ބަދަލުވަމުންދާ ދުނިޔޭގެ ބައެއް މުސްލިމް ޝަޚްސިއްޔަތު

Loading

November 19, 2021
profile
Facebook
Twitter
WhatsApp

ކޮންމެ ގައުމެއް ނުވަތަ އާބާދީއެއްގައި ދިރިއުޅޭ ބައެއްގެ ތެރޭގައިވެސް އެންމެ މުހިންމު ކަމެއްގެގޮތުގައި ބަލާނީ އެބައެއްގެ ދީނާއި އާދަކާދައެވެ. ބައެއްފަހަރު ދީނުގެ އަގީދާގެތެރެއަށްވެސް އާދަކާދަވަދެ މަސްހުނި ވެފާއެބަހުއްޓެވެ. އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައިވެސް ދާދި ފަހަކާ ޖެހެންދެން މިކަހަލަ ގިނަ އާދަކާދަތެއް އަށަގެންފާހުއްޓެވެ. މިސާލަކަށް ޒިޔާރަތްތަކަށްގޮސް ނަދުރުބުނުމާއި މަރުވެގޮސްފައިވާ ވަލީވެރި ބޭކަލުންނަށް ގޮވުމާއި މުސްތަގްބަލް ދެނެގަތުމަށްޓަކައި ކޮށް އުޅުނު ކަންތައްތަކެއްވެސް ހުއްޓެވެ.

އެހެންނަމަވެސް މިއިން އެއްވެސް ކަމެއްގެ ސަބަބުން ދީނުންބޭރުވެގެން ހިނގައިދާނެ ކަމަކަށް ނުދެކެއެވެ. ހިތުގައި އޮންނަ އީމާން ކަމުގެ އަގީދާއަށް ނުރަނގަޅު ބަދަލެއް އަންނަ ކަމަކަށްވެސް ގަބޫލެއް ނުކުރެއެވެ. އިސްލާމަކަށްވީތީ ލިބެމުންދާ ހިތްހަމަޖެހުމަކަށްވެސް ބަދަލެއް ނާދެއެވެ. އުފާކުރަންޖެހެނީ އެފަދަ ނުރަނގަޅު އާދަކާދަތައް އަޅުގަނޑުމެންގެ ތެރޭން މަޑުމަޑުން ފޮހެވިގެންދާތީއެވެ. އެއީ ދުރުހެލިވެ ރައްކާތެރިވާންޖެހޭ ކަންތަކެއްކަން ވިސްނާދެއްވަން ޢިލްމުވެރިން ކުރައްވަމުންގެންދަވާ މަސައްކަތަށް ތަޢުރީފް ޙައްގެވެ.

ކަންމިހެން އޮތްނަމަވެސް މިއަދު އަޅުގަނޑުމެންގެ ފަސްގަނޑުން ފެންނަމުން ދާ ބައެއް މަންޒަރުތަކާއި ދޭތެރޭ ބަދަލުވަމުންދާ ދުނިޔޭގެ ޙާލަތާއެކު ވިސްނާފިކުރުކުރަން އެބަޖެހެއެވެ. އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. އަޅުގަނޑުމެންގެ ފަސްގަނޑަކީ އިސްލާމީ ވެރިކަމެއް ހިންގާ ފަސްގަނޑެކެވެ. އެކަމަކު މިއަދު ދިވެހިންނަށް “ ކާފަރެކޭ ނުބުނަން “ ގާނޫނެއް ވެސް ބޭނުންވެއްޖެއެވެ. އެހެންވީއިރު ދީނީ ޢަގީދާގައި އަޅުގަނޑުމެންނަށް މިދަތުރުކުރެވޭ މިސްރާބު ރަނގަޅުތޯ އެތައްފަހަރަކު ވިސްނާ ފިކުރުކުރަން އެބަޖެހެއެވެ. ދުނިޔޭގަ މަސްރަޙުން ފެންނަމުންދާ މަންޒަރުތައް މާބޮޑަށްވެސް ތަފާތު ވަމުންދާތީއެވެ.

ދުނިޔޭގެ އެންމެ ތަރައްގީވެފައިވާ ގައުމަކީ ގިނަބަޔަކު ދެކޭގޮތުގައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ ކަމުގައި ދެބަހެއް ނުވާނެއެވެ. ނަސާރާ ދީނުގެ އަހުލުވެރިން އެންމެގިނަ ގައުމަކީވެސް އެއީ ކަމުގައި ހަމަކޮންމެމީހަކު ގަބޫލުކުރާނެއެވެ. އެ ގައުމުގައި 1900 ގެ ކުރީކޮޅުގެ އަހަރުތަކާއި ހަމަޔަށްވެސް މުސްލިމް އާބާދީއެއް އޮތްކަމަކަށް ނުވެއެވެ. އެ ގައުމުގެ އަސްލު ވަޒަންވެރިންގެ ތެރޭގައިވެސް މުސްލިމް އާބާދީއެއް އޮތްކަމަށް ތާރީޚުން އެނގޭކަށް ނެތެވެ. ނަމަވެސް މިއަދު އެމެރިކާގައި އިތުރުވަމުންދާ މުސްލިމް އާބާދީއާމެދު ވިސްނާލުން ވަރަށް ބޭނުންތެރިއެވެ. އަޅުގަނޑުމެން އަޅާކިޔަން މިޖެހެނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމާއެކުގައެވެ.

ވަމުން މިދާގޮތާމެދު ވިސްނާ ފިކުރުކުރުން ބުއްދިވެރިއެވެ. 1900 ގެ އަހަރުތަކުގެ ކުރީކޮޅުގައި އިސްލާމީ ދެތިން އިލްމުވެރިޔަކު އެމެރިކާގައި އިންދެވި އޮށުން ފެޅިގަސްތައް ބޮޑެތިވެ ބިޔަވަމުންދާ ހިތްގައިމު މަންޒަރާމެދު ވިސްނާލާ ބަލާށެވެ. އޭގެތެރޭން އެއްބޭފުޅަކީ 1948 ވަނައަހަރު ނަސާރާ ޢާއިލާއަކަށް އުފަންވެ ވަޑައިގެންނެވި ވައިމަން ލޭންޑްގްރަފްއެވެ. ބޮޑުފުޅުވެގެން އައީ ޖޯރޖިޔާއާއި އެތެންސްގައެވެ. އިސްލާމްދީނާ ދުރު ވެއްޓެއްގައެވެ. އެހެންނަމަވެސް ދުނިޔޭގެ ބަދަލުވަމުންދާ މަސްރަހާމެދު ފިކުރު ނުކޮށް ހުންނެވުމަކަށް ބޭނުންފުޅެއް ނުވިއެވެ. ނަސްލީ ހަމަހަމަކަމާމެދު ވަކާލާތުކުރައްވަމުން ގެންދެވި އެމެރިކާގައި އުފެދުނު އެންމެ މަޝްހޫރު އެއް ބޭފުޅަކުކަމުގައިވާ މެލްކަމް އެކްސް ގެ ޙަޔާތުން ލިބިވަޑައިގެންނެވި އަގުހުރި ފިލާވަޅުތަކުގެ ސަބަބުން އިސްލާމްދީނަށް ހިތް ލެނބި ވަޑައިގެންނެވީއެވެ. 1970 ވަނައަހަރު އިސްލާމުވެ ވަޑައިގަތުމަށްފަހު 1972 ވަނައަހަރު ޔުނިވަރސިޓީއޮފް ޗިކާގޯގައި ތައުލީމް ޙާސިލުކުރައްވަމުން ގެންދެވި މަގު ބަދަލުކޮށްލައްވައި 1978 ގައި މާލިކީ މަޒުހަބުގެ ގާނޫނީ ފަލްސަފާއިން ޕީ. އެޗް. ޑީ. ހާސިލުކުރެއްވިއެވެ. އިސްލާމް ވެ ވަޑައިގަތުމަށްފަހު ނަންފުޅަކަށް ޚިޔާރުކުރެއްވީ ޢުމަރު ފާރޫގް ޢަބްދު އެވެ. މިއަދު ޢުމަރު ފާރޫގް ޢަބްދު އަކީ މާލިކީ މަޒްހަބަށް ނިސްބަތްވެވަޑައިގަންނަވާ ސުންނީ މުސްލިމެކެވެ.

އިސްލާމްވެވަޑައިގަތުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ މީސްތަކުންނަށް އިސްލާމްދީން އޮޅުންފިލުވައި ދެއްވުމަށެވެ. އެ މަގުން ހިންގެވުމަށްޓަކައި ގިނަދުވަސްތަކެއް ވަންދެން މިޗިގަން ސްޓޭޓާއި ކެނޑާގެ ބައެއް ޝަހަރުތަކުގައި އިސްލާމްދީނާއި އަރަބިބަސް ކިޔަވައިދެއްވުމުގައި ހޭދަކުރެއްވިއެވެ. އެއަށްފަހު އަރަބިބަސް ކިޔަވައި ދެއްވުމަށްޓަކައި ސްޕޭނުގައިވެސް ދިގު މުއްދަތެއް ހޭދަކުރެއްވިއެވެ. އޭގެފަހުން 2000 ވަނައަހަރާ ހަމަޔަށް ސަޢޫދީ ޢަރަބިއާގެ ކިންގް ޢަބްދުލް ޢަޒީޒު ޔުނިވަރސިޓީގައި އަރަބި ބަހުން އިސްލާމްދީނާއި އެހެންދީންތައް އަޅާކިއުމުގެ އިލްމު އުގަންނަވައި ދިނުމުގައި ދެމިހުންނެވިއެވެ. 20 އަހަރު ދުވަސްވާންދެން އެހެން މީހުންނަށް އިސްލާމްދީން އުނގަންނައި ދެއްވަން ރަށުން ބޭރުގައި އުޅުއްވުމަށްފަހު 2000 ވަނައަހަރު އެނބުރި މިޗިގަންއަށް ވަޑައިގެން މަވާވީ ފައުންޑޭޝަން އުފައްދަވައި (ހިލޭ ސާބަހަށް ) އެމެރިކާއާއި ކެނެޑާގައި އިސްލާމްދީން ކިޔަވާދެއްވަން ފެއްޓެވިއެވެ.

އަދި މިހާރުވެސް އެކި ގައުމުތަކަށް ވަޑައިގެން ހަފްތާ ބަންދުގައި ވެސް ކިޔަވާދެއްވަމުން ގެންދެވުން އާދައަކަށް ހައްދަވައިފިއެވެ. އަދި ސްޓޭންފޯރޑް ޔުނިވަރސިޓީ އާއި ބާރކްލޭގެ ގްރޭޖުއޭޓް ތިއޯލޮޖިކަލް ޔުނިއަންގެ މެމްބަރުންގެ ބޯޑުގެ މުޝީރުކަން މިހާރުވެސް ކުރައްވަމުން އެބަ ގެންދަވައެވެ. މިބޭފުޅުންގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރާނީ ކޮން ތިލަފަތަކުންތޯ ވިސްނާލާބައްލަވާށެވެ.

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި މުސްލިމް ވޯޓާރސްގެ އަދަދު 2016 އިން 2020 ވަނައަހަރާ ހަމަޔަށް އައިއިރު 18 ޕަރސެންޓް މިވަނީ އިތުރުވެފައެވެ. މިނޮވެމްބަރުމަހު ބޭއްވުނު ކައުންސިލްތަކުގެ އިންތިޚާބުގައި ވިއްސަކަށް ޝަހަރުން 110 ވަރަކަށް މުސްލިމުން ވާދަކުރެއްވިއެވެ. އޭގެތެރޭން ދެ ޝަހަރެއްގައި މުސްލިމް މޭޔަރުން އިންތިޚާބު ކުރެވުނެވެ. އަދި އިތުރު ދެ ކައުންސިލަރުންވެސް އިންތިޚާބު ކުރެވުނެވެ. މިއަށްވުރެންވެސް ބޮޑަށް ފާހަގަ ކުރެވިގެންދަނީ މިޗިގަން ސްޓޭޓްގެ އިންތިޚާބެވެ. އެ ޝަހަރުގެ ކައުންސިލަށް އިންތިޚާބު ކުރެވުނު ހުރިހާ ކައުންސިލަރުންނަކީ މުސްލިމުންކަމުގައި ތާރީޚްގެ ތެރެއަށް ވަދެގެން ހިނގައްޖެއެވެ.

އެމެރިކާގެ މުޅިތާރީޚުގައި ފުރަތަމަފަހަރަށް ޝަހަރެއްގެ ހުރިހާ ކައުންސިލަރުންނަކީ މުސްލިމުންކަމުގައި ވުމަކީ އެމެރިކާއަށްވެސް އާފެށުމަކަށް ވެގެންދާނެއެވެ. މިއީ ދުނިޔޭގެ އެންމެހާ މުސްލިމުން ހަނދާންކޮށް އެކަން ދެމެހެއްޓުމަށްޓަކައި ގަދައަޅައި މަސައްކަތްކުރަންޖެހޭ ފިލާވަޅެކެވެ. ދިވެހިރާއްޖޭގެ އިސްލާމީ ހަވުދަތަށް ދިމާވާ ގޮންޖެހުންތަކާއިމެދު ވިސްނަން މަޖުބޫރު ކުރުވައިފިއެވެ.

މިލިއުމުގައި އަޅުގަނޑު ފާހަގަކޮށްފައިވާ އިލްމުވެރިޔާ ޢުމަރު ފާރޫގް ޢަބްދުﷲ އިސްލާމް ވެވަޑައިގަތުމުގައި މެލްކޮމް އެކްސްގެ ހަޔާތުން ލިބިވަޑައިގެންނެވި އަގުހުރި ފިލާވަޅުތަކުގެ ހިއްސާވެސް ވަރަށް ބޮޑުކަން ފާހަކުރެވިފައިވާތީ މެލްކޮމް އެކްސްގެ ކުރު ތަޢާރުފެއްވެސް ކިއުންތެރިންނާއެކު ޙިއްސާކޮށްލަން އަޅުގަނަޑުބޭނުމެވެ. އަޅުގަނޑުގެ އިލްމު މަދުކަމުން އެ ތަޢާރުފްގައި ހުރެދާނެ އުނިކަމަށްޓަކައި ކިއުންތެރިންގެ އަރިހުން މަޢާފް އެދެމެވެ.

މެލްކޮމް އެކްސް އުފަންވެވަޑައިގަތީ ޔުނައިޓެޑް ސްޓޭޓްސްގެ ނެބްރެސްކާ އޮމާހާގައެވެ. އަވަހާރަކޮށްލެވުނީ 1965 ފެބްރުއަރީ 21 ގައެވެ. ބައްޕާފުޅަކީ އާރލް ލިޓްލް އަދި މަންމާފުޅަކީ ލުއިސް ލިޓްލް އެވެ. މެލްކޮމް އެކްސް ގެ އުފަން ނަން ފުޅަކީ މެލްކޮމް ލިޓްލް އެވެ. އާއިލާ ނިސްބަތް ކުރެވެނީ ނަސްރާނީ ދީނަށެވެ. މަންމާފުޅަކީ 1920 އިން 1930 އަށް ކުރިއަށްދިޔަ މާރކަސް ގާރވީ ޙަރަކާތްތަކުގެ ގައުމީ ރެކޯރޑިން ސެކްރެޓަރީއެވެ. ބައްޕާފުޅަކީ ބެޕްޓިސްޓް ފާދިރީ އަކަށް ވުމުގެ އިތުރުން އިންސާނީ ނަސްލުތަކުގެ ހަމަހަމަކަމަށް ވަކާލާތުކުރުމުގެ އިސް ސަފުގައި ހުންނެވި ބޭފުޅެކެވެ. މަރުގެ އެތައް އިންޒާރެއް ލިބެމުންދިޔައެވެ. މިޝިގަންގައި ހުންނަ އެއާއިލާގެ ގެ 1929 ގައި އަންދާލާއި ބިމާހަމަކޮށްލެވުނެވެ. އޭގަ 2 އަހަރު ފަހުން އޭނާގެ ހަށިގަނޑު ފެނުނީ މަރާލާފައި އޮއްވައެވެ. ފުލުހުންގެ ނިންމުމަކީ އެއީ އެކްސިޑެންޓެއް ކަމުގައެވެ. މިހާދިސާއާއި ގުޅިގެން މަންމާފުޅު ދުނިޔެއިން މޮޔަވީއެވެ.

ހަޔާތުގެ ސަފްޙާތައް މެލްކޮމް އެކްސް އަށް ކުލަޖައްސަމުންދިޔައީ ވަރަށްވެސް ހިތްދަތި ކުލަތަކަކުންނެވެ. 1946 ވަނައަހަރު ވައްކަމުގެ މައްސަލައެއްގައި 10 އަހަރަށް ޖަލަށް ލެވުނެވެ. ނަމަވެސް 7 އަހަރަށްފަހު ޕެރޯލްގެ ދަށުން ދޫކޮށްލެވުނެވެ.

މި ދުވަސްތަކުގެ ތެރޭގައި މެލްކޮމް ގެ ބޭބެ ރެޖިނޯލްޑް އިސްލާމްދީނަށްވަދެ އަދި އޭނާގެ ތަޖްރިބާ އާބެހޭގޮތުން މެލްކޮމް އާއި މަޝްވަރާކޮށް ހަދަމުން ގެންދިޔައެވެ. ރެޖިނޯލްޑަކީ އޭރު ނޭޝަންސް އޮފް އިސްލާމްގެ މެމްބަރެކެވެ. 1952 ގައި ޕެރޯލްގެދަށުން މިނިވަންވުމާއެކު މެލްކޮމް އެކްސް ގެ ނަން ޚިޔާރުކޮށް އިސްލާމްދީނާގުޅޭ ހަރަކާތްތަކުގައި ހަރަކާތްތެރިވާން ފެއްޓިއެވެ. 1952 ގައި އެންމެ 500 މެމްބަރުން ތިބި ނޭޝަންސް އޮފް އިސްލާމްގައި 1963 އާ ހަމައަށް އައި އިރު 30000 މެމްބަރުން ހަމަކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅަކީ މެލްކޮމް އެކްސް އެވެ. ނޭޝަންސް އޮފް އިސްލާމްގެ ހަރަކާތްތައް ފުޅާވަމުން ދާން ފެށުމުން އެފް. ބީ. އައި. ގެ ލޯ އެ ޖަމާޢަތަށް އަމާޒުވިއެވެ. އޭގެ އިތުރުން ނޭޝަންސް އޮފް އިސްލާމްގެ ވަރަށް އިސް ބޭފުޅެއްގެ ނުރަނގަޅު ހަގީގަތްތަކެއް ހާމަވުމުން މެލްކޮމް އެހަރަކާތްތަކުން ފެޔަށް ޖެހިވަޑައިގެން މުސްލިމުންގެ މިސްކިތުގެ ނަމުގައި އަލުން ހަރަކާތްތެރިވާން ފެއްޓެވީއެވެ. އަދި ހަމަ އެ އަހަރު ހައްޖަށް ވަޑައިގަތުމުން އިސްލާމްދީނުގައި ހަގީގީ މާނައިގާވެސް ހަސަބާއި ނަސަބު އަދި ކުލައާއި ވަޒަނުގެ ތަފާތު ކުރުން ނެތްކަން ފާޅުގައި ހާމަވެގެންދިއުމުން އޭނާގެ މަގްސަދު ހާސިލުކުރެވުމުގެ އުންމީދު އާލާވެގެން ދިޔައެވެ.

އެފް. ބީ. އައި. ގެ އޭޖެންޓުން އެތައްފަހަރަކު އެކިއެކި ގޮތްގޮތުން މެލްކޮމް އެކްސް މަރާލަން ކުރަމުން ގެންދިޔަ މަސައްކަތުގައި އެންމެފަހުން މެލްކޮމްގެ ދެމަފިރި ކަނބަލުންނާއި އަންހެން ހަތަރު ބޭފުޅުން ދިރި އުޅުއްވަމުން ގެންދެވި ގޭގައި ބޮމެއް ގޮއްވާލި ނަމަވެސް އެއިން އެއްވެސް ބޭފުޅަކަށް ޖިސްމާނީ ގެއްލުމެއް ލިބިވަޑައިނުގެން ސަލާމަތްވީއެވެ. ނަމަވެސް 1965 ފެބްރުއަރީ 21 ވަނަދުވަހު މެންހަޓަންގެ ބޯލްރޫމެއްގައި ތަގްރީރު ކުރެއްވުމުގައި ހުންނަވަނިކޮށް ދުޝްމިނުންގެ 3 މީހަކު ކައިރިއަށްހުއްޓި 15 ވަޒަން އޭނާގެ ހަށިގަނޑަށް ފޮނުވާލުމުން 39 އަހަރުގެ ޒުވާން އުމުރުފުޅުގައި މެލްކޮމް އެކްސް އަވަހާރަކޮށްލެވުނީއެވެ.

,

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Loading

2 Responses

  1. ވަރަސް ޢިލްމީ ބޭނުންތެރި ވާހަކަ ކޮޅެއް. ޝުކުރިއްޔާ. އަހަރެމެންގެ ޝޭޚުންގެ ތެރެއިން ގިނަ މީހުންނަކީ މަމޮޅު ހެދިގެން ހެޔޮވާހަކަ ދައްކައި އެ ދައްކާ ހެޔޮވާކައާއި އެެއްގޮތަށް ޢަމަލު ނުކުރެވޭ މީހުނެވެ. ވީމާ ސައްތައިން ސައްތް އިސްލާމީގައުމެއް ލިބުނަސް އެހެން ދީންތައް ފެތުރުން ހުއްޓުވޭފަދަ ވިސްނުމެއް ކެރުމެއްވެސް ނެތްބައެކެވެ.
    ދެރަކަމުަގެ ކޮޅެއްނެތެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް