މާލޭ މަގުމަތިން ދަނިކޮށް ގަދަކަމުން ގެއަކަށް ވައްދާ ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނާ އަންހެން މީހާ ފުލުހަކަށް ހަށިވިއްކައި ފޭރުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފި އެވެ.
މި އަންހެން މީހާ ހައްޔަރުކުރީ ދެ ފިރިހެނަކާ ބައިވެރިވެގެން އެހެން ފިރިހެނެއްގެ އަތުން ފޭރުނު ކަމަށް ތުހުމަތުކުރާ މައްސަލައެއްގަ އެވެ.
މި މައްސަލައިގައި އަންހެންމީހާ ފުލުސް މީހާއާއާ އެކީ މއެކަހެރިކޮށް އޮއްވާ އަންހެން މީހާގެ ލޯބިވެރިޔާ ކަމަށް ބުނާ ފިރިހެނަކާއި އަދި އެހެން ފިރިހެނަކު ވަދެ ބިރު ދައްކައި އަނިޔާކުރުމަށް ފަހު ފުލުސް މީހާގެ އަތުން 12،000ރ. ފޭރުނީ ކަމަށް ވެއެވެ.
މި މައްސަަލައާ ގުޅިގެން އިއްޔެ ކްރިމިނަލް ކޯޓުގައި ފުލުހުން ބުނީ މިއީ ދުރާލައި ރާވައިގެން ހިންގި އަމަލެއް ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އެ އަންހެން މީހާ ބުނީ ފޭރުމަކާ ހިސާބަށް ދިޔައީ އޭނާ ހަށިވިއްކަން އެއްބަސްވެ ފިރިހެނަކު ގެނެސް އޭނާއާ އެކު އޮއްވައި ލޯބިވެރިޔާ އަށް ފަޅައިއެރުމުން ކަމަށެވެ.
އެ އަންހެން މީހާ ބުނީ އޭނާކައިރިއަށް ފުލުސް މީހާ ގެނައީ ފައިސާއަށް ހަށިވިއްކުމަށް ކަމަށެވެ. އަދި އެކަމަށް އެދި އިސްވެ ގުޅީ ފުލުސް މީހާ ކަމަށް ވެސް ވަނީ ބުނެފައެވެ. އޭނާ ބުނިގޮތުގައި އަގަކީ 1000 ރުފިޔާއެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ އަންހެނަކާއި 31 އަހަރުގެ އޭނާގެ ލޯބިވެރިޔާގެ އިތުރުން 35 އަހަރުގެ ފިރިހެނެކެވެ. ތިން މީހުންގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން އެ އަންހެންމީހާގެ ލޯބިވެރިޔާ ބުނެފައިވަނީ އޭނާގެ މަށްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
އޭނާ ބުނީ އޭނާގެ ލޯބިވެރިޔާ ކައިރިއަށް ވަނީ ފުލުހެއްކަން ކުރިން ނޭނގޭ ކަމަށާ އަދި އޭނާގެ މަށްޗަށް ކުރެވޭ ވީޑިއޯކުރި ކަމަށް ބުނާ ތުހުމަތާއި ފޭރުނު ކަމަށް ކުރާ ތުހުމަތަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.
އޭނާ ބުނީ އެ ފައިސާ ފުލުސް މީހާ ދިނީ އޭނާ ދޫކޮށްލުމަށް އެއްބަސްވުމުން ހިތުން ރުހުމުގައި ކަމަށެވެ.
އަދި ލޯބިވެރިޔާއާ އެކު ފުލުސް މީހާ އޮތް މަންޒަރު ވިޑިއޯ ނުކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އޭގެ އިތުރުން އެ މީހާ ބުނެފައިވަނީ ފުލުސް މީހާއަށް އޭނާ ވީޑިއޯ ކުރާކަން ހީވެގެން ފޯނު އަތުލައި ހަލާކުކޮށްލައި އަނިޔާ ކުރިކަމަށެވެ.
ފުލުސް މީހެއްގެ އަތުން ފޭރުނުކަމަށް ބުނެ އޭނާ އަށް ވަރަށް އަނިޔާކޮށްފައިވާ ކަމަށް އެ އަންހެން މީހާގެ ލޯބިވެރިޔާ ވަނީ ކޯޓުގައި ބުނެފައެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން ފުލުސް މީހާ އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލާގައި ހިމެނޭ އުމުރުން 20 އަހަރުގެ މި އަންހެން މީހާ އަކީ މިދިޔަ އޭޕްރީލް މަހު 16 ވަނަދުވަހުގެ ރޭ މަގުމަތިން ހިނގާފައިދަނިކޮށް ދެ ފިރިހެނަކުވެގެން ގަދަކަމުން ގެންގޮސް ރޭޕްގެ ޝިކާރައަކަށްވި ކަމަށް އަޑުފެތުރުނު އަންހެން މީހާއެވެ. މިހާދިސާގައި އެ އަންހެން މީހާ މަގުމަތިން ގަދަކަމުން ގެންދާ ވީޑިއޯ އާންމުވެ ގިނަ ބައެއްގެ ކަންބޮޑުވުން އޮއްސުނެއެވެ. އެ ހާދިސާއާއި ގުޅިގެން އެ މީހާ ގެންދިޔަ ކަމަށް ބުނާ ދެ ފިރިހެނުން ހައްޔަރުކޮށް ބަންދުގައި ބޭތިއްބުމަށްފަހު ދޫކޮށްލީ ހައްޔަރުކުރިތާ މަހެއްހާ ދުވަސް ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނޭ އެކަކީ އަންހެންމީހާގެ ލޯބިވެރިޔާކަމަށް އެއަންހެންމިހާ ބުނާ ވީޑިއޯއެއްވެސް ފަހުން ވަނީ އާންމުވެފައެވެ.