އިސްލާމްދީނުގައި ފެންނަން އޮތީ މެދުމިނުގެ އެންމެ މަތިވެރި އުސޫލް ތައް: ރައީސް

Loading

Facebook
Twitter
WhatsApp

 

އިސްލާމް ދީނުގައި ފެންނަން އޮތީ މެދުމިނުގެ އެންމެ މަތިވެރި އުސޫލް ތައްކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ކީރިތި ގުރުއާނާބެގޭ ގައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ހަރުކަށި ފިކުރަކީ އިސްލާމީ ތަރުބަވީ އަހްލާގް ދަންނަ އެއްޗެއް ނޫންކަމަށެވެ.

“ އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކު ގެންގުޅޭ ހަރުކަށި ފިކުރަކީ، އިސްލާމީ ތަރުބަވީ އަހްލާގު ދަންނަ އެއްޗެއް ނޫން. އަޅުގަނޑުމެންނަށް އިސްލާމްދީނުން ފެންނަން އޮތީ، އިޖުތިމާއީ އަދާލަތާއި ހަމަހަމަކަމާއި، މެދުމިނުގެ އެންމެ މަތިވެރި އުސޫލުތައް. އިބައިވުމާއި ވަކިވަކިވުމެއް ނޫން.“ ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިސްލާމީ އަހްލާގް ދައުވަތު ދެނީ، އޯގާތެރިކަމާއި ލޯތްބާއެކު އެކުވެރިވެ، އެއްބައެއްގެ ގޮތުގައި އުޅުމަށް ކަމަށެވެ.

ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުން ދަސްވެނިވުނު ދަރިވަރުންނާ މުހާތަބް ކުރައްވައި ރައީސް ސާލިހު ވިދާޅުވީ އެ ދަރިވަރުން ދަސްވެނިވެވިފައިވަނީ ވަރަށް މުހިންމު ދާއިރާތަކަކުންކަމަށާ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އެންމެ ގަދަރުކުރެވޭ ދެ ދާއިރާއިންކަމަށެވެ.

އެގޮތުން ގުރްއާން ކިޔަވައިދެއްވާ މުދައްރިސުންނާއި، މިސްކިތްތަކުގެ މުދިމުންނާއި އިމާމުންނަކީ، ކާބަފައިންގެ ޒަމާނުން ފެށިގެން މުޖުތަމައުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އައި ބައެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެފަދަ ފަރާތްތަކުގެ ލަފައާއި އިރުޝާދު ރަށުފެންވަރުގައި ހޯދާ ކަމަށެވެ.

”ރަށު ފެންވަރުގައި ކަންކަން ރާވައި ހިންގާއިރު، އެމީހުންގެ ލަފަޔާއި އިރުޝާދު ހޯދާ. މުޅި މުޖުތަމައު އެމީހުންގެ ބަސް ޤަބޫލުކުރޭ. އޭރު އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަތީ ދަރަޖައަކަށް އެ އިހްތިރާމު އޮތް. މުޖުތަމައުގައި ސުލްހަޔާއި ހަމަޖެހުން އޮތް. އޭރު ދިވެހިން އުޅެމުން އައީ، އެކަކު އަނެކަކަށް އަޅާލައި އޯގާތެރިވެ، އެހީތެރިވާ އެއް އާއިލާއެއްގެ ގޮތުގައި.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއާދަކާދަ މިއަދުގެ މުޖުތަމައުން ފެންނަން ވެސް ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.

“ މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢަށް އެ އާދަތައް އެބަ ބޭނުންވޭ. އެ އަޚްލާޤު އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ. އެ ހަމަޖެހުމާއި، އެ އުފާވެރިކަން އަލުން އަނބުރާ އެބަ ގެންނަންޖެހޭ. އެކަން ކުރުމުގައި ތިޔަބޭފުޅުންނަށް ވަރަށް މުހިންމު ދައުރެއް އަދާކުރެއްވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން“ ރައީސުލް ޖުމުހޫރިއްޔާ ވިދާޅުވިއެވެ.

ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް ސާލިހު ވަނީ އެ މަރުކަޒުން ކުރިއަށްގެންދިޔަ ކޯސްތަކުން އެއްވަނަ ހޯދި ހަ ދަރިވަރަކަށް އިނާމް ހަވާލުކޮށް ދެއްވާފައެވެ.

އެއީ ގުރުއާން މުދައްރިސްކަމުގެ ޑިގްރީ ހާސިލް ކުރި ތިން ދަރިވަރަކާއި އިމާމުކަމުގެ ޑިގްރީން އެއްވަނަ ހާސިލް ކުރި ދެ  ދަރިވަރެއްގެ އިތުރުން ގުރުއާން މުދައްރިސްކަމުގެ ޑިޕްލޮމާ ކޯހުން އެއްވަނަ ހާސިލް ކުރި ދަރިވަރެކަށެވެ.

ރޭގެ ހަފްލާގައި ގުރުއާން މުދައްރިސުންގެ ޑިގްރީ ކޯހުން 58 ދަރިވަރުންނާއި އިމާމް ޑިގްރީ ކޯހުން 6 ދަރިވަރެއްގެ އިތުރުން ގުރުއާން މުދައްރިސުންގެ ޑިޕްލޮމާ ކޯހުން 20 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް