ނ. ވެލިދޫ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނ( އާރްޑީސީ) އާއި ހަވާލުކޮށްފިއެވެ.
ވެލިދޫ މަގުތައް ހެދުމަށް އާރުޑީސީއާއ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އާރްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކެވެ.
88 މިލިއަނެއްހާ ރުފިޔާގެ މި މަޝްރޫއު އާރްޑީސީ އާއި ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭ މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.
ވެލިދޫ މަގުތަކުގައި ތާރުއެޅުމަށް ހިންގާ މި މަޝްރޫއުގެ ދަށުން އެ ރަށުގެ ފަސް ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ކުރުންވެސް ހިމެނެއެވެ.