓްގެ ގިޓްހަބްގައި ހަދާފައިވާ ”ބުއްލީ ބައި“ ނަމަކަށް ކިޔާ އޯޕަން ސޯސް މި އެޕުގައި ވަނީ މުސްލިމް އަންހެނުންގެ ފޮޓޯ ޝެއާކޮށް އެމީހުން ނީލަމެއްގައި ވިއްކޭ ގޮތް ހަދާފައެވެ. ”ބުއްލީ ބައި“އަކީ އިންޑިއާގެ މުސްލިމް އަންހެނުންނަށް ނިސްބަތްކޮށް އަގުވައްޓާލުމުގެ ގޮތުން ކިޔައި އުޅޭ ބަހެކެވެ. މި އެޕް ވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރިން އިންޓަނެޓުން ނަގާފައެވެ.

ނިއު ދިއްލީގެ ޕޮލިސް އޮފިޝަލެއް ކަމަށްވާ ކޭޕީއެސް މަލޮޓްރާ ބުރާސްފަތި ދުވަހު ބުނި ގޮތުގައި އޭނާ އާއި އޭނާގެ ޓީމުން ވަނީ ނިރާޖް ބިޝްނޮއި ނަމަކަށް ކިޔާ 20 އަހަރުގެ އިންޖިނިއަރިންގް ދަރިވަރެއް މި އެޕް އުފެއްދި މައްސަލައިގައި ހައްޔަރު ކޮށްފައެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ އާސާމުގެ އިރުއުތުރު ސަރަހައްދުގައިވާ ޖުރްހާތުންނެވެ.

މަލޮޓްރާ ބުނި ގޮތުގައި ހައްޔަރު ކޮށްފައިވާ މީހާ ވަނީ ”ބުއްލީ ބައި“ ގިޓްހަބްގައި އުފެއްދުމުގެ އިތުރުން ޓްވިޓާގެ ހޭންޑަލްއެއް ކަމަށްވާ @bullibai_ ގެ އިތުރުން އެހެން ހެންޑަލްތައް ވެސް އުފައްދާފައެވެ.

މި އެޕާ ގުޅިގެން މުމްބާއިގެ ފުލުހުން ވަނީ އިތުރު 3 މީހަކުވެސް ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އިންޖިނިއަރިންގް ކިޔަވަމުން ދިޔަ 21 އަހަރުގެ ދެ ދަރިވަރުންގެ އިތުރުން 19 އަހަރުގެ އަންހެނެއްވެސް ހިމެނެއެވެ.

މުމްބާއިގެ ފުލުހުން ބުނި ގޮތުގައި މި އެޕަކީ ބަޔަކު އަޑީގައި ތިބެގެން ހަދާފައިވާ އެއްޗެއްތޯ ނުވަތަ ނޫންތޯ ޔަގީން ކުރުމުގެ ގޮތުން އެ މީހުން ދަނީ އިތުރު ތަހުގީގުތައް ކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް