ފާއިތުވި ދެ އަހަރަކީ އެމް.ޓީ.ސީ.ސީ ގެ ޙަޔާތުގައިވެސް އައި އެންމެ ޙަރަކާތްތެރި އަދި އެންމެ ކާމިޔާބު ދެ އަހަރު: ރައީސް ޞާލިޙު

Loading

Facebook
Twitter
WhatsApp

ފާއިތުވި ދެ އަހަރަކީ އެމް.ޓީ.ސީ.ސީ ގެ ޙަޔާތުގަ ވެސް އައި އެންމެ ޙަރަކާތްތެރި އަދި އެންމެ ކާމިޔާބު ދެ އަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމް.ޓީ.ސީ.ސީ އަށް 41 އަހަރު ފުރުން ފާހަގަކުރަން ބައްދަލުވުން ބޭއްވީ އާދީއްތަ ދުވަހުގެ ރޭ ހެންވޭރު ދަނޑުގައެވެ.

އެމްޓީސީސީއަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ގައުމީ ތަރައްގީގެ މުހިއްމު ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް އުފެއްދެވި ކުންފުންޏެކެވެ. އެކިދުވަސްވަރު ކުންފުންޏަށް ފައިދާވިޔަސް އަނެއްބައި ދުވަސްވަރު ކުންފުންޏަށް ބޮޑެތި ގެއްލުންތައްވެ ބަނގުރޫޓު ވުމުގެ ތުންފަތް މައްޗަށް ގޮސްފައިވެއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އެމްޓީސީސީ އިނދަ ޖެހުނެވެ.

ވަރަށް ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެމްޓީސީސީއަށް އެންމެ ބޮޑު އިންވެސްޓެއް ކުޑަ މުއްދަތެއްގެ ތެރޭގައި ކުރައްވާފައި ވަނީ ރައީސް ޔާމީނުގެ ދައުރުގައެވެ. އެއީ ބިން ހިއްކަން އެންމެ މިޒަމާނުގެ ފެންވަރުގެ ބޮޑު ކޮންނަ ބޯޓެއް ރާއްޖެ ގެނައުމެވެ. އަދި އޭގެ ބޭނުންކޮށް ބައިނަލްއަގުވާމީ ފެންވަރުގައި ބިންހިއްކަން ފެށުނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ އަހަރު ކޮންނަ ބޯޓަކީ ގެއްލުމެއްކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރިޔަސް އެބޯޓު މިހާރު ވެފައި ވަނީ އެމްޓީސީސީއަށް ރަންބިސް އަޅައިދޭ ކުކުޅަކަށް ވެފައެވެ.

އެމް.ޓީ.ސީ.ސީއަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއްކަމުގައި ވިދާޅުވެ ޚާއްޞަކޮށް ރަށްރަށުގެ ޢުމްރާނީ ތަރައްޤީގެ އެންމެ މުހިންމު ބައިވެރިޔާއޭ ވިދާޅުވެ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އާދަމް ޢާޡިމަށް ޝުކުރުދެންނެވިކަމުގައި ވިޔަސް ފާއިތުވެދިޔަ ދުވަސްތަކުގައި އެމްޓީސީސީއަށް މުހިއްމު ޚިދުމަތްތަކެއްކުރެވި މުހިއްމު ބޭބޭފުޅުންގެ ނަންވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދޫފުޅަކަށް ނުގެންނަވައެވެ.

ގައުމުގެ ހިންގުންތެރިކަމުގެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި އެމް.ޓީ.ސީ.ސީއަކީ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ ކުންފުންޏެއްކަމުގައި ވިދާޅުވެ، އެ ކުންފުނިން ހިންގާ ހުނަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމްގެ ދަށުން، 3 އަހަރުގެ ތެރޭގައި 100 މީހުން ތަމްރީންކުރަން އަމާޒު ހިފާފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ހައި ސްޕީޑް ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅައިލުމަށް، މިއަހަރުގެ ކުރީކޮޅު ސަރުކާރުން އެމް.ޓީ.ސީ.ސީއާ ބޮޑު މަޝްރޫޢެއް ޙަވާލުކޮށްފައިވާކަން ހާމަކުރައްވައި، އެ މަޝްރޫޢުގެ ޒޯން 1 ގައި ހިމެނޭ، ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ މެދުގައި، ފެރީގެ ޚިދުމަތް ފެށުމަށް، އެމް.ޓީ.ސީ.ސީ އިން ތައްޔާރުވަމުންއަންނަ ކަމަށާ، މިފަދަ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅިގެން، ވަޒީފާގެ އެތައް ބައިވަރު ފުރުޞަތުތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުޅުވިގެންދާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ޒޯން 1 ގައި ހިމެނޭ، ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ މެދުގައި، ފެރީގެ ޚިދުމަތް ފެށުމަށް، އެމް.ޓީ.ސީ.ސީ އިން ތައްޔާރުވަމުންއަންނަ އިރު އެ ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން މިހާރުވެސް ހައިސްޕީޑް ފެރީގެ ޚިދުމަތް ދެމުން އެބަގެންދެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެމްޓީސީސީން ފެރީގެ ޚިދުމަތް ފެށުމުން މިހާރު އެ ޚިދުމަތް ދެމުންދާ ޢާންމުންނަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް