
ރަށްރަށުގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށް ދުއްވޭނެ ޖުމްލަ އަދަދު ކަނޑައެޅުމުގެ ބާރު ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ދީފިއެވެ.
އުޅަނދު ދުއްވޭ އަދަދު ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް ދީފައިވަނީ އަލަށް އެކުލި ” އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭ މުއްދަތު ކަނޑައެޅުމުގެ ގަވާއިދު”ގެ ދަށުންނެވެ.
ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ގެޒެޓްކޮށްފައިވާ މިގަވާއިދަކީރާއްޖޭގެ އެކި ސަރަހައްދުތަކަށް އުޅަނދުގެ އަދަދު ކަނޑައެޅުމުގައްޔާއި އެކަން ތަންފީޒްކުރުމުގައި އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތްތަކުން އަމަލުކުރަންޖެހޭނެ އަސާސީ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރާ ގަވާއިދެކެވެ.
ގަވާއިދުގައިވާ ގޮތުން، ސިނާއީ މަސައްކަތަށް ދޫކޮށްފައިވާ ސަރަހައްދެއްގައި ނަމަ އެތަނެއްގައި މި ގަވާއިދު ހިންގާނީ މިނިސްޓްރީންނެވެ. އަދި ވަކިވަކި ރަށްރަށާއި ސިޓީތަކުގައި މި ގަވާއިދު ހިންގާނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލުންނެވެ.
މި ގަވާއިދުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭރަށްރަށާއި ސިޓީތަކާއި ސިނާއީރަށްރަށާއި ސަރަހައްދުތަކުގައި ބޭނުންކުރުމަށްޓަކައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދެވޭނެ އެންމެ ގިނަ އަދަދާއި، އެއްގަމު އުޅަނދު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތު، އެއިން ކޮންމެ ތަނަކަށް ވަކީން، އަދި އެކި ބާވަތުގެ އުޅަނދުތަކަށް ވަކީން ކަނޑައަޅަންޖެހެއެވެ.
އެ ރަށެއްގައި އެއްގަމު އުޅަނދު ދުއްވޭނެ އެންމެ ގިނަ އަދަދު ކަނޑައަޅާތާ މަދުވެގެން ހަ މަސް ތެރޭގައި އެ ގަވާއިދަށް އަމަލު ކުރަން ޖެހޭނެއެވެ.
އުޅަނދުތަކުގެ އަދަދު ކަނޑައަޅާއިރު ރިޔާޔަތްކުރަންޖެހޭ ކަންތައް ތަކެއްވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
އެގޮތުން، ރަށެއްގެ އާބާދީއާއި އެތަނެއްގައި ބޭނުންކުރަމުންދާ އުޅަނދުގެ އަދަދުގެ އިތުރުން މަގުތަކާއި ޕާކު ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ބޮޑުމިނަށް ބަލަން ޖެހެއެވެ.
މިކަންކަމަށްބަލާ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ތަފްސީލީ އެސެސްމަންޓެއް ކަމާގުޅޭ މާހިރުންގެ ލަފަޔާއެކު ކައުންސިލްތަކުން ހަދަންޖެހޭނެއެވެ. ތައްޔާރުކުރާ އެސެސްމަންޓް ރިޕޯޓާއި، ކަނޑައަޅާ އަދަދުތައް ކައުންސިލްތަކުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ. އަދި ކައުންސިލްތަކުން ފޮނުވާ އުޅަނދުތަކުގެ އަދަދު ކަނޑައަޅައިފައިވަނީ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިންތޯ މިނިސްޓްރީން ބަލަންޖެހޭނެކަމަށްވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.