އިނގިރޭސިވިލާތުން މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފި

Loading

Facebook
Twitter
WhatsApp
Maldives Dhivehi News

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު، ބޮރިސް ޖޯންސަންގެ އިސްނެންގެވުމުގެ ދަށުން އެ ގައުމުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި މަސްތުވާތަކެތި ވިއްކުމުގެ މަސައްކަތް ކުރާ މީހުން ހުއްޓުވުމަށް ދާދިފަހުން ވަނީ ވަރުގަދަ ކެމްޕޭނެއް ފަށާފައެވެ. މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރުމުގެ މަގުސަދުގައި ކުރެވޭ ހަނގުރާމައެއްގެ ގޮތުގައި ބޮޑުވަޒީރު ބޮރިސް ވަނީ މި މަޝްރޫޢު ސިފަކުރައްވާފައެވެ. މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 400 މިލިއަން ޔޫއެސް ޑޮލަރު ހަރަދު ކުރަން ސަރުކާރުން ވަނީ ނިންމަވާފައެވެ.

މި މަޝްރޫޢު ދަށުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ 300000 މީހުންނަށް އެކަމުން ސަލާމަތްވުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ރިހެބިލިޓޭޝަންގެ ހިދުމަތްތައް ހިލޭ ލިބޭނެގޮތް ސަރުކާރުން ހަމަޖައްސައި ދޭން ވަނީ ނިންމާފައެވެ.

މި މަޝްރޫޢު އިނގިރޭސި ސަރުކާރުން ހިންގުމަށް ނިންމައި އެކަން އިއުލާނު ކުރުމާއެކު ގިނަ ބަޔެއްގެ ފާޑުކިޔުންތައް މިކަމަށް އަމާޒުވިއެވެ. އެހެނީ ސަރުކާރުން މި ޕްރޮޖެކްޓު އިއުލާނު ކޮށްފައި ވަނީ އެގައުމުގެ ޕާލިމެންޓު ބަލައި ފާސްކުރުމުން ކޮކޭން ފެނުނު ޚަބަރު ލިބުނު ދުވަހުކަމަށް ވާތީއެވެ.

ޕާލިމެންޓުން ކޮކޭންގެ އަސަރުތައް ފެނިފައި ވަނީ އެންމެ ތަނަކުން ނޫނެވެ. ހައުސް އޮފް ލޯޑްސްގެ ޑައިނިންގް ރޫމުންނާއި، ވެސްޓް މިނިސްޓާރ ޕެލަސްގައި ހުރި އެކްސްކްލޫސިވް ޕަބްއަކުންނާއި، ބޮޑުވަޒީރުގެ އޮފީސް ކައިރި ފާހާނާއެއްގެ އިތުރުން ދާޚިލީ ވަޒީރު ޕްރީތީ ޕަޓޭލްގެ އޮފީސް ކައިރިގައި ހުރި ފާހާނާއަކުންވެސް ވަނީ މަސްތުވާތަކެތި ފެނިފައެވެ. ހަމައެޔާއެކު ސަރުކާރުގެ މުހިންމު ބައްދަލުވުންތަކަށް މަސްތުވެގެން ބައެއް ސިޔާސީ ލީޑަރުން ދާ މައްސަލަ ފެންމަތިވެފައި ވަނިކޮށް ބޮޑު ވަޒީރު ”ޑްރަގް ބަސްޓެއް“ ފެށުން ވެގެން ދިޔައީ އެގައުމުގެ މީހުންނަށް އެހައި ބަލައިގަނެވޭ ކަމަކަށް ނޫނެވެ.

އިނގިރޭސިވިލާތުގައި އަލަށް ހެދި ގާނޫނެއްގައި ވާގޮތުގެ މަތިން މަސްތުވާތަކެތި ބޭނުންކޮށް މީހަކު އެފަދަ މައްސަލައެއްގައި ހައްޔަރު ކުރެވިއްޖެނަމަ އެމީހެއްގެ ޕާސްޕޯޓު މުއްދަތެއްނެތް ގޮތަށް ހިފެހެއްޓުމުގެ ބާރު ސަރުކާރަށް ލިބިގެން ވެއެވެ. މަސްތުވާ ތަކެއްޗާ ދެކޮޅަށް މިފަދަ ހަރުކަށި ގާނޫނުތައް ކަނޑައަޅާފައިވާ ގައުމެއްގެ އެންމެ އިސް މަޖިލީހުން ކޮކޭން ފެނުމާ އެކުވެސް ސަރުކާރުން މިކަމާމެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާތީ އެގައުމުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް