އިންޑިއާގެ ސްޓޭޓެއްކަމުގައިވާ ތަލަންގާނާގެ ސިއްހީ ދާއިރާއިން ރާވާފައި ވަނީ މި އަހަރު ނިމުމުގެ ކުރިން ސްޓޭޓުގެ އެންމެންނަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ދިނުމަށެވެ. އެގޮތުން ގޭގެއަށް ގޮސް ވެކްސިން ނުޖަހާ މީހުން ބަލައި ހޯދައިގެން ވެސް ވެކްސިން ޖެހުމުގެ މަޝްރޫޢު ކުރިއަށް އެބަގެންދެއެވެ. ނަމަވެސް ބައެއް މީހުން ވެކްސިން ޖެހުމަށް އިންކާރުކޮށް ފިލަމުން އެބަދެއެވެ.
ތަލަންގާނާގެ ސަންގްރީދީގެ މީހަކަށް ވެކްސިން ޖަހަން ވެގެން ދިއުމުން އެމީހާ ވެކްސިން ނުޖަހަންވެގެން ދުވެފައިގޮސް ފިލަން އެރީ ގަހަކަށެވެ.
ޣޫޘުއްދީންގެ ގެއަށް ވެކްސިން ޓީމު ދިއުމާއެކު އޭނާ ގެއިން ނިކުމެގެން ދުވެފައި ދިޔައެވެ. ވެކްސިން ނުޖަހަންވެގެން އޭނާ ރާމާމަކުނެއްހެން ގޮސް އެރީ ގަހަކަށެވެ.
އޭނާގެ ގޭގެ މީހުން ވެކްސިން ޖެހުމަށް އޭނާއަށް ހިތްވަރުދީ ނަސޭހަތްތެރި ވިއެވެ. އެކަމަކު އޭނާ މައިންބަފައިންގެ ބަސް ގަބޫލުކުރާކަށް ވެސް ބޭނުމެއްނުވިއެވެ.
އެރަށުގެ އެހެން ގެއަކަށް ވެކްސިން ޖަހައިދޭން މީހުން ދިއުމުން އެގޭގެ މީހުން ވެސް ވެކްސިން ޖަހަން ދެކޮޅުހެދިއެވެ. އަދި ވެކްސިން ޓީމުގެ މީހުންނަށް ހަމަލާދީ އެމީހުން ގެއިން ނެރުނެވެ.
އިންޑިއާއަކީ ކިޔަވައިގެން ތިބި މީހުންނާއި މުއްސަނދިން ގިނައަދަދަކަށް ތިއްބަސް އިންތިހާއަށް ޖާހިލުކަން ބޮޑު ގަމާރު މީހުން ގިނަ ގައުމެކެވެ. އެހެންވެ ކޮރޯނާ ވައިރަސް ގައުމުން ނައްތާލަން ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.