ހުޅުމާލެ ފޭސް ދޭއް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ހުޅުމާލެ ފޭސް ދޭއްގައި ފުލުހުން ހަރަކާތްތެރި ވަމުން ދަނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން، އެޗްޑީސީގެ ހުއްދައާ ނުލައި ޖަލްސާއެއް ބާއްވަން ނިންމާފައި ވާތީ، އެކަމަށް ފިޔަވަޅު އަޅައިދޭން އެ ކޯޕަރޭޝަނުން އެދިފައި ވުމުންނެވެ.
މިކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުން ހުރަސް އަޅަމުން އެދަނީ ކައުންސިލުން ހުއްދަ ދީފައިވާ ސިޔާސީ ހަރަކާތަކަށެވެ. އަދި އެކަމުގައި ޤާނޫނީ ގޮތުން ފުލުހުން ޖަވާބުދާރީ ކުރުވާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވަނީ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގައި ކޮތަރު ކޮށީގެ ނަމުގައި ޖަލްސާއެއް ބާއްވަން ނިންމާފައެވެ. އަދި މި ކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން އެޗްޑީސީއަށް ދޫކޮށްފައިވާ ރެޖިސްޓްރީ ބާތިލުކޮށް ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއް ވަނީ ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
މާލޭ ސިޓީ ކައުންސިލުން ބޭއްވި ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ރަޖިސްޓްރީ ބަދަލުކޮށްފައި ވާއިރު، އެމްޑީޕީއަށް ނިސްބަތްވާ ދެ މެމްބަރަކުވެސް ވަނީ އެ ހުށަހެޅުމަށް ތާއީދުކޮށް ވޯޓުދީފައެވެ.
އެޗްޑީސީއިން ވަނީ މި ނިންމުމަކީ ޤާނޫނާ ޚިލާފު، ނާތަހުޒީބީ ޢަމަލެއްގެ ގޮތުގައި ސިފަކުރައްވައި ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފައެވެ. އަދި އެކަމާ ގުޅިގެން އެޗްޑީސީއިން ވަނީ ބަޔާނެއްވެސް ނެރެފައެވެ.
One Response
އެޗްޑީސީ އިން ހުޅުމާލެ އަތުލުން ހަމަ އެންމެރަނގަޅީ. ނޫނީ ގްރޭޓަރ މާލޭ އޭރިއާއަށް ހެދިހެން އަގުމަގު ނުކޮށް މާލެ ވެސް އެޗްޑީސީގެ އެސެޓްބޮޑުކޮށް ލޯނު ނަގައިގެން މިވެރީން ކާން ދޫކޮށްލަންވީއެވެ. އެގޮތް ވެސް ރައްޔަތުން ގަބޫލުކޮށްފާނެއެވެ. މާލޭ ރައްޔަތުންނަށްވެސް ކޮތަރުކޮށިން ގޮޅިއެއް ދިނީމާ އޯކޭވެދާނެ ތޯއްޗެކެވެ. މިއީ ސަރުކާރަކަށްވުރެ ޖީއެމްއާރ ކުންފުނިކަހަލ ބަޔަކާ ވައްތަރީ. އަންނި އެއީ އެމްޑީ. އިބޫ ޗެއަރމަން.