ހަމާސްއިން އިޒުރޭލަށް މިސައިލްތަކެއް ފޮނުވި ކަމަށް ބުނެ ގާޒާގައިވާ ހަމާސްގެ މަރުކަޒުކަމަށް ބެލެވޭ ތަންތަނަށް އިސްރޭލުން ބޮމުގެ ހަމަލާތަކެއް ދީފިއެވެ. ހަމާސްއިންފޮނުވި ކަމަށް އިސްރޭލުން ބުނެވިފައިވާ ރޮކެޓްތައް ވެއްޓިފައިވަނީ މެޑިޓަރޭނިއަން ކަނޑަށެވެ.
އިސްރޭލުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި އިސްރޭލުން ދިން ރޮކެޓް ހަމަލާތަކުގެ މައިގަނޑު އަމާޒަކީ ހަމާސްގެ ރޮކެޓް އުފައްދާ ފެކްޓަރީއެކެވެ.
”ދުނިޔެގެ އެހެން ހިސާބުތަކުގައި އައު އަހަރު ފާހަގަ ކުރުމަށް ހަވާ އަރުވަމުން ދިޔައިރު އިސްރޭލުގެ ރައްޔިތުންނަށް ފެނިފައިވަނީ ހަމާސްގެ ޓެރަރިސްޓް ރޮކެޓްތައް.“ އިސްރޭލުގެ އަސްކަރިއްޔާއިން ކުރި ޓްވީޓްގައި ބުނެފައިވެއެވެ.
”މި ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އަހަރުމެންވާނީ ހަމާސްގެ ރޮކެޓް އުފައްދާ ތަންތަނަށާއި މިލިޓަރީ ޕޯސްޓްތަކަށް ހަމަލާ ދީފަ“ އެ ޓްވީޓްގައި ބުނެފައިވެއެވެ.
ހަމާސްއިން ފޮނުވި ކަމަށް ބުނެފައިވާ މި ރޮކެޓް ތަކަކީ އިސްރޭލަށް އަމާޒުކޮށްފައިވާ ރޮކެޓްތަކެއްކަން އަދި ޔަޤީނެއް ނުވެއެވެ. ފަލަސްތީނުގެ ގިނަ މިލިޓަރީ ޖަމާޢަތްތަކުން ރޮކެޓް ޓެސްޓް ކުރުމަށް މެޑިޓަރޭނިއަން ކަނޑަށް އަމާޒުކުރެއެވެ.
ހަމާސްގެ ފަރާތުން އަލްޖަޒީރާއާ ވާހަކަދައްކަވަމުން ހާޒިމް ޤާސިމް ބުނެފައިވާ ގޮތުގައި އިސްރޭލުން ދީފައިވާ ހަމަލާތަކުގައި ދަނޑުބިންތަކަށް ގެއްލުން ވެފައިވެއެވެ.
ހޮނިހިރު ދުވަހު ދިން ހަމަލާގައި އެއްވެސް ފަރާތެއް މަރުވެފައި ނުވާ ކަމަށާއި، އިޒުރޭލުގެ މިސައިލް ޑިފެންސް ސިސްޓަމް ކަމަށްވާ އަޔަން ޑޮމް ވެސް ޑިޕްލޮއި ވެފައި ނުވާކަމަށް އިޒުރޭލުގެ އަސްކަރިއްޔާއިން ބުނެފައި ވެއެވެ.
މޭ މަހު ހެދިފައިވާ ސީސް-ފަޔަރަށް ފަހު ސެޕްޓެމްބަރު މަހު ދިމާވި 1 ހާދިސާ ފިޔަވަފައި އެއްވެސް އިރަކު ސަރަހައްދު ހުރަސްކޮށް ރޮކެޓް ހަމަލާތައް ބަދަލުކުރުމެއް އިޒުރޭލާއި ފަލަސްތީނާ ދެމެދު ހިނގާފައެއް ނުވެއެވެ.