ރައްޔިތުން ދެކެން ބޭނުންވާ މަންޒަރުތަކާއި ދެކެން ބޭނުން
ނުވާ އެތަކަމެއް މިގައުމުގައި ހިނގަމުން ދާއިރު ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އެކަންކަން ހުއްޓުވަން އެބަޔަކާ ގުޅިފައިވާ ސިޔާސީ ލީޑަރުންގެ އަޑެއް ބަޑެއް ނީވި މިދަނީ
ކީއްވެބާއޭ އެތައް ބަޔަކު ސުވާލު އުފައްދައެވެ.
މިހާރު ހިނގަމުން މިދާ ކޯލިޝަން ވެރިކަން ހިންގަނީ ރާއްޖޭގެ އެންމެހާ ސިޔާސީ ލީޑަރުންނެވެ. ދައުލަތުގެ ތަރިކައިގެ ތެރެއިން ސަރުކާރާއެކު އެއްބަސް ވެވުނު ޕަސެންޓާއެކު ސިޔާސީ ލީޑަރުން އަންނަނީ ސަރުކާރާއެކު މަސައްކަތް ކުރައްވަމުންނެވެ.
އަނެއްކޮޅުން 2023 ވަނަ އަހަރު ރާއްޖޭގައި ވެރިކަން ކުރާނީ ކޮން ނިޒާމެއްގެ ދަށުންތޯ ވެސް އަދި ކަށަވަރެއްނުވެއެވެ.
ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ބޭނުން ނުވާކަމަށް ވިދާޅުވެ ބައެއް ސިޔާސީ ލީޑަރުން ވަނީ ނިޒާމު ބަދަލުކުރުމާ ދެކޮޅަށް އަޑުއުފުލައި ދެ ނިޒާމުގެ ހުރި ފަރަގުތައް ސާފުކޮށްދޭން މަސައްކަތްކޮށްފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމް.ޑީ.ޕީ.ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވާގޮތުން ދުރުނޫން މުސްތަގުބަލެއްގައި މިހާރު ވެރިކަން ކުރަމުން މިދާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުވެ، 2023ގައި ރިޔާސީ އިންތިޚާބެއް ނުއޮންނާނެއެވެ. މިހެން ވެއްޖެނަމަ 2023ގައި ހުންނަވާނީ ބޮޑުވަޒީރެކެވެ.
ބޮޑުވަޒީރު ކަމުގެ މަގާމު ލިބިވަޑައި ގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީއަކުން ކަނޑައަޅާ ބޭފުޅަކަށެވެ.
ބޮޑުވަޒީރުކަމުގެ ފަލްސަފާއަކީ މިލިއަނަރުން ނާއި ބިލިޔަނަރުން ބޮޑުވަޒީރު ކަން ކުރާ ފަލްސަފާއެކެވެ.
ރައްޔިތުންގެ ބޯ ކާލެވޭ ފެންވަރުގެ މީހަކު ފިޔަވައި މުޅިންވެސް ވެރިކަން ކުރަނީ މަހުޖަނުންނެވެ. މާނަޔަކީ ފައިސާއިން ވެރިކަން ގަންނަނީއެވެ. ހޯދަން ޖެހެނީ ރައްޔިތުން މަޖިލީހުގައި އެމަހުޖަނު ތަމްސީލް ކުރާނެ އަޣުލަބިއްޔަތެވެ. މިއީ ފައިސާނެތް މީހަކަށް ވާވަރުކަމެއް ނޫންތާއެވެ!
ކޮންމެއަކަސް ރާއްޖޭގައި މިހާރު މިއޮތް ނިޒާމު ނިމުމަކަށް ގެންނަން ޖެހޭނެކަމަށް ބުނެ އެއްބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ. އަނެއްބަޔަކު ދަނީ އެކަމާ ދެކޮޅަށް ވާހަކަދައްކަމުންނެވެ.

މައްސަލައަކީ ވެރިކަން ކުރާ ނިޒާމު ހެއްޔެވެ؟
މައްސަލައަކީ ވެރިކަން ކުރާ ނިޒާމެއް ނޫނެވެ، ޙަގީޤީ މައްސަލައަކީ އިޚުލާޞްތެރި ތެދުވެރި އަމާނާތް ތެރި ބޭފުޅުންނަށް ވެރިކަން ނުލިބުމެވެ. އަދި ވެރިކަން ކުރުމުގެ ޢިލްމާއި ހުނަރު ލިބިފައިނުވާ ބޭފުޅުން ވެރިކަން ކުރައްވަމުން ގެންދިއުމެވެ.
މިސާލަކަށް ސިންގަޕޯރ އަކީ ރާއްޖެއާ އެއްދުވަސްވަރެއްގައި ޔޫ.އެން.ގައި ބައިވެރިވި ގައުމެކެވެ. މިހާރު ސިންގަޕޯއަކީ މިސަރަޙައްދުގެ ފުދުންތެރި ގައުމުތަކުގެ ލިސްޓްގައި އެންމެ ބޮޑަށް ވިދާލާފައިވާ ގައުމެކެވެ. ކަމަށް ގާބިލު ތެދުވެރި ބޭފުޅުން ވެރިކަން ކުރެއްވުމުގެ ނަތީޖާ ފެންނަނީ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައެވެ.
ރާއްޖެއަކީ ސިންގަޕޯއަށްވުރެ ރިސޯސް މަދު ގައުމަކީ ހެއްޔެވެ؟
ރާއްޖެއަކީ ލިބިފައިވާ ރެސޯސްތަކުގެ ބޭނުން ކޮށްގެން ތަރައްގީ ނުކުރެވޭނެ ގައުމަކަށް ވެގެން އުޅެނީ ތަރައްގީގެ މަސައްކަތެއް ނުކޮށް ހާކާލަ ހާކާލަ ތިބޭތީއެވެ. ރާއްޖެ އެފެންވަރަށް ނުދިޔައީ އިޚުލާޞްތެރި ގާބިލު ބޭފުޅުން ރައްޔިތުންނަށް ޚިޔާރު ކުރެވިފައި ނުވާތީއެވެ. ނޫންނަމަ ވޯޓު ވިއްކާލެވިފައި ވާތީއެވެ. ކޮންމެ ބޭފުޅަކު ބޭނުންފުޅު ވަނީ ވެރިކަމުގެ ލައްޒަތާއި ޖާހަތެވެ .
ތިރީސް އަހަރު ވާދެން ރާއްޖޭގެ އިޤްތިޞާދު އެއްވާމަކަށް ހަތް ބިލިޔަނުގައި ދެމިއޮންނަން ޖެހޭ ހެއްޔެވެ؟ މީވެރިކަން ކުރުމުގެ ހުނަރާއި އެފަންނުގެ ޢިލްމު ނެތް ފަރާތަކުން ވެރިކަން ކުރުމުގެ ނަތީޖާއެވެ.
ވިސްނަން ތިބީ ރައްޔިތުންނެވެ. ދޮޅުހާސް ރުފިޔާއަށް ރައްޔިތުމީހާ އަޅުވެތި ވާނަމަ ތިމާގެ ގައުމު ތިމާއަތުން ބީވެގެން ހިނގައިދާނެއެވެ. ދުނިޔެއިން ގެއްލިފައިވާ އިންސާނީ ކަރާމަތް މި ގައުމުން ވެސް ވަނީ ގެއްލިފައެވެ.
އަނެއްކޮޅުން ރާއްޖޭގައި ވެރިކަން ކޮށްފައި ވަނީ އިޤްތިޞާދު ފުޅާކުރުމުގެ ވިސްނުންނެތް ”ގާ ބޮލެވެ.“ ނޫންނަމަ ހިލަ ބޮލުގެ ވެރިންނެވެ. މިއީ ރައްޔިތުންނަށް ދިމާވި މުސީބާތެކެވެ. ރައްޔިތުން ނިކަމެތި ޙާލުން އަރައިގަނެވޭ ގޮތެއް ނުވެ މިދަނީ އެހެންވެއެވެ. ސިޔާސީ ލީޑަރުންނަކީ ރައްޔިތުންގެ ހައްގަށް އިހުތިރާމްކޮށް އެހައްގުތައް ރައްޔިތުންނަށް ހޯދައި ދިނުމަށް ވަކާލާތުކޮށް ގިނަ ރައްޔިތުންގެ ރުހުން ހޯއްދަވައިގެން ތިއްބަވާ ބޭފުޅުން ކަމަށް ވާއިރު ސިޔާސީ ލީޑަރުން އަވަހާރަ ފުޅު ލެއްޕެވުމުން ރައްޔިތުން ގެ ޙާލަތު ރަނގަޅުވާނީ ކިހިނެއް ހެއްޔެވެ؟
މި ސަރުކާރު ހިނގަމުން މިދަނީ އަމާ ބުނީތީ ފަރަށް ދިޔަހެންނެވެ. ސިޔާސީ ލީޑަރުން ކޯލިޝަންގެ ތެރެއިން މާލީ މަންފާ ލިބިވަޑައި ގަންނަވާތީ އަޑެއް ބަޑެއް އިއްވާ ނުލައި ބޮނދައިގެން ތިއްބަވަނީ އެވެ. ރައްޔިތުންގެ ވެރިކަމެއްގެ ނަމުގައި ހިންގާ މިވެރިކަމުގެ ތެރޭގައި ރައްޔިތުންނާ ބައްދަލުވާ ވެރިންނެއް ނުއުޅުއްވައެވެ. އެހެން ކަމުން ރައްޔިތު މީހާގެ އަޑުވެސް މިދަނީ ކެނޑެމުންނެވެ. ވެރިކަމަށް ވަޑައިގަތުމަށް ޓަކައި ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުން އިހުސާސް ތަކަށް އިޙުތިރާމް ކުރައްވާ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދިރިއުޅުމުގެ ދަތިތައް ޙައްލުކޮށް ދެއްވާނޭ ކަމަށް ވިދާޅުވި ހަދާން ހުރި ހެނެއް ހީއެއް ނުވެއެވެ. ރައްޔިތުމީހާއަށް ވާންޖެހޭ އެއްވެސް ކަމެއް ނުވެ ދާއިރު ސިޔާސީ ލީޑަރުން ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ނުކުރައްވައި ފިއްލަވައި ތިއްބެވުމަކީ ރައްޔިތުން ކަން ބޮޑުވާ ކަމެކެވެ.
މިއަދު ރާއްޖޭގެ ހުރިހާ ދިމާއަކުން ފެންނަނީ ސިޔާސީ ލީޑަރުންގެ އަޑު ކެނޑިފައިވާ ތަނެވެ. އެމީހުންގެ އިތުބާރެއް ނެތް އަޑު އަހަން ރައްޖޭގެ ރައްޔިތުން ބޭނުން ނުވެފައި ތިބި ތަނެވެ.
![]()
