އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ހަ ރަށެއްގައި އެއާޕޯޓް ތަރައްގީކޮށްދޭނެ ފަރާތްތައް ހޯދުމަށް އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން ވަނީ ހަ ރަށެއްގައި އެއާޕޯޓްތައް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އާންމުކޮށް އެ ފުރުސަތު ހުޅުވާލާފަ އެވެ.
އެއާޕޯޓު ތަރައްގީކުރަން ހުޅުވާލި ރަށްތަކަކާއި ހަރަދުތައް
- ހދ. މަކުނުދޫ – 23.3 މިލިއަން ޑޮލަރު
- ށ. ބިލަތްފަހި – 23.6 މިލިއަން ޑޮލަރު
- ބ. ތުޅާދޫ – 21.9 މިލިއަން ޑޮލަރު
- ތ. ވިލުފުށި – 33.3 މިލިއަން ޑޮލަރު
- ފ. މަގޫދޫ – 8.2 މިލިއަން ޑޮލަރު
- ރ. އަތޮޅު ދެކުނު ބިތުގައި (ރަށް ކަނޑައެޅިފައި ނުވާ) – 23.6 މިލިއަން ޑޮލަރު
ޕްލޭނިން މިނިސްޓްރީން ބުނީ މި އެއާޕޯޓްތައް ތަރައްގީކުރުމަށް ޝައުގުވެރވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން ޖެހޭނީ ތަރައްގީކުރަނީ ކޮން އެއާޕޯޓު މަޝްރޫއަކަށް އެގޭނެހެންނެވެ.
ޝައުގުވެރިކަށް ފާޅުކުރުމުގައި ހަމައެކަނި ފައިނޭންސް ކުރާނަމަ އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ފަސް މިލިއަން އެމެރިކާ ޑޮލަރެވެ. ޝައުގުވެރިކަށް ފާޅުކުރުމުގައި މުޅި އެއާޕޯޓް ތަރައްގީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ވެސް ހުށަހެޅިދާނެ އެވެ.
އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓުގެ އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކުއިޒިޝަން ކޮސްޓާއި، އެ ތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައިކަނޑައި ދެވޭނެ ކަމަށްވެސް އިއުލާންގައިވެ އެވެ.
މި މޮޑެލްގެ ދަށުން ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު — އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީގެ ދަށުން، ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަންޖެހެނީ އިކޮނޮމިކް މިނިސްޓްރީ އަށެވެ. އީމެއިލުން ނަމަ ޝައުގުވެރިކަން ފާޅުކުރާނީ [email protected] އަށެވެ. ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާއިރު އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށްފައި، އެ ފޯމު ހުށަހަޅަން އަންގާފައިވެ އެވެ.
ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް އެޅުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ސަރުކާރުން މިއަދު އަލުން އިއުލާންކުރިއިރު ފ. މަގޫދޫ އާއި ރ. އަތޮޅު ދެކުނު ބިތުގައި އަޅަން ނިންމާފައިވާ އެއާޕޯޓަކީ މުޅިން އަލަށް އިއުލާންކުރި ދެ އެއާޕޯޓެވެ. ނަމަވެސް މީގެކުރިން މަކުނުދޫ، ބިލަތްފަހި، ތުޅާދޫ އަދި ވިލުފުށީގައި އެއާޕޯޓް އަޅަން ޝައުގުވެރިވާ ފަރާތްތައް ހޯދަން ސަރުކާރުން އިއުލާންކުރި އެވެ. އެ އިއުލާނާ ގުޅިގެން ބޭރުގެ ފަރާތްތައް ހިމެނޭ ގޮތަށް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށްވެސް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.