މިދުވަސްކޮޅު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކ. އަތޮޅުން ފެށިންގެ ލ. އަތޮޅަށް މެޓް އޮފީހުން ވަނީ ޔެލޯ އެލާޓް ނެރެފައެވެ.
ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އިރު އުތުރުން ސްރީލަންކާ ކައިރީގައި ކޮޅިގަނޑެއްގެ އަސަރެވެ. މެޓުން މީގެ ކުރިން ބުނީ އެ ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެދާނެ ކަމަށެވެ. އެގޮތުން އެކިސަރަހައްދުގައި ވަޔާއި ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންކަމުން އާއްމުކޮށް ހުރިހާ ފަރާތްތަކުންނާއި ހާއްސަކޮށް ކަނޑުދަތުރު ކުރާއިރު މޫސުމަށް ސަމާލުވުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.