ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކުރަން ހުށަހެޅި ބިލު ކޮމިޓީން ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ސިވިލްސާވިސްގައި ނުހިމެނޭ ވަކި ހިދުމަތެއްގެ ގޮތުގައި، ދިވެހި ރާއްޖޭގެ ފޮރިން ސާވިސް ގެ ނަމުގައި ވަކި ހިދުމަތެއް ގާއިމު ކުރަން ހިމަނައިގެން  ”ދިވެހި ރާއްޖޭގެ ފޮރިން ސާވިސް“ގެ ނަމުގައި ހުށަހެޅި ބިލު މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފިއެވެ.

ފޮރިން ސާވިސްގެ ބިލުގެ ބޭނުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް ބައިނަލްއަގުވާމީ ގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ފައްތަން ބޭނުންވާ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން ސާވިސްއެއް ބިނާ ކުރަން ސިވިލް ސާވިސްއާ ވަކިން ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމް ކުރުމެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) މަޖިލީހަށް ހުށަހެޅުއްވި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ބިލް ދިރާސާކޮށް ބައެއް ބަދަލުތައް ވަނީ ގެނެސްފަ އެވެ.

އެގޮތުން ޑިޕްލޮމެޓިކް މިޝަންތައް ގާއިމުކޮށް، ބަންދު ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އޮތް މާއްދާ ވެސް ކޮމިޓީން ވަނީ އިސްލާހުކޮށްފަ އެވެ. މިހާރު އޮތް ގޮތުން އެކަންކަން ކުރުމުގެ ނިންމުންތައް ނިންމާނީ ރައީސް އެވެ. އަދި ފޮރިން ސާވިސް އަށް މުވައްޒަފުން އިތުރުކޮށް އުނިކުރަން ވާނީ، ރައީސް އޮފީހަށް ހުށަހަޅައި ހުއްދަ ހޯދުމަށްފަހުގައި ކަމަށްވެސް ބިލްގައި ހިމަނާފައިވެ އެވެ.

އަދި ފޮރިން ސާވިސްގެ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ އެކަމާ ގުޅޭ މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ޕޭ ކޮމިޝަނުން ކަމަށް ކަނޑައަޅައި ބިލަށް މާއްދާއެއް އިތުރުކޮށްފައިވާއިރު މުވައްޒަފުންގެ ތެރެއިން މުސްކުޅި ކުރާ މުވައްޒަފުންނަށް މާލީ އިނާޔަތްތައް ދޭން ވާނީ، ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާއި އެއްގޮތަށް ކަމަށް ވެސް ބުނެފައި ވެއެވެ.

 

އަދި މީގެ އިތުރުން  ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރާ މީހަކީ އެ މިނިސްޓްރީގައި މަދުވެގެން 10 އަހަރު މަސައްކަތް ކޮށްފައިވާ މީހަކަށް ވާންޖެހޭނެ ކަމަށްވެސް ބިލްގައިވެ އެވެ. ބިލްގައި ކުރިން އޮތީ އެ މުއްދަތު 15 އަހަރު ކަމުގައެވެ.

މީގެ އިތުރުން ކޮމިޓީން އިސްލާހުކޮށްފައިވާ މާއްދާ ތަކަކީ ފޮރިން ސާވިސްގެ މުވައްޒަފުންނާއި ފޮރިން ސާވިސް މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސާވިސް އިން ބޭރުގެ މުވައްޒަފުން، މަގާމުގެ ހައިސިއްޔަތުން އެމީހުންނަށް ލިބޭ މައުލޫމާތުތައް ދައުލަތުގެ ސިއްރުގެ ގޮތުގައި ހިފަހައްޓަން ވާނެ ކަމަށާއި، އެފަދަ އެއްވެސް މައުލޫމާތެއް ހާމަކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ މާއްދާ އާއި، އެ ވަޒީފާތަކުގެ ގިންތި ތަކާއި، މަގާމުތަކުގެ މަސްއޫލިއްޔަތު ތަކާއި، އެ މަގާމުތަކުގެ ޝަރުތުތައް ބަޔާންކުރާ ވަޒީފާގެ އޮނިގަނޑެއް ފޮރިން ސާވިސް އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން މިނިސްޓްރީން އެކުލަވާލައި ރައީސް އޮފީހަށް ހުށަހަޅާން ވާނެ ކަމަށް އޮތް މާއްދާ އެވެ.

ބިލް މިހާރު އޮތް ގޮތުން ފޮރިން ސާވިސްގެ މުވައްޒަފުންނާއި ފޮރިން ސާވިސް މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސާވިސް އިން ބޭރުގެ މުވައްޒަފުން، މަގާމުގެ ހައިސިއްޔަތުން އެމީހުންނަށް ލިބޭ މައުލޫމާތުތައް ހާމަކުރުމަކީ ކުށެކެވެ. އަދި ފޮރިން ސާވިސްގެ ވަޒީފާތަކުގެ ގިންތި ތަކާއި، މަގާމުތަކުގެ މަސްއޫލިއްޔަތު ތަކާއި، އެ މަގާމުތަކުގެ ޝަރުތުތައް ބަޔާންކުރާ ވަޒީފާގެ އޮނިގަނޑެއް ފަދަ އެއްޗެއް އެކުލަވާލެވޭނީ ރައީސް އޮފީހުން ހުއްދަ ދިނުމަށްފަހުގައި ކަމަށެވެ.

މި ބިލަށް ބަދަލުތަކެއް ގެނެސްފައިމިވަނީ ބިލުގެ ބައެއް މާއްދާތަކާ މެދު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް