ބީއެމްއެލް ކޮމިއުނިޓީ ފަންޑުން މިއަހަރުގެ ހަތަރުވަނަ ކުއާޓާގައި އެހީ ފޯރުކޮށްދޭނެ ފަސް މަޝްރޫއު އިއުލާން ކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ، އެ ފަންޑުގެ އެހީތެރިކަމަށް އެދި މި އަހަރުގެ ހަތަރުވަނަ ކްއާޓާއަށް ޕްރޮޕޯޒަލް ހުށަހެޅި މަޝްރޫއުތަކުގެ ތެރެއިން ފަސް މަޝްރޫއު ކަނޑައަޅާފައިވާ ކަމަށެވެ.
މި ގޮތުން ހޮވުނު ފަސް މަޝްރޫއަކީ:
- 1. ނ. ހެނބަދޫ ގައި ބާބެކިއު ބާއްވާ ސަރަހައްދެއް ގާއިމުކުރުން – ހާމިދު ރަޝީދު
- 2. ކ. މާފުށީގައި އައުޓްޑޯ ލައިބްރަރީއެއް ގާއިމުކުރުން – ނިއު ސްޓާރ ސްޕޯރޓްސް ކުލަބު
- 3. ފ. ފީއަލީގައި އައުޓްޑޯ ލައިބްރަރީއެއް ގާއިމުކުރުން – ފަތުހުއްލާ ޝާތިރު
- 4. ތ. ބުރުނީގެ ރާގޮނޑި ބީޗް ތަރައްގީކުރުން – ބުރުނީ ޔޫތް ސްޕޯރޓްސް ކުލަބު
- 5. ގދ. ތިނަދޫގައި އިސްރަށްވެހިންނަށް ހާއްސަ ޕާކެއް ގާއިމުކުރުން – އަމީޒާ އަފީފު
އެމްއެލްގެ އަހަރެންގެ ބެންކް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެގޮތުން އެކުލަވާލާފައިވާ ފަންޑެކެވެ.
އަހަރެންގެ ބެންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ކޮންމެ ކުއާޓާ އެއްގައި ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރާކާތް ހިންގުމަށް 50،000 ރުފިޔާގެ އެހީ ދިނުމަށް ބީއެމްއެލުން ވަނީ ނިންމާފައެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް މުޖުތަމައުއަށް ފައިދާހުރި 60 މަޝްރޫއެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިފައި ވާކަމަށް ބޭންކުން ބުނެއެވެ.